Roadha Mihaaru
އަންހެން ރަން އަޑަކީ ކާކު؟

އަންހެން ރަން އަޑަކީ ކާކު؟

09 ޖޫން 2020

ރާއްޖޭގައި އެހާރާއި މިހާރު ވެސް އަންހެން ލަވަކިޔުންތެރިންގެ ދައުރު ބޮޑެވެ. އެގޮތުން 90ގެ އަހަރުތަކުގައި ވަރަށް ވިދައިލި ލަވަކިޔުންތެރިންތަކެއް ދިވެހި މިއުޒިކީ އުދަރެހުން އެރި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި އެހާރާއި މިހާރު ވެސް އަންހެން ލަވަކިޔުންތެރިންގެ ދައުރު ބޮޑެވެ. އެގޮތުން 90ގެ އަހަރުތަކުގައި ވަރަށް ވިދައިލި ލަވަކިޔުންތެރިންތަކެއް ދިވެހި މިއުޒިކީ އުދަރެހުން އެރި އެވެ.

އެ ލަވަކިޔުންތެރިން ގިނަ އަދަދެއްގެ އަލްބަމްތަކާއި ފިލްމުތަކަށް ވެސް ރީތި އެތައް ލަވައެއް ކިޔާފައިވެ އެވެ. ނުވަދިހައިގެ އަހަރުތަކުން ފެށިގެން ގޮސް ދެހާހުގެ އަހަރުތަކާ ކުރީކޮޅާ ހަމައަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ވިދައިލި އަންހެން ލަވަކިޔުންތެރިންގެ ލިސްޓެއް ކުރުކޮށް ލިޔާ ނަމަ އަންނާނީ ކޮން ނަންތަކެއް ބާވަ އެވެ؟ ހަމަ ޔަގީނުން ވެސް ގަދަ ފަހެކަށް މި ނަންތައް އަންނާނެ އެވެ. އޭގެ ތެރޭގައި ޝިފާ ތައުފީގާއި ފާތުމަތު ޒޫނާ އާއި ފަޒީލާ އާމިރާއި އައިޝަތު އިނާޔާގެ އިތުރުން ރާފިޔަތު ރަމީޒާ ހިމެނެ އެވެ.

މި ފަންނާނުން ކިޔާފައިވާ ހުރި ލަވަތަކަކީ އަދިވެސް ހަމަ ގިނަ ބަޔަކު އަޑު އަހާ، ފަނޑުވުމެއް ނެތް ލަވަތަކެވެ. އަދި މި ލަވަކިޔުންތެރިން ކިޔާފައިވާ އެތައް ލަވައެއް، މަޝްހޫރު ފިލްމީ ތަރިންނާ އެކު ވީޑިއޯ ލަވަތަކުގެ ގޮތުގައި ވެސް ގެނެސްދީފައިވެ އެވެ.

* ޝިފާ

ޝިފާ ވާނީ ހަމަ ޔަގީނުން ވެސް ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު އެއް އަންހެން ލަވަކިޔުންތެރިޔާއަށެވެ. މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ ޝިފާ އަކީ އޭނާގެ އާއިލާގެ ތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި ލަވަކިޔުންތެރިޔާ އެވެ.

ޝިފާގެ ބައްޕަ ހާޖަރާގޭ ތައުފީގުގެ އިތުރުން އާއިލާގައި ދެން ތިބި ލަވަކިޔުންތެރިންގެ ތެރޭގައި ސޮފާ ތައުފީގާއި އާސިމް ތައުފީގް ހިމެނެ އެވެ. އެކަމަކު އެ މީހުންނަށް ވުރެ މިއުޒިކީ އުދަރެހުގައި ޝިފާގެ ވިދުން ގަދަ އެވެ. ފަހަރުގައި ޝިފާ އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމުތަކަށް ލަވަކިޔައިދިން ފަންނާނަށް ވެސް ވެދާނެ އެވެ.

ނުވަދިހަ އާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅު އަދި އޭގެ ފަހުން ވެސް ރިލީޒްވި އެތައް ފިލްމަކަށް އޭނާ ލަވަކިޔާފައިވެ އެވެ.

* ޒޫނާ

ޝިފާއެކޭ އެއްގޮތަށް ޒޫނާ އަކީ ވެސް އެތައް ފިލްމަކާއި އަލްބަމްތަކަށް ލަވަ ކިޔާފައިވާ އެހާމެ މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ.

ޒޫނާ ފާހަގަކުރެވެނީ ކޮންމެ ކަހަލަ ލަވައެއް ވެސް އެހާމެ ރީތިކޮށް ކިޔައިލާ ފަންނާނެއްގެ ގޮތުގަ އެވެ. އެގޮތުން އަވަސް ލަވަތަކާއި މަޑުމައިތިރި ލަވަތަކުގެ އިތުރުން ހިތާމަވެރި ލަވަތައް ވެސް ޒޫނާ ކިޔާފައިވެ އެވެ.

ރާއްޖޭގައި އޯޑިއޯ އަލްބަމް ނެރެމުން ދިޔަ ދުވަސްވަރު ޒޫނާ އަކީ އޭރު ރިލީޒްކުރާ ކޮންމެ އަލްބަމަކުން ކަހަލަ ގޮތަކަށް އިވޭ އަޑެކެވެ. އަދި އޭރުގެ އެންމެ މަޝްހޫރު ފިރިހެން ލަވަކިޔުންތެރިންނާ އެކު އޭނާ ލަވަ ކިޔާފައިވެ އެވެ.

* އިނާޔާ

އިނާޔާގެ އަޑު ގިނަ ބަޔަކު ފާހަގަކުރަނީ ތަންކޮޅެއް ސޮފްޓް ލަވަތަކަށް އެއްވަނައިގެ އަޑެއްގެ ގޮތުގަ އެވެ.

އިނާޔާ މާ ގިނަ ފިލްމުތަކަށް ލަވަކިޔައި ދީފައި ނެތަސް އެތައް އަލްބަމަކުން އޭނާގެ ހިތްގައިމު އަޑު އިވިފައިވެ އެވެ. އަދި އިނާޔާ ކިޔާފައިވާ އެތައް ލަވައެއް ވީޑިއޯ ލަވައިގެ ގޮތުގައި ވެސް ގެނެސްދީފައިވެ އެވެ.

ފަޒީލާ

މިއުޒިކީ އާއިލާއަކަށް ނިސްބަތް ފަޒީފާ (ފަޒީ) އަކީ އަލީ ރަމީޒްގެ ރަން ޒަމާނުގައި އޭނާއާ އެކު އެންމެ ގިނަ ޑުއެޓް ލަވަތައް ކީ އަންހެން ލަވަކިޔުންތެރިޔާ އެވެ. އެގޮތުން އަލްބަމްތަކުގެ ފޯރި އެންމެ ގަދަވި ދުވަސްވަރު ފަޒި އާއި އަލީ ރަމީޒް އެކީގައި ކިޔާފައިވާ ލަވައެއް ނެތް އަލްބަމެއް މަދުވާނެ އެވެ. އަދި ހަމައެކަނި ދެ މީހުންގެ ލަވަތައް ހިމެނޭ އަލްބަމެއްގެ ގޮތުގައި "ރޯޅި" އަކީ ވަރަށް މަޝްހޫރުވި އަލްބަމެކެވެ.

ފަޒީ ވަނީ އޭނާގެ ބައްޕަ ފިލްމު ޕްރޮޑިއުސަރު މުހައިމިން އުފެއްދި ފިލްމުތަކަށް ވެސް ލަވަ ކިޔައިފަ އެވެ. އޭގެ ތެރޭގައި "ދެރިޔާ" އާއި "ރަންމުތް" ހިމެނެ އެވެ. ޝިފާ އާއި ޒޫނާގެ އިތުރުން ފަޒީވެގެން ދާނީ ދެން ގިނައިން ފިލްމުތަކަށް ލަވަކީ އަންހެން ލަވަކިޔުންތެރިޔާއަށެވެ. ފަޒީ ވެސް ވަނީ އޭނާގެ ރަން ޒަމާނުގައި އޭރުގެ އެންމެ މަޝްހޫރު ހުރިހާ ފިރިހެން ލަވަކިޔުންތެރިންނާ އެކު ލަވަ ކިޔައިފަ އެވެ.

ރާފިޔަތު

ރާފިޔަތަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ނަގާކިޔާ އަންހެން ލަވަކިޔުންތެރިންގެ އެކެކެވެ. އޭނާ އަކީ އަލީ ރަމީޒްގެ ކޮއްކޮ އެވެ. އޭނާގެ ފިރިމީހާ އިބްރާހީމް އާމިރަކީ ވެސް ލަވަކިޔުންތެރިއެކެވެ. އެއީ ފަޒީގެ ބޭބެ އެވެ.

ރާފިޔަތަކީ ވެސް ކޮންމެ ވައްތަރެއްގެ ލަވައެއް އެހާމެ ޗާލުކޮށް ކިޔައިލާ ލަވަކިޔުންތެރިއެކެވެ. ރާފިޔަތު ވެސް އެތައް އަލްބަމަކާއި އެތައް ފިލްމަކަށް މިހާތަނަށް ލަވަ ކިޔާފައިވެ އެވެ.