Roadha Mihaaru
ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ ކައިވެންޏަށް ތައްޔާރު

ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ކައިވެންޏަށް ތައްޔާރުވަނީ

16 މެއި 2021

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އަންކިތާ ލޯކަންދޭ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އަންކިތާ ލޯކަންދޭ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ބުނެފި އެވެ.

މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ޓީވީ ބަތަލާ 2018 އިން ފެށިގެން ރައްޓެހިވެގެން އުޅެނީ ވިކީ ޖެއިން ކިޔާ މީހަކާ އެވެ. އޭގެ ފަހުން ދެ މީހުންގެ ކައިވެނީގެ ވާހަކަ ދެކެވެމުން އާދެ އެވެ. އަންކިތާ އާއި ސުޝާންތުގެ ގުޅުމުގައި ސިއްކަ ޖެހުނީ ދެ ތަރިން 2016 ވަނަ އަހަރު ކައިވެނިކުރަން ވެސް ތައްޔާރުވަމުން ދަނިކޮށެވެ.

އެ ދެ މީހުން ދިމާވެ ލޯބީގެ ގުޅުމެއް އުފެދުނީ އެކީގައި ކުޅުނު ޒީޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ މަސައްކަތުގެ ތެރެއިންނެވެ. އެ ސިލްސިލާ ކުޅެމުން ދަނިކޮށް، ސުޝާންތަށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތުތައް ލިބެން ފެށުމުން "ޕަވިތުރަ ރިޝްތާ" ދޫކޮށްލައި، ބޮލީވުޑަށް ނުކުތީ 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ.

އޭނާ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ގައި އަމިއްލަ އަށް ދަންޖެހިގެން މަރުވި އިރު، ރައްޓެހިވެގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީއާ އެވެ. ސުޝާންތު ލޯބީގެ ގުޅުން ބޭއްވި ބަތަލާއިންގެ ތެރޭގައި 2017 ގެ ފިލްމު "ރާބްތާ" ގެ ބަތަލާ ކްރިތީ ސެނަން އާއި 2018 ގެ ފިލްމު "ކޭދަރުނާތު" ގެ ބަތަލާ ސާރާ އަލީ ޚާން ހިމެނެ އެވެ.

ބޮލީވުޑް ބަބްލް އަށް ދިން އިންޓަވިއުއެއްގައި އަންކިތާ ބުނީ އޭނާ އާއި ވިކީ މިހާރު ކައިވެންޏަށް ތައްޔާރުވަނުން އަންނަ އިރު އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ.

"ވަރަށް އަވަހަށް ކައިވެނިކުރާނަން. އެ ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާންގެ އާދަކާދަތަކާ އެއްގޮތަށް،" ފިލްމު މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ (2019) އިން ބޮލީވުޑަށް ނުކުތް ބަތަލާ ބުންޏެވެ. "އެކަމަކު އަދިި ކައިވެނީގެ ހަފުލާ ބާއްވާނެ ސީދާ ތާރީހެއް ނުނިންމަން."

އަންކިތާ ބުނި ގޮތުގައި އޭނާ ވިކީގެ ގުޅުން ވަރަށް ބަދަހި އެވެ. އަދި މިދިޔަ އަހަރުގެ ލޮކްޑައުން އަކީ ދެ މީހުންނަށް އެކަކު އަނެކަކު ދަސްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުފާކުރަން ވިކީ ކަހަލަ ބައިވެރިޔަކު ލިބުނީތީ." އޭނާ ބުންޏެވެ.

ސުޝާންތާއި އަންކިތާ އެކީގައި ކުޅުނު "ޕަވިތުރަ ރިޝްތާ" ގެ ވެބް ސީރީޒެއް ހަދަން އޭގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ނިންމާފައިވާ އިރު، އޭގެ ބަތަލާގެ ރޯލުން ވެސް އަންކިތާ ފެންނާނެ އެވެ. އެ ސީރީޒް ހަދަނީ ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ.

އަންކިތާ، 36، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޓައިގާ ޝްރޮފާއި ޝްރަދާ ކަޕޫރްގެ "ބާގީ 3" އިންނެވެ.