Roadha Mihaaru
"ލޯބިވެވިއްޖެ"ގެ ލަވަތައް ސައުންޑްކްލައުޑަށް

ސީޒަންގެ "ލޯބިވެވިއްޖެ"ގެ ލަވަތައް ސައުންޑްކްލައުޑަށް

05 އެޕްރީލް 2021

ޝޫޓި ނިންމާލާފައި އޮތް ނަމަވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ އިރެއް ކަށަވަރުނުވާ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ"ގެ އޯޑިއޯ އަލްބަމް ސައުންޑްކްލައުޑުން އަޑު އަހައިލެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓި ނިންމާލާފައި އޮތް ނަމަވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ އިރެއް ކަށަވަރުނުވާ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ"ގެ އޯޑިއޯ އަލްބަމް ސައުންޑްކްލައުޑުން އަޑު އަހައިލެވޭ ގޮތަށް ހަދައިފި އެވެ.

މި އަލްބަމްގައި ޖުމްލަ ނުވަ ލަވަ ހިމެނޭ އިރު އޭގެ ތެރޭގައި ބޯނަސް ލަވައެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހަންނާނުގެ ލަވަ "މިސްވެޔޭ" ވެސް ހިމެނެ އެވެ. ދާދި ފަހުން އެ ލަވައިގެ ވީޑިއޯ ވެސް ސީޒަނާއި ޒުވާން ބަތަލާ އައިޝަތު އަލީއާ އެކު އާންމުކޮށްފައިވެ އެވެ.

"ލޯބިވެވިއްޖެ"ގެ ލަވަތަައް ކިޔާފައި ވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އަންހެނުން މަރިޔަމް އަޝްފާ އާއި ހަސަން ޖަލާލާއި ރާފިޔަތު ރަމީޒާ އާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި އަހުމަދު އިބްރާހީމް (އައްމަޑޭ) އާއި މުމްތާޒް މޫސާ އާއި މުހައްމަދު މުއައްޒިން އާއި އަލީފް އަލީގެ އިތުރުން މަރިޔަމް ނަފުހާ އެވެ.

މާލެ އާއި ގދ. ތިނަދު އާއި ސްރީ ލަންކާގައި މަންޒަރުތައް ނަގާފައިވާ "ލޯބިވެވިއްޖެ" އަކީ ސީޒަން މިދިޔަ އަހަރު ގެނެސްދިން "އަނދިރިކަން" ލިޔުނު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

މީގެ ކާސްޓްގައި ސީޒަނާއި މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) އާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެ އެވެ.

"ލޯބިވެވިއްޖެ" އަކީ ސީޒަންގެ އެސް ޕްރޮޑަކްޝަނާއި ޝާނީޒް އަލީ ގެނެސްދޭ ފިލްމެކެވެ.