Roadha Mihaaru
ޖިސްމާނީ އަނިޔާ މިދިޔަ މަހު އިތުރުވެއްޖެ!

ޖިސްމާނީ އަނިޔާ މިދިޔަ މަހު އިތުރުވެއްޖެ!

03 ޖޫން 2020

މާލެ ލޮކްޑައުންކުރުމާ އެކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައި ނުވިޔަސް ކުޑަކުދިން ހިމެނޭ ގޮތުން ޖިސްމާނީ އަނިޔާކުރުން މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ ލޮކްޑައުންކުރުމާ އެކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައި ނުވިޔަސް ކުޑަކުދިން ހިމެނޭ ގޮތުން ޖިސްމާނީ އަނިޔާކުރުން މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ "މިހާރު"އަށް ވިދާޅުވީ މާޗް މަހާއި އެޕްރީލް މަހު ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ. އެއީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޝޮކާ ގުޅިގެން ނުވަތަ މާލެ ލޮކްޑައުންކޮށް އަބަދުވެސް ގޭގޭގައި ގިނަ ބަޔަކު ތިބެން ޖެހުމުން ވެދާނެ ގޮތެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަނިޔާ ދޭ މީހާއާ އެކު އަބަދު އެކީގައި ބަންދުވެ އުޅެން ޖެހުމަކީ ވެސް ރިޕޯޓް ކުރުން މަދުވި ސަބަބަކަށް ވުން އެކަށީގެންވެ އެވެ.

"މެއި މަހު ކުއްލިއަކަށް މައްސަލަތައް އިތުރުވެއްޖެ. އަޅުގަނޑުމެންނަށް މި ފާހަގަވަނީ، ފިޒިކަލް ވައިލެންސް އިތުރުވާ ކަން، މިސާލަކަށް ތަޅައިގަންނަނީ، ކުޑަކުދިންނަށް ވެސް އެބަ އަނިޔާކުރޭ،" އައިޝާ ވިދާޅުވި އެވެ.

މި މައްސަލަތަކުގައި، ބައެއް މީހުން ފަހުން ދެރަވާ ކަމަށާއި އެގޮތަށް އަނިޔާ ކުރެވުނީ ހާލަތުގެ ގޮތުން ކަމަށް ބުނާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ވެސް "އަނިޔާ ވާނީ އަނިޔާއަށް" ކަމަށާއި އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ ކަންބޮޑުވުމަކީ ދެ މަސް ދުވަހުގެ ލޮކްޑައުންއެއްގައި ކުޑަކުދިން ތިބެން ޖެހި ނަފްސާނީ ގޮތުން އެ ކުދިންނަށް ތަހައްމަލްކުރަން ޖެހިފައިވާ އުނދަގޫ ހާލަތުގައި އިތުރު އަނިޔާއަކަށް ހުށަހެޅުމެެވެ. އެހާ ދުވަހު ކުޑަކުދިންނަކީ އެއް ތަނެއްގައި ތިބެވޭނެ ބައެއް ނޫން ކަމަށާއި އެ ކުދިން ހެދި ބޮޑުވުމުގައި، ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

ދިމާވެފައިވާ ހާލަތުގެ ގޮތުން އެކަން އަދި ނުވެދިޔަސް ގޭތެރޭގައި އެ ކުދިން އަނިޔާ ހުށަނޭޅޭ ރައްކާތެރި މާހައުލެއް ކަށަަވަރުވެފައި އޮތުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި ޖިސްމާނީ އަނިޔާ އިތުރުވަމުންދާތީ މިނިސްޓްރީން އަންނަނީ މެންޓަލް ހެލްތު ބައެއް ޑޮކްޓަރުންނާ ވެސް މަޝްވަރާ ކުރަމުންނެވެ.

މިނިސްޓަރުގެ އެދިވަޑައިގަތުމަކީ އެއްވެސް ބާވަތެއްގެ އަނިޔާ ސިއްރު ނުކޮށް ރިޕޯޓް ކުރުމެވެ. އަމިއްލަ އަށް އެކަން ކުރަން ދަތިތަކެއް ހުރި ނަމަ، ގާތް މީހެއް ނުވަތަ ރަހުމަތްތެރިއަކު މެދުވެރިކޮށް ވެސް މިނިސްޓްރީ އަށް ހުށަހެޅުމަށް އިލްތިމާސްކުރެއްވި އެވެ.

މިފަދަ މައްސަލަތަކަކީ މިނިސްޓްރީން އަޅާނުލައި ދޫކޮށްލާނެ މައްސަލަތަކެއް ނޫން ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.