Roadha Mihaaru
ބިދޭސީންނަށް ސިއްހީ ފަރުވާ ދިނުމާ މެދު ކަންބޮޑުވުން

ބިދޭސީންނަށް ސިއްހީ ފަރުވާ ދިނުމާ މެދު ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

22 ޖޫން 2020

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގެ ބިލް، މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ބިރު އެބައޮތް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގެ ބިލް، މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ ބިރު އެބައޮތް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅުއްވި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" އަދި އޮތީ މަޖިލީހުގެ ބަހުސްގެ މަރުހަލާގަ އެވެ. އެ ބިލް މަޖިލީހުން ފާސްކުރާނީ އާންމު އުސޫލުގެ މަތިން ކޮމިޓީ އަށް ގެންގޮސް އިސްލާހު ގެންނަންޖެހޭ ނަމަ އެކަން ކުރުމަށް ފަހު އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ބިލްގެ 12 ވަނަ މާއްދާގައިވާ ގޮތުން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ސިއްހީ ވަސީލަތްތަކާއި ހަރަދު ލިބޭނެ ގޮތް ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ މީހުންނަށް ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި އެ ބިލް އިސްލާހުކުރަން އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން ކުންފުނިތަކާއި ވަކިވަކި މީހުންގެ ހަވާލުގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސީންނަށް ސިއްހީ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކުރަން އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ސިއްހީ ނުރައްކަލުގެ ހާލަތެއްގައި އެއްވެސް މީހަކު އެކަހެރިނުކޮށް އެންމެންނަށް ފަރުވާ ފޯރުކޮށްދެން ޖެހޭނެ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ. ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައި ވެ އެވެ. އަދި އަތްފޯރާ ފަށުގައި ސިއްހީ ފަރުވާ ލިބެން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގެ ބިލްއާ ގުޅޭ ގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ބިލް ފާސްވެއްޖެ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައި ވެ އެވެ. ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭ ޖެހުން ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ވެސް 60 ދުވަސް ވަންދެން މެދުކެނޑޭނެ ކަމަށް ބުނެފައި ވެ އެވެ. އޭގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެފައި ވެ އެވެ.