Roadha Mihaaru
ސައި ވިއްކާ މީހެއްގެ ލޮލުގެ ޖާދޫގައި އެންމެން ޖެހެނީ

ސައި ވިއްކާ މީހެއްގެ ލޮލުގެ ޖާދޫގައި އެންމެން ޖެހެނީ

19 އޮކްޓޯބަރ 2016

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މަގުމަތީގައި އުޅޭ "ޗާއީވާލާ" އެއްގެ ލޮލުގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ. ޗާއީވާލާ ނުވަތަ ސައި ވިއްކާ މީހާ "ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު"ގެ ގޮތުގައި މަޝްހޫރުވީ އޭނާގެ ނޫކުލައިގެ ކަޅި އާއި އޭނާގެ ސޫރަ އެތައް ބަޔަކަށް ކަމުގޮސްގެންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މަގުމަތީގައި އުޅޭ "ޗާއީވާލާ" އެއްގެ ލޮލުގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ. ޗާއީވާލާ ނުވަތަ ސައި ވިއްކާ މީހާ "ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު"ގެ ގޮތުގައި މަޝްހޫރުވީ އޭނާގެ ނޫކުލައިގެ ކަޅި އާއި އޭނާގެ ސޫރަ އެތައް ބަޔަކަށް ކަމުގޮސްގެންނެވެ.

ޖުވޭރިއާ ކިޔާ ފޮޓޯގްރާފަރަކު ޕާކިސްތާނުގެ ބާޒާރުމަތީ ސަރަހައްދަކުން ނެގި މި ފޮޓޯ އިންސްޓަގްރާމްގައި އާންމުކުރުމާ އެކު ވަނީ ވައިރަލް ވެފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އެކަމާ ގުޅުވައިގެން ވެސް މި ފޮޓޯއާ ބެހޭ ގޮތުން ވާހަކަ ދައްކަ އެވެ. ސޯޝަލް މީޑިއާގައި އެއްބަޔަކު ބުނަނީ މިއީ އިންޑިއާގެ އަންހެންކުދިންނާ ދެކޮޅަށް ޕާކިސްތާނަށް ބޭނުންކުރެވިދާނެ ހަތިޔާރެއް ކަމަށެވެ.

އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް (އައިބީޓީ) އަށް ޖުވޭރިއާ ބުނެފައިވާ ގޮތުގައި އޭނާ މި ފޮޓޯ ނަގާފައި ވަނީ މީގެ ދެތިން މަސް ކުރިން އިސްލާމްއާބާދުގައި ފޮޓޯ ނެގުމަށް އެކި ތަންތަނަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. ޗާއީވާލާ ހޭޝްޓެގްގައި މި ފޮޓޯ އިންޑިއާ އާއި ޕާކިސްތާނުގައި ވެސް ޓްރެންޑްވެފައި ވާއިރު ޖުވޭރިއާ ބުނީ މިއީ އެހާ ބޮޑު ސަމާލުކަމެއް ލިބޭނެ ފޮޓޯއެއް ކަމަށް އެއްގޮތަކަށް ވެސް ހީނުކުރާ ކަމަށެވެ.

ޖުވޭރިޔާ ނެގި ފޮޓޯ

"އެތައް ޒަމާނަކުން ވެސް މި ފޮޓޯ އަށް މިވަރުގެ ސަމާލުކަމެއް ލިބޭނެ ކަމަކަށް ހިއެއް ނުކުރަން. އަހަންނަށް ހީވަނީ އަންހެނުންނަށް މި މީހާއާ މާބޮޑަށް ގަޔާވެވެނީހެން،" ޖުވޭރިއާ ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ރަނގަޅު ކުރުމަށް މި ޗާއީވާލާގެ އެމްބެސެޑަރެއްގެ ގޮތުގައި ބޭނުންކުރަން ރަނގަޅު ކަމަށެވެ.

ނޫ ކަޅީގެ ސަބަބުން މަޝްހޫރުވި އަރްޝަދު ޚާން ސައި ވިއްކުމުގައި އުޅެނިކޮށް ބަޔަކު އޭނާ ހޯދައި ވީޑިއޯ ކޮށްފައި

ފޮޓޯ ނެގި ޖުވޭރިއާ ބުނީ މި މީހާއާ އަލުން ބައްދަލުވާން ބޭނުންވާ ކަމަށެވެ.

"އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން މި އަންނަނީ. އޭނާ ފެނުނީ ސަންޑޭ މާކެޓުން މީގެ ދެތިން މަސް ކުރިން. އެހެންވެ ސަންޑޭ މާކެޓަށް އަލުން ދާނަން. އެއީ އޭނާއާ ބައްދަލުވޭތޯ،" އައިބީޓީ އަށް ޖުވޭރިއާ ބުނެފައިވެ އެވެ.

ފޮޓޯ މަޝްހޫރުވުމުން ބައެއް މީހުން ބާޒާރަށް ނިކުމެ އެންމެފަހުން ވަނީ މި މީހާ ހޯދައިފަ އެވެ. ޕާކިސްތާނުގެ މީޑިއާ ބުނާ ގޮތުން މި މީހާގެ ނަމަކީ އަރްޝަދު ޚާން އެވެ. އުމުރަކީ 18 އަހަރެވެ. ޕާކިސްތާނުގައި ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި އެ ގައުމުގެ ރައީސް މަމްނޫން ހުސައިން އަށް ވުރެ އަރްޝަދު މިހާރު މަޝްހޫރެވެ. އޭނާއާ ބައްދަލުކުރަން ކޮންމެ ދުވަހަކު އެތައް ބަޔަކު މިހާރު ދެ އެވެ. އެކި ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ.