Roadha Mihaaru
ކޭސްތައް އިތުރުވާތީ ޗެންނާއީ އަލުން ލޮކްޑައުން ކުރަނީ

ކޭސްތައް އިތުރުވާތީ ޗެންނާއީ އަލުން ލޮކްޑައުން ކުރަނީ

16 ޖޫން 2020

ޗެންނާއި (ޖޫން 16) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން އިންޑިއާގެ ޗެންނާއީ އަންނަ ހުކުރު ދުވަހުން ފެށިގެން އަލުން ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއި (ޖޫން 16) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން އިންޑިއާގެ ޗެންނާއީ އަންނަ ހުކުރު ދުވަހުން ފެށިގެން އަލުން ލޮކްޑައުން ކުރަން ނިންމައިފި އެވެ.

ފަނަރަ މިލިއަން މީހުން ދިރިއުޅޭ ޗެންނާއީގެ އިތުރުން ކައިރީގައިވާ ސަރަހައްދުތައް ވެސް ލޮކްޑައުން ކުރާނެ ކަމަށް ސްޓޭޓުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މާޗު މަހުން ފެށިގެން އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް 1.3 ބިލިއަން މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރަން ފެށުމުން އިގްތިސާދު މިހާރު ވަނީ ހުޅުވާލަން ފަށައިފަ އެވެ. އެއާ އެކު ގައުމުގެ އެކި ހިސާބުތަކުން ޕޮޒިޓިވްވާ މީހުން ވަނީ އިތުރުވާން ފަށައިފަ އެވެ. ޚާއްސަކޮށް ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީންނެވެ.

"ޖޫން 19 އިން ފެށިގެން ޗެންނާއީގެ އިތުރުން ތިރުވައްލޫރު، ޗެންގަލްޕެޓް އަދި ކަންޗިޕޫރަމް ޑިސްޓްރިކްޓް ފުލް ލޮކްޑައުނަކަށް ދާނެ،" ޓަމިލް ނާޑޫ ސްޓޭޓް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ. "ޖޫން މަސް ނިމެންދެން ލޮކްޑައުން ދެމިއޮންނާނެ."

ޗެންނާއީގެ ރެސްޓޯރެންޓަކަށް ކަސްޓަމަރުން ވަންނަނީ: މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޗެންނާއީގެ މޯލްތަކާއި ރެސްޓޯރެންޓްތައް ވަނީ ހުޅުވާފައި. --ފޮޓޯ:އޭއެފްޕީ

ޗެންނާއީގެ ރެސްޓޯރެންޓަކަށް ކަސްޓަމަރުން ވަންނަނީ: މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޗެންނާއީގެ މޯލްތަކާއި ރެސްޓޯރެންޓްތައް ވަނީ ހުޅުވާފައި. --ފޮޓޯ:އޭއެފްޕީ

ލޮކްޑައުންގެ މުއްދަތުގައި ހުޅުވާނީ ހަމައެކަނި އަސާސީ ތަކެތި ވިއްކާ ފިހާރަތަކާއި ރެސްޓޯރެންޓްތަކެވެ. ކޮންމެ އާދިއްތަ ދުވަހަކު ލޮކްޑައުން ހަރުކަށި ކުރާނެ އެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓުން ވަނީ 44،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭން ގިނައީ ޗެންނާއީން ޕޮޒިޓިވްވި މީހުންނެވެ. އިންޑިއާ އިން ވަނީ 343,026 މީހުން ޕޮޒިޓިވްވެ 9،915 މީހުން މަރުވެފަ އެވެ.

ވެެރިރަށް ނިއު ދިއްލީ އާއި މުމްބާއީގައި ވެސް ދަނީ ޕޮޒިޓިވްވާ މީހުން އިތުރުވެ ހޮސްޕިޓަލްތައް ފުރެމުންނެވެ. އެކަމަކު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ދިއްލީ އަލުން ލޮކްޑައުނަކަށް ދިއުމުގެ ޕްލޭނެއް ނެތް ކަމަށެވެ. ދިއްލީން ވަނީ 41،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ 1،300 މީހުން މަރުވެފަ އެވެ.