Roadha Mihaaru
ލޯގޯ ޖެހި މާސްކް އެޅުން ސްކޫލުތަކުން މަނާކުރަނީ

ލޯގޯ ޖެހި މާސްކް އެޅުން ސްކޫލުތަކުން މަނާކުރަނީ

16 ޖޫން 2020

ދަރިވަރުން ސްކޫލަށް ދާއިރު ލޯގޯ ޖަހާފައިވާ މާސްކް އެޅުން ބައެއް ސްކޫލްތަކުން މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުން ސްކޫލަށް ދާއިރު ލޯގޯ ޖަހާފައިވާ މާސްކް އެޅުން ބައެއް ސްކޫލްތަކުން މަނާކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގައި ކިޔެވުން މެދުކަނޑާލިތާ ގާތްގަނޑަކަށް ހަތަރު މަހަށްފަހު އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ނިއު ނޯމަލްގައި ސްކޫލަށް ދާއިރު މާސްކް އަޅަން ޖެހެ އެވެ.

އެ ބަލިން ރައްކާތެރިވުމަށް މާސްކަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންވެ މި ދުވަސްވަރު އެންމެ ޑިމާންޑު ބޮޑު އެކައްޗަށް ވެފައިވަނީ ވެސް މާސްކެވެ. އޭގެ ވިޔަފާރި ފުޅާވެ ދަރިވަރުންނަށް އަމާޒުކޮށްގެން މިހާރު އަންނަނީ ސްކޫލުގެ ލޯގޯ ބޭނުންކޮށްގެން ވެސް މާސްކް ތައްޔާރުކުރަމުންނެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ ހުއްދަ ނެތި ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް، މިނިސްޓްރީގެ ހުއްދަ ނެތި ވިޔަފާރީގެ ބޭނުމާއި އެ ނޫން ވެސް ކަންކަމުގައި ބެޖު ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

އިސްކަންދަރު ސްކޫލުން، ބެލެނިވެރިންނަށް އެންގި އެންގުމުގައި ވަނީ ދަރިވަރުން ބޭނުންކުރަނީ ސްކޫލުގެ ލޯގޯ ޖަހާފައިނުވާ މާސްކު ކަން ކަށަވަރުކޮށްދިނުމަށް އެދިފަ އެވެ. އަދި އިމާދުއްދީން ސްކޫލުން ވެސް އެކަހަލަ މާސްކް ވަނީ މަނާކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުރިއަށް އޮތް މަހު ޔުނީފޯމްގެ ބައެއްގެ ގޮތުގައި މާސްކް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް އެ ބޭނުންކުރުމަށް އެދިވަޑައިގަތެވެ.