Roadha Mihaaru
ސުޝާންތަށް ފިލްމު ހަދާތީ އާއިލާ އިން ކޯޓަށް

ސުޝާންތަށް ފިލްމު ހަދާތީ އެކަން ހުއްޓުވަން އާއިލާ އިން ކޯޓަށް

22 އެޕްރީލް 2021

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާން ސިންގް ރާޖްޕޫތަށް ބިނާކޮށް ފިލްމު ހަދައި، އަދި އޭގެ ތެރެއިން ފިލްމެއް ޖޫން މަހު ރިލީޒްކުރަން ތައްޔާރުވާތީ އެކަމާ ދެކޮޅަށް އޭނާގެ ބައްޕަ ކްރިޝްނާ ކުމާރު ސިންގް ދިއްލީ ހައި ކޯޓަށް އަންގާރަ ދުވަހު މައްސަލައެއް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާން ސިންގް ރާޖްޕޫތަށް ބިނާކޮށް ފިލްމު ހަދައި، އަދި އޭގެ ތެރެއިން ފިލްމެއް ޖޫން މަހު ރިލީޒްކުރަން ތައްޔާރުވާތީ އެކަމާ ދެކޮޅަށް އޭނާގެ ބައްޕަ ކްރިޝްނާ ކުމާރު ސިންގް ދިއްލީ ހައި ކޯޓަށް އަންގާރަ ދުވަހު މައްސަލައެއް ހުށަހަޅައިފި އެވެ.

އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ ސުޝާންތުގެ ނަމަށް ނިސްބަތްކޮށާއި އޭނާގެ ހަޔާތާ ގުޅޭ ގޮތަށް ފިލްމު ހަދައި ވިޔަފާރީގެ މަންފާ ހޯދަން ބަޔަކު އުޅުމަކީ އާއިލާއަށް ކުރެވޭ ވަރަށް ބޮޑު ފުރައްސާރައެއް ކަމަށާއި އެފަދަ ފިލްމުތަކެއް އާއިލާގެ ހުއްދަ ނެތި ހެދިގެން ނުވާނެ ކަމަށެވެ. އެހެންވެ ސުޝާންތާ ގުޅުވައިގެން ހަދާ ފިލްމުތަކާއި ވެބް ސީރީޒްތަކާއި އަދި އެ ނޫން ވެސް އެފަދަ އުފެއްދުންތައް ހުއްޓުވައިދޭން ކޯޓުގައި އެދިފައިވެ އެވެ.

ސުޝާންތުގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލާގައި ބައެއް ފިލްމުތަކުގެ ނަންތައް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ޓްރެއިލާ ވެސް އާންމުކޮށް ޖޫން މަހުގެ 11 ގައި ރިލީޒްކުރަން ތާވަކުކޮށްފައި "ނިއާއޭ: ދަ ޖަސްޓިސް" އާއި "ސުއިސައިޑް އޯ މާޑާ: އަ ސްޓާ ވޯސް ލޮސްޓް" އަދި "ޝަޝަންކް" ހިމެނެ އެވެ.

އެ ފިލްމުތަކާ ދެކޮޅަށް އާއިލާ އިން ހުށަހެޅި މައްސަލާގައި ބުނީ ސުޝާންތަށް ބިނާކޮށް ފިލްމު ހެދުމަކީ އާއިލާ އަށް ނަފުސާނީ ގޮތުން ވެސް ދެވޭ ގެއްލުމެއް ކަމަށާއި އޭގެ ސަބަބުން މިހާރު ވެސް އާއިލާގެ އެތައް ބަޔަކަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށާއި ގެއްލުމުގެ ބަދަލަށް ދެ ކްރޯޑް ރުޕީސް ވެސް ނަގައިދޭން އެދިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ދިއްލީ ހައި ކޯޓްގެ ފަނޑިޔާރު ޖަސްޓިިސް މަނޯޖް ކުމާރު ވަނީ އާއިލާ އިން ފާހަގަކުރި ފިލްމުތައް ހަދާ މީހުންނަށް އެ ފިލްމުތަކާ ބެހޭ ތަފުސީލުތައް ފޮނުވަން ނޯޓިސް ފޮނުވައި އެކަން އަންނަ މަހުގެ 24 ގެ ކުރިން ކޯޓަށް ފޮނުވައި ދިނުމަށް އަމުރުކުރައްވައިފަ އެވެ.

ބޮލީވުޑްގައި ކާމިޔާބު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވި، ކުރިއަރަމުން ދިޔަ ސުޝާންތު، 34، ދަންޖެހިގެން މަރުވީ ޖޫން 14، 2020 ގަ އެވެ. އެ މަރާ ގުޅޭ މައްސަލަތައް އަދިވެސް ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ އިރު މަރާ ގުޅޭ އެންމެ ފަހުގެ ތަފުސީލީ ރިޕޯޓް އަދިވެސް ނެރެފައެއް ނުވެ އެވެ.

އެހެންވެ ބަލަމުން އަންނަ މައްސަލައަކަށް ފިލްމު ހަދާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އެފަދަ ފިލްމުތައް ހަދާ ފަރާތްތަކަށް އަމާޒުވެފައިވެ އެވެ. ސުޝާންތު މަރުވިތާ ކައިރީގައި ފުލުފުލުގައި ގިނަ ފިލްމުތަކެއް އޭނާ އަށް ބިނާކޮށް ހަދަން އިއުލާންކޮށްފައިވެ އެވެ.