Roadha Mihaaru
ޓްރަމްޕްގެ ސޯޝަލް މީޑިއާގެ އަމުރާ ދެކޮޅަށް ކޯޓަށް

ޓްރަމްޕްގެ ސޯޝަލް މީޑިއާގެ އަމުރާ ދެކޮޅަށް ކޯޓަށް

05 ޖޫން 2020

ސޯޝަލް މީޑިއާއާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް މިދިޔަ ހަފުތާގައި ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގެ ކުންފުންޏަކުން އަންގާރަ ދުވަހު ވޮޝިންޓަންގެ ފެޑެރެލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާއާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް މިދިޔަ ހަފުތާގައި ނެރުއްވި ރިޔާސީ އަމުރާ ގުޅިގެން އެކަމާ ދެކޮޅަށް އެމެރިކާގެ ކުންފުންޏަކުން އަންގާރަ ދުވަހު ވޮޝިންޓަންގެ ފެޑެރެލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޓްރަމްޕްގެ އެ ނިންމެވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަރައިގަތުން ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ ހިލޭސާބަހަށް މަސައްކަތްކުރާ އެޑްވޮކެސީ ގްރޫޕް ސެންޓަ ފޮ ޑިމޮކްރަސީ އެންޑް ޓެކްނޮލޮޖީ (ސީޑީޓީ) އިންނެވެ. އެތަނުން ބުނީ މައްސަލަ ހުށަހެޅީ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކާއި ގޫގުލް އާއި ޓްވިޓާގެ ވެސް ތާއީދާ އެކީގައި ކަމަށެވެ.

ސީޑީޓީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޓްރަމްޕާއި އޭނާގެ ސަރުކާރުން މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުރުމުގެ މިނިވަންކަމާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ބާރު ކަނޑުވާލައި، އަމިއްލަ ބާރު ދައްކަން ކަމަށެވެ.

ސޯޝަލް މީޑިއާއާ ދެކޮޅަށް ޓްރަމްޕް މިދިޔަ މަހުގެ 29 ވަނަ ދުވަހު އަމުރެއް ނެރުއްވީ އޭނާ ކުރައްވާ ޓްވީޓްތަކުގެ ތެދުދޮގު ބެލުމަށް ޓްވިޓާ އިން "ފެކްޓް-ޗެކް" ޓެގްކުރި މައްސަލާގައި ރުޅިގަދަވެގެންނެވެ. އަދި ޓްވިޓާ އިން ވަނީ ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވާ ގޮތަށް ޓްރަމްޕް ކުރެއްވި ޓްވީޓްތަކެއް ވެސް ނުފެންނަ ގޮތަށް ހަދައިފަ އެވެ.

ނުފެންނަ ގޮތަށް ޓްވިޓާ އިން ހެދީ، އެމެރިކާގައި ފުލުހުންގެ އަތުން، ކަޅު ނަސްލުގެ މީހަކު މަރުވި މައްސަލާގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ފުލުހުންގެ އިމާރާތެއްގައި ހުޅުޖެހުމުން އެކަމާ ބެހޭ ގޮތުން ކުރައްވާފައިވާ ޓްވީޓްތަކެކެވެ.

އޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ހަމަނުޖެހުންތައް ހުއްޓުވަން ނެޝަނަލް ގާޑުން ފޮނުއްވާނެ ކަމަށެވެ. އަދި ހަމަ އެއާ އެކު އިންޒާރުގެ ގޮތުން ވިދާޅުވެފައި ވަނީ ހަމަނުޖެހުން ހިންގާ މީހުން ތަންތަން ލޫޓުވާން ފަށައިފި ނަމަ ގާޑުން ބަޑި ޖަހަން ވެސް ފަށާނެ ކަމަށެވެ.