Roadha Mihaaru

ޕާކިސްތާނު ލަވައެއް ކިޔައިގެން ނެދަލޭންޑްސްގެ ލަވަކިޔުންތެރިއަކު މަޝްހޫރުވެއްޖެ

13 މާޗް 2023

ޕާކިސްތާނުގެ ލަވައެއް ކިޔައިގެން ނެދަލޭންޑްސްގެ ލަވަކިޔުންތެރިއަކު ސޯޝަލް މީޑިއާގައި މަޝްހޫރު ވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޕާކިސްތާނުގެ ލަވައެއް ކިޔައިގެން ނެދަލޭންޑްސްގެ ލަވަކިޔުންތެރިއަކު ސޯޝަލް މީޑިއާގައި މަޝްހޫރު ވެއްޖެ އެވެ.

ނެދަލޭންޑްސްގެ ލަވަކިޔުންތެރިޔާ، އެމާ ހީސްޓާސް ކިޔާފައި ވަނީ ޕާކިސްތާނުގެ ލަވަކިތުންތެރިޔާ ކައިފި ހަލީލްގެ "ކަހާނީ ސުނޯ 2.0" އެވެ. އެ ލަވަ އަކީ ވެސް ޕާކިސްތާނުގައި މަޝްހޫރު ލަވައެކެވެ.

އެމާގެ އިންސްޓަގްރާމް ރީލްސްތަކުގެ ޖުމްލަ ވިއުސް 250 މިލިއަނަށް އެރުން ފާހަގަކުރުމުގެ ގޮތުން އޭނާ ލާފައިވާ "ކަހާނީ ސުނޯ 2.0" ލަވައިގެ ކަވާގެ ތަންކޮޅެއް ފެންނަ ވީޑީއޯއަށް ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ލައިކް ދީފަ އެވެ. އަދި ހަފުތާއެއްގެ ތެރޭ އިންސްޓަގްރާމުން އެ ވީޑިއޯ ބެލި މީހުންގެ އަދަދު ވަނީ ހަތް މިލިއަނަށް އަރައިފަ އެވެ.

މީގެ ހަތަރު ދުވަސް ކުރިން އެ ލަވައިގެ ފުލް ވާޝަން ޔޫޓިއުބަށް ލާފައިވާއިރު، މިހާތަނަށް ވަނީ 370،000 އަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ. އެ ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ އެމާގެ ރީތި އަޑާއި މާދަރީ ބަސް ނޫން އެހެން ބަހަކުން ލިރިކްސްތައް ކިޔާފައިވާ ގޮތް ފުރިހަމަ ކަމަށް ބުނެ، އޭނާ އަށް ތައުރީފު ކޮށްފަ އެވެ.

އޭގެ އިތުރުން، އަސްލު ލަވަ ކިޔާފައިވާ ކައިފި ހަލީލަށް ވެސް އެމާގެ ކަވާ ފެނި، އޭނާ ވަނީ ޔޫޓިއުބަށް ލާފައިވާ ވީޑިއޯއަށް ހިތެއްގެ އީމޯޖީއާއެކު ކޮމެންޓް ކޮށްފަ އެވެ.

ހިންދީ، ޕަންޖާބީ އަދި އިނގިރޭސި ލަވަތަކުގެ ކަވާ ކިޔުމުގައި އެމާ އަކީ ފާހަގަކޮށްލެވޭ އާޓިސްޓެކެވެ. މިލިއަނުން ސަބްސްކްރައިބަރުން ތިބޭ އެމާގެ ޔޫޓިއުބަށް ވަނީ "ކުސޫ ކުސޫ"، "ދިލްބަރު"، "މަނިކޭ މަގޭ ހިތޭ" އަދި "ބިޖުލީ ބިޖުލީ" ފަދަ ލަވަތަކުގެ ކަވާ އަޕްލޯޑް ކޮށްފަ އެވެ.