Roadha Mihaaru
ސައުދީ ޕްރިންސަކަށް މަރުގެ އަދަބު ދީފި

މީހަކު މެރިކަމުގެ ކުށުގައި ސައުދީ ޕްރިންސަކަށް މަރުގެ އަދަބު ދީފި

19 އޮކްޓޯބަރ 2016

ރިޔާޒް (އޮކްޓޯބަރު 19) - މީގެ ތިން އަހަރު ކުރިން ހިނގި ހަމަނުޖެހުމެއްގައި މީހަކު މެރި ކަމުގެ ކުށުގައި ސައުދީ އަރަބިއާގެ ޕްރިންސެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮކްޓޯބަރު 19) - މީގެ ތިން އަހަރު ކުރިން ހިނގި ހަމަނުޖެހުމެއްގައި މީހަކު މެރި ކަމުގެ ކުށުގައި ސައުދީ އަރަބިއާގެ ޕްރިންސެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.

ޕްރިންސް ތުރުކީ ބިން ސައުދު އަލް ކަބީރުގެ މައްޗަށް މަރުގެ އަދަބުދީފައި ވަނީ ވެރިރަށް ރިޔާޒުގަ އެވެ. ޕްރިންސްގެ މައްޗަށް މަރުގެ އަދަބު ދިން ގޮތުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. މަރުގެ ހުކުމް އިއްވާ މީހުންނަށް ސައުދީގައި އާއްމުކޮށް ހުކުމް ތަންފީޒުކުރަނީ ބޯކަނޑާލައިގެންނެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި ޕްރިންސަކީ ސައުދީގައި މި އަހަރު މަރުގެ ހުކުމް ތަންފީޒުކުރި 134 ވަނަ މީހާ އެވެ.

ދާޚިލީ ވުޒާރާ އިން ބުނީ ޕްރިންސްގެ މައްޗަށް މަރުގެ އަދަބު ދީފައި ވަނީ އޭނާގެ އެކުވެރިއެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާތީ އެވެ. ޕްރިންސަށް މަރުގެ އަދަބު ދިންކަން އިއުލާންކުރަމުން ދާޚިލީ ވުޒާރާ އިން ބުނެފައި ވަނީ ސަލާމަތާއި އަދުލް އިންސާފު ދަމަހައްޓަން ބޭނުންވާކަމުގެ ޔަގީންކަން ކޮންމެ މީހަކަށް ވެސް ދޭން ބޭނުންވާ ކަމަށެވެ.

އަލް އަރަބިއްޔާ އިން ބުނީ މަރުވި މީހާގެ އާއިލާ އިން ވަނީ މަރުގެ ދިޔަ ގަބޫލްކުރަން ދެކޮޅު ހަދައިފައި ކަމަށެވެ.

ސައުދީ ޝާހީ އާއިލާގެ ތެރޭން މަރުގެ އަދަބު ދިން އެންމެ މަޝްހޫރު ބޭފުޅަކީ ފައިސަލް ބިން މުސައިދު އަލް ސައުދު އެވެ. އޭނާ ވަނީ ބޮޑު ބޭބެ، ރަސްގެފާން ފައިސަލް 1975 ވަނަ އަހަރު އަވަހާރަކޮށްލައިފަ އެވެ.

ސައުދީގައި ގިނަ މީހުންނަށް މަރުގެ ހުކުމް އިއްވަނީ މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ ޓެރަރިޒަމުގެ ކުށުގައި 50 މީހަކަށް މަރުގެ އަދަބު ދީފަ އެވެ. އޭގެ ތެރޭގައި ޝިއާއީ އިސް ލީޑަރު ޝެއިޚް ނިމްރު އަލް ނިމްރު ވެސް ހިމެނެ އެވެ.