Roadha Mihaaru
ނަސްލީ ތަފާތު ކުރުމާ އެމެރިކާ ދެކޮޅުކަން ދައްކައިދެނީ

ނަސްލީ ތަފާތު ކުރުމާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އެމެރިކާގައި މުޒާހަރާ

07 ޖޫން 2020

ވޮޝިންޓަން (ޖޫން 7) - ނަސްލީ ތަފާތު ކުރުމާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އެމެރިކާގައި ސުލްހަވެރި މުޒާހަރާތައް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 7) - ނަސްލީ ތަފާތު ކުރުމާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި އެމެރިކާގައި ސުލްހަވެރި މުޒާހަރާތައް ފަށައިފި އެވެ.

ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރަށް ކުރަން އުޅުމުގެ ތެރޭގައި ވަރަށް އަނިޔާވެރި ގޮތަކަށް އޭނާ މަރާލާފައިވާތީ އެމެރިކާގައި މުޒާހަރާކުރާތާ 12 ވަނަ ދުވަހު ވެރިރަށް ވޮޝިންޓަނަށް ވަނީ އެތައް ހާސް ބަޔަކު ޖަމާވެ މިހާތަނަށް ނުބާއްވާ ވަރުގެ ބޮޑު މުޒާހަރާއެއް ކޮށްފަ އެވެ. ސަލާމަތީ ފަރާތްތަކުން ވަނީ ވައިޓް ހައުސްއާ ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހައިފާނެތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ނިއު ޔޯކާއި ޝިކާގޯ، ލޮސް އެންޖަލިސް އަދި ސެން ފްރެންސިސްކޯގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތައް ބާއްވައިފަ އެވެ.

ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ޝިކާގޯގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ޝިކާގޯގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ވޮޝިންޓަނުގައި މުޒާހަރާކުރި މީހުން ވަނީ ކެޕިޓޯލް، ލިންކަން މެމޯރިއަލް އަދި ވައިޓް ހައުސް ހިމެނޭ ލަފަޔަޓް ޕާކަށް އެއްވެފަ އެވެ. މުޒާހަރާ އަށް ނުކުތް މީހުންނަށް މަރުހަބާ ކިޔަމުން މޭޔަރު މުރިއަލް ބޯސާ ވިދާޅުވީ ބޮޑެތި އެއްވުންތަކުން ރައީސް ޑޮނަލްޑް ޓްރަމްޕަށް މެސެޖެއް ދެވިއްޖެ ކަމަށެވެ.

މުޒާހަރާ އަށް ނުކުމެ ހުރި 35 އަހަރުގެ އެރިކް ވުޑް ބުނީ އޭނާ ނުކުތީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. ނަސްލީ ތަފާތު ކުރުމަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

މުޒާހަރާތަކުގަ އާއި ސޯޝަލް މީޑިއާގައި ކެމްޕޭންތައް ހިންގާ ފަރާތްތަކުން ގޮވަމުން ދަނީ އެމެރިކާގައި އޮތް ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ސިޔާސީ ފަރާތްތައް ވެސް އަޑު އުފުލައި ތަފާތު ކުރުން ނައްތާލުމަށެވެ.

ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާ ކުރާ ދެ މީހަކު ބޯޑެއް ހިފައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާ ކުރާ ދެ މީހަކު ބޯޑެއް ހިފައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް

ފްލޮއިޑް، 46، ހައްޔަރު ކުރަން ފުލުހުން ދިޔައީ ފިހާރައަކުން އޭނާ ސިނގިގޭޓް ގަތް 20 ޑޮލަރަކީ ވަގު ނޫޓް ކަމަށް ރިޕޯޓް ކުރުމުންނެވެ. ފުލުހުން ގޮސް ބިޑިއަޅުވައި ފްލޮއިޑް ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރި ދޮން ނަސްލުގެ ފުލުސް މީހާ ޑެރެކް ޗައުވިންގެ މައްޗަށް ވަނީ މީހަކު މެރުމުގެ ދެ ވަނަ ދަރައިގެ ކުށުގެ ދައުވާކޮށްފަ އެވެ. ނޭވާ ނުލެވި މަރުވަނީ ކަމަށް ފްލޮއިޑް ގޮވަމުން ދިޔަ އިރު ވެސް އެ ފުލުސް މީހާ ވަނީ އެ ގޮތުގައި، އަށް މިނިޓް 46 ސިކުންތު ހޭދަކޮށްފަ އެވެ. އެ ވަގުތު އަނެއް ތިން ފުލުހުން ވެސް ފްލޮއިޑް ސަލާމަތް ކުރުމުގެ ބަދަލުގައި، ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އެ ތިން ފުލުހުން ވެސް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮޑެތި އެހެން ސިޓީތަކުގައި ވެސް ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޒާހަރާތައް ފަށައިފަ އެވެ. ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ބިރަށް ގިނަ މީހުން އެއްތަނަކަށް ޖަމާނުވުމަށް އިންޒާރު ދިން ނަމަވެސް އިނގިރޭސި ވިލާތުގައި ވަނީ މެދުތެރޭ ލަންޑަނުގައި ޕާލަމެންޓް ސަރަހައްދަށް އެތައް ބަޔަކު އެއްވެ މުޒާހަރާކޮށްފަ އެވެ. އޮސްޓްރޭލިއާގައި ވަނީ ސިޑްނީ، މެލްބަން އަދި ބްރިސްބޭންގައި މުޒާހަރާކޮށްފަ އެވެ. ފްރާންސް، ޖަރުމަން އަދި ސްޕޭނުގައި ވެސް ވަނީ ބޮޑެތި މުޒާހަރާތައް ބާއްވައިފަ އެވެ.