Roadha Mihaaru
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި

ސިއްހީ ސާމާނު އިންޑިއާ އިން ރާއްޖެ ގެނައުމުގެ ހުއްދަ ދީފި

17 ޖޫން 2020

ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19ގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެސްޓީއޯ އިން ގަނެ، ރާއްޖެ ނުގެނެވިފައި ހުރި ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއ ސަރުކާރުން ދީފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެސްޓީއޯ އިން އިންޑިއާ އިން ގަނެ، ބޯޑަރުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ރާއްޖެ އަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި ކަމަށެވެ. މި ސާމާނުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާ އިން ރާއްޖެ ގެންނަ ސާމާނުގެ ތެރޭގައި އެކި ބާވަތުގެ މެޑިކަލް މާސްކާއި، ވެންޓިލޭޓަރުގައި ބޭނުންކުރާ އެމްބޫ ބޭގްތަކުގެ އިތުރުން އޮކްސިޖަން ގުޅަން ބޭނުންކުރާ ހޮޅި އާއި ލެބޯޓްރީގައި ބޭނުންކުރާ ފިލްޓާ ޓިޕްތައް އަދި ހަކުރު ޓެސްޓު ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ފަދަ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖެ އަށް ބޭނުންވާ ބައެއް ބޭސް ވެސް ތާށިވި އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ބޭސްތައް ވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އިންޑިއާ އިން އެކްސްޕޯޓް ކުރުން ހުއްޓާލި ބައެއް ސާމާނު ވެސް ރާއްޖެ އަށް ދޫކުރާ ގޮތަށް އެ ގައުމުން ހަމަޖެއްސި އެވެ.

އިންޑިއާގެ ބޯޑަރު ބަންދުކޮށް އެކި ސަރަހައްދުތަކުގައި ކާފިއު ހިންގައިފައިވާތީ އެކި ސިޓީތަކުން ސާމާނު އުފުލުމުގައި ވެސް ދަތިތައް ދިމާވަމުންދެ އެވެ.