23 ޖޫން 2020
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި އެ ނޫން ވެސް ނުފޫޒާއި ބާރުގަދަ ފަރާތްތަކެއް ހިމެނުނަސް ތަހުގީގުގައި ވަކި ބައެއްގެ މައްސަލަ ދޫކޮށް ނުލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި މުޅި ދައުލަތުގެ ތެރޭގައި މޫލާފައި އޮތް ޚިޔާނާތުގެ ތަހުގީގާ ބެހޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް "އަތް ނުލެވޭނެ ބަޔަކު ނުތިބޭނެ" ކަމަށެވެ. ދައުލަތުގެ ކޮންމެ މަގާމެއްގައި ހުއްޓަސް، ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.
މި ތަހުގީގުގެ މައްޗަކަށެއް އެއްވެސް ނުފޫޒެއް ނެތް. މީގައި އަތް ނުލެވޭނެ ބަޔަކު ވެސް ނުތިބޭނެ މި ސަރުކާރުގައި ތިއްބަސް އަދި ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ވިޔަސް. --ހަމީދު
ނަންތަކާ ނުލައި ހަމައެކަނި އަދަދެއް އާއްމުކޮށް ތަހުގީގަށް ބައެއް މީހުން ހާޒިރުކޮށް ސުވާލުކުރި އެވެ. ހިޔާނާތުގައި ހެކި ހޯދިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ދޮޅު އަހަރުވި އިރު ފެނުނީ ތަހުގީގު ލަސްކޮށް ކުރިއަށްދާ ތަނެވެ.
އެކަމަކު ޕޮލިސް ކޮމިޝަނަރު މިކަން ގަބޫލެއް ނުކުރައްވަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
އޭނާ ވިދާޅުވީ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ތަހުގީގު ލަހެއް ނޫން ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ތަހުގީގު އަމާޒު ހުރީ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ މައްސަލަތައް ބަލައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަން ކަމަށް ވިދާޅުވި އެވެ.
"މައްސަލައިގެ ބޮޑު ކަމާއި މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މައްސަލަ ލަސް ކަމަކަށެއް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވެ، ޕީޖީ އާއި އޭސީސީ ބަދަލުވުމަކީ ވެސް މައްސަލަ ލަސްވާން ދިމާވި ސަބަބަކަށް ވުން އެކަށީގެންވެ އެވެ.
މި ޚިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވީ ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންނާއި ޕީޖީ އޮފީހާ އެކު ހެދި ޕްލީ ބާގެއިން އެއްބަސްވުމެއްގެ ދަށުން، މި ޚިޔާނާތުގައި އަދީބަށް 15 އަހަރަށް ވުރެން ދިގު ހުކުމެއް ނާންނާނެ އެވެ. ބަދަލުގެ ގޮތުގައި، އެމަނިކުފާނު ވަނީ ޚިޔާނާތް ހިންގި ގޮތާއި އޭގެ ބައިވެރިންނާއި މަންފާ ލިބުނު މީހުން ފުލުހުންގެ ތަހުގީގަށް ކިޔައިދެއްވައިފަ އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެއްބަސްވި ގޮތަށް އަދީބު ގެންދަވަނީ އަދިވެސް ތަހުގީގަށް އެއްބާރުލުން ދެއްވަމުންނެވެ.
އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ. މި ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކުރި ބޭފުޅުންގެ ތެރެއިން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގަ އެވެ.
ކޮމިޝަނަރު ވިދާޅުވީ މި ތަހުގީގު ކުރިއަށް ވުރެން ފުޅާކޮށް، އެކަމަށް 18 ވަރަކަށް ފުލުހުންގެ ޓީމެއް ވަނީ އެކުލަވާލައިފައި ކަމަށެވެ. މި ޓީމުން ބަލަމުން އަންނަނީ، ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ބެލެވޭ ލިސްޓުގައި ތިބި މީހުންގެ މައްސަލަތަކެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ފުލުހުންނާއި ސިފައިން ވެސް ހިމެނޭތީ ތަހުގީގު ޓީމުން އެ މީހުންގެ މައްސަލަތަކެއް ނުބަލާނެ އެވެ. އެކަން ކުރިއަށް ގެންދާނީ އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ކަމަށް ވިދާޅުވި އެވެ.
ތުހުމަތުކުރެވޭ ބައެއް ފުލުހުން އަދިވެސް ޚިދުމަތުގައި އެބަ ތިއްބެވެ. އެއީ، ގާތްގަނޑަކަށް ހައެއްކަ ފުލުހުން ކަމަށާއި މިއިން އެކަކު ވެސް ތަހުގީގުތަކުގައި ބައިވެރިވާ ނުވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ވޭތުވެދިޔަ ތިން މަހު، އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގު ބާރު ސްޕީޑުގައި ގެންދަން ފަށައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރު ދެއްވި ޔަގީން ކަމަކީ ވަރަށް އިންސާފުވެރިކޮށް މި ތަހުގީގު ކުރިއަށް ގެންދާނެ ކަމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ބޭއްވި ނިއުސް ބްރީފިންގައި (ކ-ވ) އޭސީސީގެ ރައީސް ޝިއުނާ، ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު، ޕޮލިސް ކޮމިޝަނަރު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވީ ތަހުގީގު ވަކި ގޮތަކަށް ކުރިއަށް ގެންދަން މިހާތަނަށް އެއްވެސް ނުފޫޒެއް ފޯރާފައި ނެތް ކަމަށެވެ. އަދި ތަހުގީގަށް ނުފޫޒު ފޯރުވިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަކި ސިސްޓަމެއްގެ ތެރެއިން މި ގެންދަނީ ތަހުގީގު. މިސާލަކަށް އެ 267 މީހުންގެ ތެރެއިން ކޮންކޮން ބައެއްގެ މައްޗަށް ކިހާ ވަރެއްގެ ހެކި ހުރިތޯ އާއި ހެކީގެ ބުރަދަނާއި އެ މީހާ ފައިސާ ނަގާފައި ހުރި ކަމަށް ފެންނަން ހުރި އަދަދުތަކާއި އެކި ކަހަލަ ހެކިތަކާއި އެ މީހާ އަދާކުރި މަގާމާއި މި ކަހަލަ ކަންކަން ބަލައި އަޅުގަނޑުމެން ތިން މުއައްސަސާ މެދުގައި އެއްބަސްވެވިފައި އިން ވަކި މެޓްރިކްސްއެއްގެ ތެރެއިން މި ގެންދަނީ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުން މަންފާ ލިބުނު ލިސްޓުގައި ހިމެނޭ އެންމެން އެ ފައިސާގައި ހިފީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނޫން ކަމަށް ވުން އެކަށީގެންވެ އެވެ. ލިސްޓުގައި ހިމެނޭ އެންމެންގެ ނަން އާއްމުނުކުރާ ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް، ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ލިސްޓުގައި ހުރި އެންމެންގެ ނަންތައް އާއްމުކޮށްފި ނަމަ ތަހުގީގަށް ވެސް ހުރަސްއެޅިދާނެ ކަމަށެވެ.
"ތަހުގީގަށް ވަރަށް ގިނަ ހެއްކާއި ގަރީނާ ހޯދިފައި އެބަހުރި. އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ދައުވާ ކުރެވޭނެ މީހުންނާއި ނުކުރެވޭނެ މީހުން ޕްރޮސިކިއުޓަ ޖެނެރަލް ނިންމަވާނެ،" ހަމީދު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ހިންގަނީ އަދީބުގެ ފޯނުން ލިބުނު ހެކިތަކާއި ބަޔާންތަކަށް އެކަނި ބަރޯސާވެގެން ނޫނެވެ. އޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ގޮތާ ގުޅޭ ގޮތުން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއްކޮށް ހެކިތައް އެއްކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
މީގައި ހިމެނުނު ގިނަ ބަޔަކީ ކުރީގެ ސަރުކާރުގެ ބާރުގަދަ މަގާމްތަކުގައި ތިބި މީހުންނަށް ވުމުން، މި ހިޔާނާތާ ގުޅޭ ވަަރަށް ގިނަ ކަންކަން ފޮރުވެން ހުންނާނެ ކަމަށް، ހަމީދު ވިދާޅުވި އެވެ. އޭގެތެރޭގައި ޓްރާންސެކްޝަންތަކާއި ހޯދާފައިވާ މުދަލާއި ވިޔަފާރިތައް ވެސް ހިމެނޭނެ އެވެ.
އަލްޖަޒީރާ އިން ތައްޔާރުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
ހަމީދު ވިދާޅުވި ގޮތުގައި މިކަންކަން ބަލަން އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. ތަހުގީގުން މިހާތަނަށް ހޯދުނު ކަންކަމަށް ބަލައި މި މައްސަލައިގައި، އެންމެ ބޮޑަށް ބައިވެރިވުން އޮތް މީހުންގެ މައްޗަށް ލަސްތަކެއް ނުވެ ދައުވާކުރަން ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތް ވާން ފެށީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކޮށް އެއަށް ވަމުން ދިޔަ ތައްޔާރީތަކާ ހަމައިންނެވެ. މި ހިސާބުން ފަށައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން ދައުލަތުގެ ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ޕާޓީ ބަދަލުކުރަން ވެސް ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގުން ފެންނަން އެބަ އޮތެވެ. އޭގެ ފަހުން އެ މެމްބަރުންގެ މަޖިލީހުގެ ދައުރުގައި ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ވެސް ފައިސާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކޮށްފައިވެ އެވެ.
އެއް ބަޔަކު ސިފަކުރާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައިގަނޑު އެއް ބޭނުމަކީ، އޭރުގެ ސަރުކާރަށް ލޮޅުން އަޔަނުދީ، ދައުލަތުގެ މުހިންމު ނިޒާމުތަކުގެ ވެރިން، ފައިސާގެ ނުފޫޒުން ގަތުމެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 4 ތަނެއް ފާސްކުރަނީ
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ
ހެލްތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަނީ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު