Roadha Mihaaru
ފުލުހުންގެ ބިލުގައި 241 ކޮމިޓީއަށް ބޮޑެތި ބާރުތަކެއް

ފުލުހުންގެ ބިލުގައިި 241 ކޮމިޓީ އަށް ބޮޑެތި ބާރުތަކެއް

16 ޖޫން 2020

ފުލުހުންގެ ގާނޫނު އަލުން ހެދުމަށް ޓަކައި ސަރުކާރުން ހުށަހެޅި ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ބާބެއް ހިމަނައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުލުހުންގެ ގާނޫނު އަލުން ހެދުމަށް ޓަކައި ސަރުކާރުން ހުށަހެޅި ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ބާބެއް ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެެޅުއްވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަނެ 241 ކޮމިޓީ އަށް ފޮނުވި އެވެ. އެ ބިލް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލްގެ 14 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ ފުލުހުންގެ ހިދުމަތުގައި ކޮމިޓީގެ ދައުރު އޮންނާނެ މިންވަރާއި ގޮތްތައް ބަޔާން ކުރުމަށެވެ. ބިލުގައިވާ ގޮތުން ކޮމިޓީގެ ދައުރު ގާނޫނުގައި ހިމަނަނީ 241 ކޮމިޓީ އަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް އަމަލީ ސިފަ ގެނައުމަށެވެ. އެގޮތުން އެ ބިލްގެ 73 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ކޮމިޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްްގެން އަންގާ އެންގުންތަކަށް އެ އެންގުންތައް ރައްދުވާ ފަރާތްތަކުން ތަބާވުން ލާޒިމުވާނެ އެވެ.

ބިލުގައިވާ ގޮތުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި އެކި ބަދަލުތައް ގެންނަން ހޯމް މިނިސްޓަރަށާއި ޕޮލިސް ކަމިޝަނަރަށް އެންގުމުގެ ބާރު ކޮމިޓީ އަށް އޮންނާނެ އެވެ. އެގޮތުން ފުލުހުންނަށް ލިބޭ އިނާޔަތާއި ފަސޭހަތަކާ ގުޅޭ ކަންކަމަށް ބަދަލު ގެންނަން ވެސް ކޮމިޓީން އެނގޭނެ އެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެ އެވެ.

ފުލުހުންގެ އިދާރާއާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި، އެގޮތުން ލިބޭ ޝަކުވާއެއްގައި ގަބޫލުކުރެވޭ ކަމެއް އޮތް ނަމަ އެކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅަން އެންގުމާއި އެގޮތުން އަޅާނެ ފިޔަވަޅުތައް މިނިސްޓަރަށާއި ކޮމިޝަނަރަށް އެންގުމުގެ ބާރު ވެސް ބިލްގައި ކޮމިޓީ އަށް ލިިބިދީފައި ވެ އެވެ.

ފުލުހުންގެ ބިލަށް އިއްޔެ ކުރި ބަހުސްގައި މަޖިލީހުގެ ގިނަ މެމްބަރުން ފުލުހުންގެ އިދާރާ މިހާރު ހިނގާ ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންގެ އަޚުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ވާހަކަ ދައްކަވައިފަ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަޚުލާގެއް ނެތް ބައެކެވެ. ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ވެސް ނުބަލަ އެވެ.

އެ ވާހަކަތަކަށް ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު މިއަދު ރައްދު ދެއްވި އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.