Roadha Mihaaru
ހުޅުމާލޭގައި ކޮވިޑަށް ފަރުވާދިން މީހަކު މަރުވެއްޖެ

ހުޅުމާލެ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދިން މީހަކު މަރުވެއްޖެ

25 އޯގަސްޓް 2020

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

މި މަރާއެކު، އަދިވެސް ބާރަށް ފެތުރެމުންދާ ކޮވިޑުގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 28 އަށް އެރީ އެވެ.

ކޮވިޑުގެ ފަރުވާ އަށް ޚާއްސަކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ހުރި މީހަކު "މިހާރު"އަށް ބުނީ ގާތްގަނޑަކަށް 60 އަހަރުގެ އެ މީހާ މަރުވީ ފަތިސް ނަމާދަށް ހުއްޓައި ވެއްޓުމުން ޑޮކްޓަރުންނާއި ނަރުހުން އެ ކޮޓަރި އަށް ވަދެ ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އޭނާއާ އެކު އަންހެނުން ވެސް ޕޮޒިޓިވްވެ އެތަނަށް ވަނީ ގެންގޮސްފަ އެވެ.

މި މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ކޮންމެ ދުވަހަކު މި ބައްޔަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. މީގެތެރޭގައި ގިނައީ އެންމެ ހަރަކާތްތެރި އުމުރުފުރާގެ ދިވެހިންނެވެ. މީގެތެރެއިން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ އަދަދު އިތުރުވަމުން ދިއުމަކީ ޑޮކްޓަރުންގެ ކަންބޮޑުވުމެކެވެ. މި ރޭޓުންދާ ނަމަ، މާލެ ސަރަހައްދުގައި ފަރުވާ އަށް ޚާއްސަ ކުރި ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ބިރު ވެސް ސިއްހީ ދާއިރާގެ ބޭފުޅުންނަށް އެބައޮތެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި އެނދުނުތަކުގެ 62 ޕަސެންޓް ބޭނުންކުރަމުން އަންނައިރު މިއީ އެލާޓް ލެވެލް ދޭކެވެ. އެލާޓް ލެވެލް 2 ގެ ގޮތުގައި ބަލަނީ 60-79 ޕަސެންޓް އެނދުތައް ފުރުމެވެ. ވެންޓިލޭޓަރުގައި ފަސް މީހަކަށް ފަރުވާދޭ އިރު އައިސީޔޫގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އެބަތިއްބެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގަ އަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6،700 އަށް ވުރެ މަތިވެފަ އެވެ. މިއީ އާބާދީގެ ނިސްބަތުން ބޮޑު އިތުރުވުމެކެވެ.