Roadha Mihaaru
މާލޭ ސްކޫލުތައް: ކިޔަވައިދޭން ފަށާނީ 9 އިން މައްޗަށް

މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ 9 އިން މައްޗަށް

15 ޖޫން 2020

މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ނުވަކުން ފެށިގެން މަތީގެ ގްރޭޑުތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ސްކޫލުތަކުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ނުވަކުން ފެށިގެން މަތީގެ ގްރޭޑުތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް "މިހާރު" އަށް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. މާލޭގައި ކީ ސްޓޭޖް ހަތަރެއް (ގްރޭޑު 9 ،10) އަދި ކީ ސްޓޭޖް ފަހެއް (11 ،12) ގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދިން ނަމަވެސް ރާއްޖޭގެ އެހެން ސްކޫލުތަކުގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސްކޫލުތައް ފަށާނީ ސީދާ ކޮން ތާރީހެއްގައި ކަމެއް މިނިސްޓްރީން އަދި ނުނިންމަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އަންނަ މަހުގެ 1 ގައި ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ 213 ސްކޫލު ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު މި ވީ ތިން މަސް ދުވަހުގެ ތެރޭގައި އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައި ވެ އެވެ.

ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާލުން ބަހާލާފައި ވަނީ ތިން ކެޓަގަރީއަށެވެ. ފުރަތަމަ ކެޓަގަރީގައި، ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ވެސް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކީީ ސްޓޭޖް ހަތަރެއް (ގްރޭޑު 9، 10) އަދި ކީ ސްޓޭޖް ފަހެއް (ގްރޭޑު 11، 12) ގެ ދަރިވަރުންނަށް އެކަނި ކިޔަވައިދޭއިރު ކޮވިޑް-19 ގެ އެއްވެސް ކޭސް އެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭނެ އެވެ.

އެޗްޕީއޭގެ މޮނިޓަރިންގެ ހާލަތުގައި މިހާރު އޮތީ މާލެ އެކަނި ކަމަށް ވާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުރި ސްކޫލުތަކުގައި ކިޔަވައިދޭނީ ގްރޭޑު ނުވަކުން ފެށިގެން މައްޗަށެވެ. އަދި އެ ބަލި ކޮންޓްރޯލްކުރަން އެހެން ރަށްރަށުގައި އަޅަން އެންގި ފިޔަވަޅުތައް ވެސް ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެ ރަށްރަށުގައި ކީ ސްޓޭޖް 1-5 އަށް ކިޔަވައިދޭނެ އެވެ.

މޫސަ ވިދާޅުވި ގޮތުގައި، މަތީ ގްރޭޑުތަކަށް އެކަނި ފުރަތަމަ ކިޔަވައިދޭން ފަށާތީ، މާލޭގެ ސްކޫލުތައް އެއް ސެޝަނަކަށް ގެންދެވޭނެ އެވެ. ރަށްރަށުގައި ވެސް އެންމެ ގިނަ ވެގެން ގެންދާނީ ދެ ސެޝަނަށް ކަން ފާހަގަކުރެއްވި އެވެ.

"މާލޭގައި ފުރަތަމަ ފަށާއިރު ގިނަ ސްކޫލުތައް އެއް ސެޝަނަށް ކޭޓާކުރެވޭނެ. ރިވިއުކުރާނެ ހަފުތާއަކު އެއްފަހަރު،" މޫސަ ވިދާޅުވި އެވެ.

މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ސްކޫލުގައި ދަރިވަރުންނަށް ކިޔަވައިދޭނީ ހަފުތާގެ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކަމަށެވެ. އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާ އެވެ.

ސީދާ ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުންކުރަން ޖެހެ އެވެ. އޭގެ އިތުރުން ކޮންމެ ދެ ހަފުތާއިން އެއް ފަހަރު ޓީޗަރުންނަށް އޮންލައިން ކްލާސްތައް ގެންދަންޖެހެ އެވެ.