Roadha Mihaaru
އިސްކަންދަރު ސްކޫލު ބާވެ "ބޮލަށް" ވެއްޓެނީ

އިސްކަންދަރު ސްކޫލު ބާވެ "ބޮލަށް" ވެއްޓެނީ

12 އޮކްޓޯބަރ 2023

ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް އެންމެ ވިދުން ގަދަ އެއް ސްކޫލެވެ. ނަތީޖާއަކީ، އިސްކަންދަރު ސްކޫލުން ޖާގަ ހޯދަން ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނެއް ހުށަހެޅުމެވެ. އެކަމަކު، 62 އަހަރު ކުރިން ހުޅުވި ސްކޫލުން މިހާރު ފެންނަމުންދަނީ އިމާރާތް ވީރާނާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ މަންޒަރެވެ. ރާއްޖެ އާއި ދުނިޔެއަށް މަތީ ވަނަތަކާއި ޝަރަފުތައް ހޯދައިދިން ސްކޫލަށް ސަރުކާރުން އިހުމާލުވެފައިވާ ތަނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީގެ ކުރިން އެންމެ އަޑު ހަރުކޮށް އިވުނީ އަރަބިއްޔާ ސްކޫލު ބޮލަށް ވެއްޓޭތީ ބެލެނިވެރިން ކުރި ޝަކުވާތަކެވެ.

ނަމަވެސް، މި ޒަމާންވީ ސްކޫލުގެ ބައެއް ތަނބުތައް ވަނީ ފާރާ ވަކިވެ، ދަރިވަރުން އެތަނުގައި އުޅެން ވެސް ނުރައްކާ ހިސާބަށް ގޮސްފަ އެވެ. ބެލެނިވެރިން ރުޅި އިސްކޮށް މަގުމައްޗަށް ނުކުމެ މުޒާހަރާ ނުކުރާތީ އެކަން ސަރުކާރަށް ރޭކާލާ ކަމަކަށް ނުވެ އެވެ.

އިސްކަންދަރު ސްކޫލުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ސްކޫލު އޮފީސް ހިންގާ ތަން ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ސްކޫލު އޮފީސް ހިންގާ ތަން ހުރި ހާލަތު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލުގެ ހާލަތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެ ތަނުގެ އޭ ބްލޮކް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް އިންޖީނިއަރިންގެ ޓީމަކުން މި ނުވަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ސްކޫލަށް އަންގާފައިވެ އެވެ.

އެމްއެންޑީއެފްގެ ސިވިލް އިންޖީނިއަރުން ވެސް އިންސްޕެކްޝަން ހެދުމަށް ފަހު، މައި ދޮރާށި ކައިރިން ހުރި ދެ ބުރީގެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް އެންގި ކަމަށްވެ އެވެ. އެގޮތަށް އަންގާފައިވާތީ، އެ ތަނުގައި މިހާރު ކިޔަވައި ނުދީ ބޭނުންކުރަމުން އަންނަނީ ގުދަނަކަށެވެ.

އިސްކަންދަރު ސްކޫލުގައި ގެއްލުން ލިބިފައި ހުރި ތަނބެއް ކައިރިން ކުއްޖަކު ހިނގާލާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގައި ގެއްލުން ލިބިފައި ހުރި ތަނބެއް ކައިރިން ކުއްޖަކު ހިނގާލާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ކުރިން ކްލާސް ރޫމުތައް ބޭނުންކުރީ އެކި އެކި މަރާމާތުތައް ކޮށްގެންނެވެ. ހާއްސަކޮށް، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން 35 ކްލާސްރޫމްގެ ސްކޫލު ވަރަށް މަރާމާތަށް ބޮޑު ހަރަދެއް ކުރެ އެވެ. އެކަމަކު، އިމާރާތް ބާވުމުން އެކަން ކޮށްގެން ވެސް ސަލާމާތް ވާގޮތެއް ނުވި އެވެ.

އެ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް، ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން އެ ކްލާސް ރޫމުތައް ބޭނުން ކުރުން ހުއްޓާލިތާ ފަސް އަހަރުވެއްޖެ އެވެ. އެކަމަކު، އޭގެ ތެރޭގައި ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ހެލްތު ރޫމް ހިންގަ އެވެ.

ދަރިވަރުންނަށް މިހާރު ކިޔަވައިދެނީ ބާކީ ހުރި ބީ ބްލޮކާއި ސީ ބްލޮކްގެ ކްލާސް ރޫމުގައި އެކަންޏެވެ. އެ ދެ ބްލޮކްގައި ހުންނަ ދަރިވަރުންގެ ފާހަނާ ބަރީގެ ފާރުގައި ވެސް ހުރީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ. އެ ތަނުގައި ހުރި ޓީޗަރުންގެ ކޮޓަރީގެ ފާރުގައި ވަރަށް ބޮޑަށް ރެނދުލާފައިވާއިރު، ޖެހިގެން ހުރީ ކުދިންނަށް ކިޔަވައިދޭ ކްލާސް ރޫމްތަކެވެ.

އިސްކަންދަރު ސްކޫލުގެ ފާރާއި ތަނބެއް ވަކިވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ފާރާއި ތަނބެއް ވަކިވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ކިޔައިދިން ގޮތުގައި ވާރޭ ވެހިއްޖެނަމަ ޑެޕިއުޓީ ޕްރިންސިޕަލުންގެ ކޮޓަރި އޮންނަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.

"އަހަރެމެން ރީތި ގޮތުގައި މިކަމަށް ހައްލެއް ލިބޭތޯ މިއޮތް ހުރިހާ ދުވަހު ފާޅުގައި ޝަކުވާއެއް ނުކޮށް ހުރީ. އެހެންވެ ކަންނޭނގެ މި ވީ އަހަރުތަކުގައި ވެސް ސަރުކާރުން އަޅާނުލާ ތިބީ. ސްކޫލުން ކަމާބެހޭ ފަރާތްތަކަށް އެންގި ކަމަށް މީގެ ކުރިން ބުނެފައިވޭ." ސްކޫލުގައި ކަންކަމުގައި އިސްކޮށް އުޅޭ ބެލެނިވެރިޔަކު ބުންޏެވެ.

އިސްކަންދަރު ސްކޫލުގެ ކްލާސްރޫމަށް ލިބިފައި ހުރި ގެއްލުންތައް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގެ ކްލާސްރޫމަށް ލިބިފައި ހުރި ގެއްލުންތައް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ބެލެނިވެރިޔާ ބުނި ގޮތުގައި އިސްކަންދަރުގައި މިހާތަނަށް ގްރޭޑު 6 ކިޔަވައިދިނީ ހެނދުނުގެ ދަންފަޅީގަ އެވެ. އެކަމަކު، ލިބިފައި ހުރި ގެއްލުންތަކާ ހެދި ބޭނުން ނުކުރެވޭ ކްލާސްރޫމްތައް ހުރުމުން މިދިޔަ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރު އެ ގްރޭޑުގެ ކުދިންނަށް ކިޔަވައިދޭން ފެށީ މެންދުރު ފަހުގެ ގަޑީގަ އެވެ.

"ކްލާސްރޫމުތަކުން މަދުކުރަމުން މަދުކުރަމުން މި ދަނީ. އެކަމަކު، މިއީ އެންމެ ވަރުގަދަ އެއް ސްކޫލުގެ ހާލަތު." އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިސްކަންދަރު ސްކޫލަށް ގުޅުމުން ވަނީ އެޑިއުކޭޝަނުން މައުލޫމާތު ސާފުކުރަން އެދިފަ އެވެ. މިކަމާ ގުޅިގެން މައުލޫމާތު ހޯދަން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހިމެނޭ ގޮތުން ތިން ބޭފުޅަކަށް ގުޅައިގެން ވެސް މިހާތަނަށް ޖަވާބެއް ނުލިބެ އެވެ.