17 ޖޫން 2020
ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ބަލައިގެންފައިވާ އިރު އެ ބިލްގެ 14 ވަނަ މާއްދާ ޚާއްސަކޮށްފައި ވަނީ 241 ކޮމިޓީގެ ދައުރުގެ މައްޗަށެވެ.
ގާނޫނުއަސާސީގެ 239 ވަނަ މާއްދާގައި، "ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ" ކަމަށް އޮވެ އެވެ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮންނަންވާނެ ކަމަށް ވެސް ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައި އޮވެ އެވެ. އެހެންވެ އަލަށް ހުށަހެޅި ފުލުހުންގެ ހިދުމަތުގެ ބިލުގައި އެ ކޮމިޓީގެ މަސްއޫލިއްޔަތު ބަޔާންކޮށްދީފައި ވަނީ ގާނޫނުއަސާސީގެ މި މާއްދާ އަށް ރިއާޔަތްކޮށްފަ އެވެ. ގާނޫނުއަސާސީގައި، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް މަޖިލީހުގެ ބާރު ފޯރުވޭނެ ކަމަށް އޮތަސް އެކަން ތަފްސީލުކޮށްދީފައެއް ނޯވެ އެވެ.
އަލަށް ހުށަހެޅި ބިލުގައި 241 ކޮމިޓީގެ ބާރުތައް ބަޔާންކުރާ ބާބުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮންނާނެ އެވެ. އަދި ފުލުހުން ހިންގަމުންދާ ނުވަތަ ހިންގާފައިވާ ނުވަތަ ހިންގަން ގަސްދުކުރާ އެކި އޮޕަރޭޝަންތަކާއި ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވޭނެ އެވެ. ތަހުގީގަށް ބަންދުކުރާ މީހުންނާ މެދު އަމަލުކުރާ އުސޫލުތައް ދެނެގަތުމާއި އެ އުސޫލުތައް ބަދަލުކުރަން އެންގުމުގެ ބާރު ވެސް އެ ބިލް ގާނޫނަކަށް ވުމުން ކޮމިޓީ އަށް އޮންނާނެ އެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމައި، ލިއުމުން އަންގާ އެންގުންތަކަށް ތަބާވުމަކީ އެ އެންގުން ރައްދުވާ ފަރާތެއްގެ މައްޗަށް ލާޒިމްވާ ކަމެއްގެ ގޮތުގައި ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޮމިޓީ ބައްްދަލުވުމެއްގައި. ފުލުހުންގެ ބިލްގައި ހައްލު ހޯދަން ޖެހޭ ކަންބޮޑުވުން ހުރި ކަން ފާހަގަކުރެއްވި. ފައިލް ފޮޓޯ/މިހާރު
ފުލުހުންގެ ބިލުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މިހާރު ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ 241 ކޮމިޓީ އަށް ބާރުތައް ދޭން ހުށަހަޅާފައިވާ ގޮތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހަކީ ރިޔާސީ ނިޒާމެއްގައި އޯވަސައިޓް ކުރަން ޖެހޭނެ ބަޔަކަށް ވާއިރު، ފުލުހުންގެ ޚިދުމަތް ހިނގަން ޖެހޭނީ ވެރިކަން ހިންގާ ފަރާތުގެ ބާރުގެ ދަށުގައި ކަމަށެވެ. އެކަމަކު އެ މުއައްސަސާ އިން ކުރާ ކަންކަން ބަލައި ޒިންމާދާރުކުރުވުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއްކަން ގާނުނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ވަރަށް ރަނގަޅު ކަންކަން ހިމަނާފައިވެ އެވެ. އެކަމަކު ކަންބޮޑުވުމަކީ ވެރިކަން ހިންގާ ފަރާތުގައި ހުންނަން ޖެހޭ ބޮޑެތި ބާރުތަކެއް ބިލުން މަޖިލީހަށް ލިބިދީފައި ވުމެވެ. އެ ބާރުތައް މަޖިލީހަށް ދޭން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ 241 ކޮމިޓީން ނިންމާ ކަންކަމަށް ފުލުހުން އަމަލުކުރުން ލާޒިމްވުމުން ފަދަ ކަންކަން ބިލުގައިވޭ. އެކަމަކު ފުލުހުން އަމަލުކުރަން ޖެހޭނީ ގާނޫނަށް. މަޖިލީހުގެ 241 ކޮމިޓީގެ މިސާލަކަށް ހަތް މީހަކު ނިންމާ ނިންމުމެއް ފުލުހުން ތަންފީޒުކުރަންވީތޯ ސުވާލު އުފެދޭ،" ރިޔާޒް ވިދާޅުވި އެވެ.
"މީގައި އަޅުގަނޑުގެ ކަންބޮޑުވުމަކީ ވެރިކަން ހިންގުމުގެ ބާރުގެ ދަށުގައި ހުންނަން ޖެހޭ ކަންކަން މަޖިލީހަށް ލިބިއްޖެ ނަމަ ފުލުހުންގެ މުއައްސަސާ މިހާރަށް ވުރެން ވެސް ބޮޑަށް، މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށް ބެލެވެނީ."
ޕޮލިސް ކޮމިޝަނަރު އައްޔަން ކުރަން ބިލުގައި ހުށަހަޅާފައި އޮތް ގޮތަކީ ވެސް އެންމެ ރަނގަޅު ގޮތް ކަމަކަށް ރިޔާޒް ގަބޫލެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ ދައުރު ވެސް މިހާރަށް ވުރެން ސާފުވާން ޖެހެ އެވެ. ފުލުހުންގެ ބިލުގައި، ފުލުހުން ބޭނުންކުރާނީ ކޮން ކަހަލަ ހަތިޔާރެއް ކަން ކަނޑައަޅާފައި ނުވާ ކަން ފާހަގަކުރެއްވި އެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހް ކުރަން ބޭނުންވާ ނަމަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ވެސް ބާރުވެރި ކުރުވަން ޖެހޭ ކަމަށެވެ. އެއީ، އެއް ކަމަކަށް ތަހުގީގުކޮށް ދައުވާ އުފުލުމުގެ ބާރު އެތަނަށް ދިނުން ކަމަށް ވިދާޅުވި އެވެ.
ބިލާ މެދު ފުލުހުންނާއި ސަރުކާރާއި އެހެން އިދާރާތަކުގެ ބަސް ހޯދާނެ ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ އުއްމީދަކީ ބިލް ނިމޭއިރު މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދިއުމެވެ.
ފުލުހުންގެ ބިލް ހުށަހޅައި މަޖިލީހުގައި ބަހުސްފަށާފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ފުލުހުންގެ މުއައްސަސާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މާޒީގައި ހިންގާފައިވާ ގާނޫނާ ޚިލާފު އަމަލުތަކަށް ފިޔަވަޅު ނޭޅޭތީ އެ މުއައްސަސާގެ އިތުބާރު ގެއްލިފައި އޮތުން އަނބުރާ ރުޖޫއަކުރަން އިސްލާހީ ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
ފުލުހުންގެ ބިލް އޮތީ ނުފޫޒު ފޯރުވޭ ގޮތަށް: ރިޔާޒް
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަދީބަށް ފަރުވާ ނުދޭ މައްސަލަ ބަލަން މަޖިލިހަށް
ފުލުހުންނޭ، ތިޔަ ވައްޓާލެވެނީ މުޅި މުއައްސަސާގެ އަގު!
ރިޔާޒު އަނެއްކާ ވެސް ފުލުސް އޮފީހަށް
ގާސިމްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
މަޖިލީހުގެ ޖަލްސާތަކަށް ގާސިމް ހާޒިރު ކުރަން ޖެހޭނެ
ފުލުހުންގެ އެލަވަންސާ ގުޅިގެން މުނައްވަރާ ސުވާލުކުރަނީ