Roadha Mihaaru
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ

08 ޖޫން 2020

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ ލިބުމުގެ ކުރިން، ދަރިފުޅު މަރުވީ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ ލިބުމުގެ ކުރިން، ދަރިފުޅު މަރުވީ އެވެ.

ފަރުވާ ދޭން ދެކޮޅުހެދި ކަމަށް ބުނެ އާއިލާއިން އެކަމުގެ ތުހުމަތު އަތޮޅު ހޮސްޕިޓަލުގެ ބޮލުގައި އެޅުވި އެވެ. އެކަމަކު ހޮސްޕިޓަލުގެ ޖަވާބަކަށް ވީ ދުވަސް ނުފުރާ ވިހާއިރު، ތުއްތު ކުއްޖާ ބޭއްވުމަށް އެތަނުގައި ނާސަރީއެއް ވެސް ނެތް ކަމެވެ. އެހެންވެ، ރިސްކު ނުނަގަން ވެގެން އަދި އެންމެ އަވަހަށް ފަރުވާ ލިބެން އޮތީ މާލެ ފޮނުވާލައިގެން ކަމުން ހޮސްޕިޓަލުން އެކަމާ ހަވާލުނުވީ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ ނާދެވި، ފަރުވާ ލިބުން ލަސްވެގެން ތޮއްޑޫގެ އިތުރުން، ށ. ނަރުދު އާއި ދ. ކުޑަހުވަދޫގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ތުއްތު ހަތަރު ކުދިން ވަނީ މަރުވެފަ އެވެ. ހަމައެކަނި މި ހާދިސާތަކުން ވެސް، ރަށްރަށުގެ ސިއްހީ ހާލަތު މިހާރު ވަޒަން ކޮށްލެވޭނެ އެވެ.

ގިނަ ބައެއްގެ ނަޒަރުގައި ބަލިމަޑުކަމާ ހެދި މާލެއަށް އަރާފޭބުން މަނާކޮށް، ވެރިރަށް ބަންދުކުރަން ޖެހުމަކީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ފުރުސަތެވެ.

ފަރުވާއެއް ނެތް، ފުއްދާލަނީ ތަދު ކަނޑުވާ ބޭހުން

އުމުރުން 54 އަހަރުގެ މުހައްމަދު ރިޔާޒު ދަތެއްގައި ރިއްސާތީ ނުނިދިގެން އުޅޭތާ ހަފުތާއަކަށް ވުރެ ގިނަވެއްޖެ އެވެ. މާލެ އަތޮޅުގެ ރަށަކަށް ނިސްބަތް ވިޔަސް، އެންމެ ކައިރިން ރަނގަޅު ފަރުވާ ހޯދަން ދާން ޖެހެނީ އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ދެ ފަހަރު އެތަނަށް ދިޔުމުން ވެސް ހަމައެކަނި ލިބުނީ ތަދު ކަނޑުވާލަން ބޭހެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

"މާލެ ލޮކްޑައުންކުރީއްސުރެ ހަމަ މިހާލުގައި މިއުޅެނީ. ކިތަންމެ ވޭން އެޅިޔަސް މާލެ ދެވޭކަށް ނެތް. ކައިރި ރަށަކުން ހިދުމަތެއް ލިބޭކަށް ނެތް،" ރިޔާޒު ބުންޏެވެ.

އެކަމުގެ ހަގީގަތް ހޯދާލުމަށް އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަނަށް ގުޅާލުމުން އޭނާގެ ޖަވާބަކަށް ވީ ގިނަ ބަލިތަކުގެ ފަރުވާ ހުރީ ސުމެއްގައި ކަމެވެ. މާލެ ބަންދުކުރުމާ އެކު ހަތަރު އަތޮޅަކުން ފަރުވާ ހޯދަން މީހުން އަންނަ އެ ހޮސްޕިޓަލުގައި ދޭނެ މާ ހާއްސަ ހިދުމަތެއް ނެތެވެ. މާބަނޑު މީހުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދެވުނު ނަމަވެސް، ބުންޔާމީންގެ ބަހުން ނަމަ، އެހެން ބަލިތަކަށް ދޭން އޮތީ ހަމައެކަނި ތަދު ކަނޑުވާ ބޭހެކެވެ.

"ބައްލަވާ މިއީ އަތޮޅު ހޮސްޕިޓަލެއް. ގާތްގަނޑަކަށް 17،000 މީހުން މި އަތޮޅުގައި އެބަ ދިރިއުޅޭ. އެކަމަކު ކުޑަ ފްރެކްޗާއެއް ވިޔަސް މި ޖެހެނީ އިމަޖެންސީގައި މާލެ ދާން،" އޭނާ ވިދާޅުވި އެވެ.

މާލެ އަތޮޅުގެ އިތުރުން އއ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅުން ވެސް ފަރުވާ ހޯދަން މީހުން އެ ރަށަށް މިހާރު ދެ އެވެ. މާލެ ބަންދުކުރި ފަހުން، 200އަށް ވުރެ ގިނަ މާބަނޑު މީހުންނަށް ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން 100އަށް ވުރެ ގިނަ މީހުންނަކީ އަތޮޅުން ބޭރު މީހުންނެވެ. ވޭތުވެ ދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި 12 މީހަކު އެތަނުގައި ވަނީ ވިހައިފަ އެވެ.

ތަނުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ބުންޔާމީނަށް އެންމެ ފަހުރުވެރިކަމާ އެކު ވާހަކަ ދެއްކެވެނީ މާބަނޑު މީހުންނަށް ދޭ ފަރުވާތަކާ މެދު އެވެ. ސްކޭން ކުރުމުން ފެށިގެން ސިޒޭރިއަންއެއް ހަދަން ޖެހުނު ކަމުގައި ވިޔަސް އެ ހިދުމަތް އެތަނުން ލިބެން އެބަ ހުއްޓެވެ. ފަރުވާ ދޭނެ މޮޅު ޑޮކްޓަރަކާއި ތަޖުރިބާކާރު ނަރުހުން އެބަ ތިއްބެވެ. އެކަމަކު ތުއްތު ކުއްޖާގެ ހާލު ގޯސްވެއްޖެ ނަމަ ނުވަތަ ދުވަސް ނުފުރާ ވިހަން ވެއްޖެ ނަމަ އެ ކުއްޖާ ބާއްވާނެ ނާސަރީއެއް ނެތިގެން އެންމެ ފަހުން ފޮނުވާލަން ޖެހެނީ މާލެ އެވެ.

"ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ ދެއްތޯ މާލެ ދާން. މިތަނުގައި ނާސަރީއެއް ހުންނަ ނަމަ އަޅުގަނޑުމެންކަށް ނުޖެހޭނެ އެގޮތް ހިޔާރުކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ބުންޔާމީން ވިދާޅުވި ގޮތުގައި މާބަނޑު މީހުންނާއި ކުޑަކުދިންގެ ޑޮކްޓަރެއް ހުރި ނަމަވެސް، އިތުރު އެހެން ހާއްސަ ޑޮކްޓަރެއް ނުވަތަ ހިދުމަތެއް އެތަނުން ލިބޭކަށް ނެތެވެ. ދަތުގައި ރިއްސާތީ ހޮސްޕިޓަލަށް ދާ އެންމެން ވެސް ފޮނުވާލަނީ ތަދު ކަނޑުވާ ބޭހެއް ދީގެންނެވެ. އެކްސްރޭ ނެގެން ހުރި ނަމަވެސް، ކަށިގަނޑުގައި ކިތަންމެ ކުޑަ ރެނދެއް ލާފައި ހުއްޓަސް ފޮނުވާލަން ޖެހެނީ މާލެ އެވެ. ހަމުގެ ޑޮކްޓަރެއް، ލޮލުގެ ޑޮކްޓަރެއް، އެތެރެ ހަށީގެ ޑޮކްޓަރެއް ނެތެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑަސް، ދުޅަހެޔޮ ސިއްހަތަކަށް އެ މީހުންނަށް އިރުޝާދު ދޭނެ ފިޒިއޮތެރަޕިސްޓެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅުގެ ގިނަ މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދި ނަމަވެސް އެ މީހުން ބަލަން އިންނަނީ އެންމެ ޑޮކްޓަރެކެވެ. މަހަކު ވަކި ދުވަހަކު އޭނާ ރަށްރަށަށް ދާން ޖެހޭއިރު، އެ ދުވަހު ކިތަންމެ ސީރިއަސް ވެގެން މާބަނޑު މީހަކު އަޔަސް ފަރުވާ ދެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންވެ، އަތޮޅުގެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެއްގައި މަދުވެގެން ދެ ގައިނީ ޑޮކްޓަރުން ތިބެން ޖެހޭނެ ކަމަށް ބުންޔާމީން ގަބޫލުކުރައްވަ އެވެ.

ދިއްގަރު ހެލްތު ސެންޓަރު: މ. އަތޮޅުގެ ގިނަ މީހުން ވެސް މިހާރު ފަރުވާ ހޯދަން ދަނީ މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް

ދިއްގަރު ހެލްތު ސެންޓަރު: މ. އަތޮޅުގެ ގިނަ މީހުން ވެސް މިހާރު ފަރުވާ ހޯދަން ދަނީ މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް

ގިނަ ބަޔަކު ދެކޭގޮތުގައި މާލެއާ ދުރު އަތޮޅުތަކަށް ވުރެ، އެންމެ ކައިރީގައި އޮންނަ ހަތަރު އަތޮޅުގެ ފެންވަރު ދަށެވެ. އެހެން އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ހުރި ނަމަވެސް، މާލެ ސަރަހައްދުގެ މީހުންގެ ހާއްސަ ހޮސްޕިޓަލަކަށް ވެފައި އޮންނަނީ ކޮންމެ ދުވަހަކު ވެސް އެތައް ހާސް މީހުން ހިދުމަތް ހޯދާ އައިޖީއެމްއެޗެވެ. އެހެންވެ، އެއީ މާލެ ސަރަހައްދުގެ މީހުންނަށް ލިބިފައިވާ ނާއިންސާފެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ވަސީލަތްތަކާ އެކު ބޮޑެތި ކާމިޔާބީތަކެއް

އުތުރުގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނަކީ ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލެވެ. ދުވާލަކު 200އަށް ވުރެ ގިނަ މީހުން އެތަނަށް ދައްކާއިރު، ލިބެން ހުރި ހިދުމަތްތައް ނިސްބަތުން ގިނަ އެވެ. ނަމަވެސް މިހާތަނަށް ކަން ހިނގަމުން އައީ، ވަސީލަތްތައް ނެތިގެން ފަރުވާ ނުދެވިގެން ނޫނީ އެކަށީގެންވާ ޑޮކްޓަރެއް ނެތިގެން ބަލި މީހާ މާލެ ފޮނުވާލަން ޖެހޭ ފަދަ ގޮތަށެވެ.

އެކަމަކު ކޮންމެހެން މާލެ ނުދިޔަޔަސް، ރަނގަޅު ފަރުވާ ލިބިދާނެކަން އެ ހޮސްޕިޓަލުން މިހާރު އަންނަނީ ސާބިތުކޮށްދެމުންނެވެ.

ކުރިން ދުވަސް ނުފުރާ ވިހާ ގިނަ ކުދިން ކުޅުދުއްފުށީ ހޮސްޕިޓަލުން ފޮނުވާލަނީ މާލެ އެވެ. ކުޑަކުދިންނަށް ފަރުވާ ދޭނެ އެންއައިސީޔޫ އާއި ގިނަ ހިދުމަތްތަކެއް ހުރި ނަމަވެސް، ބަނޑަށް 34 ހަފުތާގައި ވިހަން ވެސް ފޮނުވާލަނީ މާލެ އެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތް ގޮތުން އެންމެ ރައްކާތެރި ގޮތަކީ އެއީ އެވެ.

އެކަމަކު އެންމެ 28 ހަފުތާގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާދީ ވަނީ ރަނގަޅުކޮށްފަ އެވެ. ލޮކްޑައުންކޮށްފައި އޮތުމުން މާލެ ފޮނުވާނުލެވިގެން އެ ކުއްޖާއަށް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭތާ 51 ދުވަސް ފަހުން މާދަމާ ދޫކޮށްލާނެ އެވެ.

އޯވަރީގައި އިން 11 ސެންޓިމީޓަރުގެ ސިސްޓެއް ނަގައިގެން ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން އިއްޔެ ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. މިއީ ހާލަތު ބަދަލު ނުވާ ނަމަ، މާލެއަށް ފޮނުވާލާނެ ކޭހެކެވެ. އެކަމަކު ޑޮކްޓަރުން ޔަގީންކޮށްދިނީ އެ އޮޕަރޭޝަން އެތަނުގައި ވެސް ކުރެވިދާނެ ކަމެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ގަބޫލުކުރައްވާ ގޮތުގައި އެކަށީގެންވާ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކޮށްފައިވާ ނަމަ މި ފަދަ ކިތަންމެ ބޮޑު ކޭހަކާ ވެސް އެ ހޮސްޕިޓަލްތަކަށް ކުރިމަތިލެވޭނެ އެވެ. އެހެންވެ، މިއީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ވެސް ހިދުމަތްތައް ފުޅާކުރަންވީ ވަގުތު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކޮވިޑާ ގުޅިގެން އަޅުގަނޑުމެންނަށް އިތުރު ލާނިން ޕޮއިންޓްތަކެއް ލިބިއްޖެ. އަތޮޅު ތެރޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކުރަން ޖެހިފައިވާކަން އެނގިއްޖެ،" ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމުކޮށް ކުރިން އެ ހޮސްޕިޓަލުގައި މަހަކު ވިހަނީ 30-40 މާބަނޑު މީހުން ނަމަވެސް މާލެ ނުދެވޭތީ އެ އަދަދު 60-70އަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެހެން ހިދުމަތްތައް ހޯދާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. ދާއޫދު ވިދާޅުވި ގޮތުގައި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މީހުންގެ އިތުބާރު ހޯދިއްޖެ ނަމަ ފަރުވާ ހޯދަން މާލެ ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރެވޭނެ އެވެ.

މިދިޔަ ދޮޅު އަހަރުގެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ތަރައްގީތަކެއް ވަނީ ގެނެސްފަ އެވެ. ޑޮކްޓަރުންގެ އަދަދު އިތުރުކޮށް ގިނަ އެނދާ އެކު ހޮސްޕިޓަލް ބޮޑުކޮށް، އެންއައިސީޔޫ ވަރުގަދަކޮށްފި އެވެ. އޮކްސިޖަން ޕްލާންޓެއް ބަހައްޓައި، ޕީސީއާރު ލެބޯޓަރީ ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ބޮޑެތި އެހެން މަޝްރޫއުތައް ވެސް ވަނީ މި ވަގުތަށް މަޑުޖައްސާލައިފަ އެވެ.

ދާއޫދު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ، ރަށްރަށުގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭނާގެ އުއްމީދަކީ މިކަމުން އިބުރަތް ލިބިގަނެ ބަލިމަޑުކަމަށް ފަހު ވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.

ބުންޔާމީން ވެސް އެދިވަޑައިގަންނަވަނީ، އުތުރާއި ދެކުނާ އެއްގޮތަށް މާލެ ކައިރި އަތޮޅުތަކުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމެވެ. ގިނަ ދުވަސް ވީ ތަޖުރިބާކާރު ދިވެހި ނަރުހުން، އެ ތަންތަނުގައި ވަޒީފާ އަދާކުރާއިރު އެ މީހުންގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމެވެ.

ޕޯޓަބަލް ސްކޭން ފަދަ ތަކެތި ހިފައިގެން، ޑޮކްޓަރުން ރަށްރަށް ގޮސް މާބަނޑު މީހުން ބެލޭނެ ނިޒާމެއް ގާއިމުކޮށް، ހިދުމަތް މޮބަލައިޒްޑް ކުރުމެވެ.

"އޭރަކަށް އަޅުގަނޑަކަށް ހިއެއްނުވޭ ހިދުމަތް ހޯދާށޭ ކިޔާފައި މާލެއަށް ގިނަ ބަޔަކު ދާނެހެން. މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

"ކޮވިޑަކީ މި ހުރިހާ ގޮތަކަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅެއް."