Roadha Mihaaru
މަޖިލީހުން ފުލުހުންގެ މިނިވަންކަމަކާ ނުބެެހޭނެ: އަސްލަމް

މަޖިލީހުން ފުލުހުންގެ މިނިވަންކަމަކާ ނުބެހޭނެ: އަސްލަމް

24 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީން) ފުލުހުންގެ ހިންގުމުގެ މިނިވަންކަމާ ނުބެހޭނެ ކަމަށް އެ ކޮމިޓީގެ މުގަައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީން) ފުލުހުންގެ ހިންގުމުގެ މިނިވަންކަމާ ނުބެހޭނެ ކަމަށް އެ ކޮމިޓީގެ މުގަައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާ ބެހޭ ގޮތުން، މަޖިލީހުގެ އިދާރާގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ކުރި ސުވާލެއްގެ ޖަވާބުގައި އަސްލަމް ވިދާޅުވީ، 241 ކޮމިޓީން މިހާރު ދިރާސާކުރާ ފުލުހުންގެ ހިދުމަތުގެ ބިލުގައި، އެ ކޮމިޓީ އަށް ދީފައި ވަނީ ގާނޫނުއަސާސީގައި މަޖިލީހަށް ދީފައިވާ ބާރުތައް އެކަނި ކަމަށެވެ. ބިލުގައި ކޮމިޓީ އަށް ދީފައި ވަނީ ޖަވާބުދާރީ ކުރުވުމުގައި މަޖިލީހަށް އޮންނަ ދައުރު އަދާކުރުމުގެ ބާރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖަވާބުދާރީ ކުރުވުގެ މަސްއޫލިއްޔަތަކީ އެއީ ގާނޫނުއަސާސީ ވެސް ބަޔާންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދައުރު. އެހެންވީމާ އެ ދައުރު ފުރިހަމަ ކުރުމަށްޓަކައި [މިހާރު އޮތް ގަވައިދު] އެކުލަވައިލެވިފައި ވަނީ. ގާނޫނުގައި މި ވާހަކަ ލިޔުމުން ބައެއް މެމްބަރުންގެ ހިޔާލު ތަފާތުވުންތަކެއް އައީ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ

މަޖިލީހުގެ 241 ކޮމިޓީން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ

ފުލުހުން ޖަވާބުދާރީ ކުރުވުމުގައި 241 ކޮމިޓީ އަށް އޮންނަ ބާރުތައް، މަޖިލީހުގެ ގަވައިދުގައި އޮތުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ އިރު، އެ ބިލްގެ 14 ވަނަ މާއްދާ ޚާއްސަކޮށްފައި ވަނީ 241 ކޮމިޓީގެ ދައުރުގެ މައްޗަށެވެ. ބިލުގައި 241 ކޮމިޓީގެ ބާރުތައް ބަޔާންކުރާ ބާބުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮވެ އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ކޮމިޓީން ފުލުހުން ޖަވާބުދާރީ ކުރުވުމަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމެއް ނޫނެވެ. އޭނާ ވިދާޅުވީ، ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ވާނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވަން އުޅުމާއި ތަހުގީގުތައް ވަކި ގޮތަކަށް ގެންދަން ބާރު އެޅުން ކަހަލަ ކަންތައްތައް ކަަމަށެވެ.

"ފުލުހުންނަށް އޮންނަން ޖެހޭނެ ހަމަ މިިނިވަން ކަމާ އެކު މަސައްކަތް ކުރުމުގެ ފުރިހަމަ އިހުތިޔާރު،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައެޅި އިސްލާހުތަކުގައި ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހޯދުމާއި ފުލުހުންނަށް ބައެއް ކަންކަމާ ގުޅޭ އެންގުންތައް އެންގުމާއި މައުލޫމާތު ހޯދުމުގެ ބާރު 241 ކޮމެޓީ އަށް ލިބެ އެވެ. ބިލުގައި މިހާރު ހުރި އެފަދަ ބައެއް ކަންކަމަށް އެހެން މީހުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ބިލް ދިރާސާ ކުރާ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަކީ ވެސް ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ވަނުމުގެ ބާރު އެހެން މުއައްސަސާއަކަށް ލިބިގެން ނުވާނެ ކަމަށެވެ. މަޖިލީހުގެ 241 ކޮމެޓީ އާއި އެހެން މުއައްސަސާތަކުން ބާރު ހިންގަން ޖެހޭނީ ފުލުހުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަަޝްވަރާ ހޯދަން މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ ބިލާ ބެހޭ މައުލޫމާތު ދޭން މިއަދު ލީފްލެޓެއް ވެސް ނެރުނެވެ. މިއަދުގެ މީޑިއާ ބްރީފިން ފެށުމުގެ ކުރިން އެ ލީފްލެޓް ނެރެދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.