Roadha Mihaaru
ސުޝާންތު މަރުވީ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް؟

ސުޝާންތު މަރުވީ ކައިވެންޏަަށް ވެސް ތައްޔާރުވަމުން ދަނިކޮށް؟

16 ޖޫން 2020

ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ރާޖްޕޫތު އާދީއްތަ ދުވަހު ދަންޖެހިގެން އަމިއްލަ އަށް މަރުވީ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ރާޖްޕޫތު އާދީއްތަ ދުވަހު ދަންޖެހިގެން އަމިއްލަ އަށް މަރުވީ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރުގެ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ޕްލޭންކޮށްފައިވާތީ، ބިހާރުގައި ދިރިއުޅޭ އޭނާގެ އާއިލާގެ މީހުން ތިބީ ލޮކްޑައުން އަށް ލުއި ލިބުމާ އެކު ސުޝާންތު ދިރިއުޅޭ މުމްބާއީ އަށް ވެސް ދާން ތައްޔާރުވެގެންނެވެ.

ސުޝާންތުގެ ދެބެންގެ ދެ ދަރި މީހަކާ ހަވާލާދީ އިންޑިއާގެ ޓީވީ ޗެނެލަކުން ބުނި ގޮތުގައި އުންމީދީ އެކްޓަރު ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން ރާވަމުން ދިޔައީ އާއިލާ އާއި ގާތް ރައްޓެހިންނާ އެކު ވަރަށް ޕްރައިވެޓް ހަފުލާއެއްގަ އެވެ. ނަމަވެސް ސުޝާންތު ކައިވެނިކުރަން ތައްޔާރުވަމުން ދިޔަ އަންހެން ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާ ހިއްސާއެއް ނުކުރެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސުޝާންތު އެންމެ ފަހުން ރައްޓެހިގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީއާ އެވެ. އަދި އެ ދެ މީހުން އެކީގައި ވަރަށް ގިނަ ފަހަރުމަތިން ފެނިފައިވާ އިރު، އެކީގައި އެކި ތަންތަނަށް ޗުއްޓީ ދަތުރުތަކުގައި ވެސް ގޮސްފައިވެ އެވެ. ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް ސުޝާންތު މަރުވި އިރު ވެސް އެއްބަސްވެފައެއް ނުވެ އެވެ.

ރިއާ، 27، އަކީ 2013 ވަނަ އަހަރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމު "މޭރޭ ޑޭޑް ކީ މަރޫޓީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. "ސޮނާލީ ކޭބަލް" އާއި "ހާފް ގާލްފްރެންޑް" އާއި "ޖަލޭބީ" ފަދަ ފިލްމުތައް ކުޅުނު ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލްތަކެއް ކުޅެފައިވާ "ޗެހެރޭ" އެވެ.

ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ލިބުނު މަޝްހޫރުކަމަށް ފަހު، ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ. އެ ފިލްމަށް ފަހު އޭނާވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދި ވަރަށް ކާމިޔާބު އެކްޓަރަކަށެވެ. ސުޝާންތަކީ ފިލްމީ ކަމަކާ އެއްވެސް ގުޅުމެއް ނެތި، އެ ދާއިރާ އަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދި މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.

ސުޝާންތު ވަނީ އޭނާއާ އެކު "ޕަވިތުރަ ރިޝްތާ" ގެ ބަތަލާގެ ރޯލް ކުޅުނު އަންކިތާ ލޯކަންދޭއާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަދި އެ ގުޅުމުގައި ސިއްކަ ޖެހުނީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެ ދެ މީހުން ކައިވެނިކުރަން ވެސް ތައްޔާރުވަމުން ދަނިކޮށެވެ.

ރިއާއާ އަޅުވާ ކިޔުމުގެ ކުރިން، ސުޝާންތު ރައްޓެހިވި ކަމަށް ބުނާ ތަރިންގެ ތެރޭގައި އޭނާއާ އެކު އަލަތު ފިލްމު "ކޭދަރުނާތު" 2018 ގައި ކުޅުނު ބަތަލާ ސާރާ އަލީ ޚާނާއި 2017 ގެ ފިލްމު "ރާބްތާ" ގެ ބަތަލާ ކްރިތީ ސެނަން ހިމެނެ އެވެ.

ސުޝާންތުގެ މަރާ އެކު ބޮލީވުޑަށް ބޮޑު ޝޮކެއް ލިބިފައިވާ އިރު، އޭނާ އަމިއްލަ އަށް ފުރާނަ ދުއްވައިލުމުގައި ޑިޕްރެޝަން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ހުނަރުވެރި އެކްޓަރުގެ ގާތް ބައެއް މީހުން ބުނެފައިވެ އެވެ. މިއާ އެކު މެންޓަލް ހެލްތުގެ މައްސަލަތައް ވަނީ ވަރަށް ބޮޑު ބަހުސަކަށްވެފަ އެވެ.