Roadha Mihaaru
އައިސޮލޭޝަންގައި ހުއްޓައި 89އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އައިސޮލޭޝަނުގައި ހުއްޓައި 89 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

02 ޖޫން 2020

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހުޅުލޭ އައިލެންޑް ފެސިލިޓީގައި ބަހައްޓާފައި ހުރި 89 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހުޅުލޭ އައިލެންޑް ފެސިލިޓީގައި ބަހައްޓާފައި ހުރި 89 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ.

މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި ހަތް ވަނަ މީހާ އެވެ. އަދި ދިވެހި ހަތަރު ވަނަ މީހާ އެވެ. އެޗްޕީއޭ އިން ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މީހާ ބައްޔަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 28ގަ އެވެ.

އެޗްޕީއޭ އިން ބުނީ އެ މީހާ މަރުވީ މިއަދު 6:20 ގައި ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ދުވަސްވީ އަންހެން މީހާ މަރުވީ އައިސޮލޭޝަން ފެސިލިޓީގަ އެވެ. އޭނާއާ އެކު އާއިލާގެ އިތުރު ތިން މީހަކު ވެސް ޕޮޒިޓިވް ވެގެން ތިބީ އޭނާއާ އެކު އައިސޮލޭޝަންގައި އެއް ކޮޓަރީގަ އެވެ.

އެ މިހާ މަރުވީ ހޮސްޕިޓަލަށް ގެންދަނިކޮށް ކަމަށް، އެންމެ ފުރަތަމަ ރިޕޯޓްކުރި ނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ މަރުވެފައި އޮތްކަން އެނގުނީ، އެއްވެސް ހަރަކާތެއް ނެތްކަން އެނގުމުން ފަތިހު އެކަން އެންގުމުން ނަރުހުން ގޮސް ބެލުމުން ކަމަށެވެ.

ކޮވިޑް-19ގައި އިއްޔެ ރޭ ވެސް ވަނީ ބަންގްލަދޭޝްގެ ފިިރިހެނަކު މަރުވެފަ އެވެ. މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ ބަންގްލަދޭޝްގެ ތިން މީހުންނާއި ހަތަރު ދިވެއްސެކެވެ. ކޮވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ތިން ދިވެހިންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމް ހިމެނެ އެވެ.

އިއްޔެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ 1،829 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 488 މީހަކު ވަނީ ރަނގަޅުވެފަ އެވެ.