Roadha Mihaaru
ސުޝާންތަށް ބިނާކޮށް ހެދި ފިލްމެއްގެ ޓްރެއިލާ

ދަންޖެހިގެން މަރުވި ސުޝާންތަށް ބިނާކޮށް ހެދި ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި

19 އެޕްރީލް 2021

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ބިނާކޮށް ހެދި ފިލްމު "ނިއާއޭ: ދަ ޖަސްޓިސް" ގެ ޓްރެއިލާ ދައްލާކައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ބިނާކޮށް ހެދި ފިލްމު "ނިއާއޭ: ދަ ޖަސްޓިސް" ގެ ޓްރެއިލާ ދައްލާކައިފި އެވެ.

ދިލިޕް ގުލާޓީ ލިޔެ، ޑައިރެކްޓްކުރި ފިލްމުގައި ސުޝާންތުގެ ރޯލު ކުޅެފައި ވަނީ ޓީވީ އެކްޓަރު ޒުބަރު ޚާނެވެ. އަދި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ރޯލު ކުޅެފައި ވަނީ ޝްރެޔާ ޝުކްލާ އެވެ.

"ނިއާއޭ: ދަ ޖަސްޓިސް" ގައި ސުޝާންތު މަރުވުމުގެ ކުރިންނާއި އޭގެ ފަހުން ހިނގައި ދިޔަ މަސްތުވާތަކެއްޗާއި އެ މަރާ ގުޅުން ހުރި ކަމަށް ބުނާ ހާޖާނުގަނޑު ފިލްމުގައި ދައްކުވައި ދޭނެ އެވެ. މި ފިލްމުގެ ކާސްޓްގެ ހިންދީ ސިނަމާގެ ފާހަގަކޮށްލެވޭ ބައެއް ތަރިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޝަކްތީ ކަޕޫރާއި އާސްރާނީ އާއި ރާޒާ މުރާދާއި ކިރަން ކުމާރު ފަދަ ތަޖުރިބާކާރު ތަރިން ފާހަގަކޮށްލެވެ އެވެ.

"ނިއާއޭ: ދަ ޖަސްޓިސް" ގެ ޓްރެއިލާ ޓްވިޓާގައި ހިއްސާކޮށް ފިލްމު ކްރިޓިކް ކޯމަލް ނަހަޓާ ބުނެފައިވާ ގޮތުގައި ފިލްމުގައި މަހޭޝް ބަޓްގެ ރޯލުން ފެންނާނީ އަރޫން ބަކްޝީ އެވެ. މަހޭޝް އަކީ ސުޝާންތުގެ މަރާ އެކު، ރިއާއާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ބުނެ އަޑު އެރި އަދި އެ މަރާއި މަހޭޝްއާ ގުޅުންތަކެއް އޮތް ކަމަށް ތުހުމަތުކުރެވުނު މީހެކެވެ.

މަހޭޝް އަކީ ބަތަލާ އާލިއާ ބަޓްގެ ބައްޕަ އެވެ.

"ނިއާއޭ: ދަ ޖަސްޓިސް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖޫން 11 ގަ އެވެ.

މި ފިލްމަކީ ސުޝާންތަށް ބިނާކޮށް ހަދަން މިދިޔަ އަހަރު އިއުލާންކުރި ފިލްމުތަކުގެ ތެރެއިން އެކައްޗެވެ. ސުޝާންތު ދަންޖެހިގެން މަރުވީ ޖޫން 14، 2020 ގަ އެވެ.