Roadha Mihaaru
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިިންކޮށް ކުރިއަށް ގެންދަނީ

14 މެއި 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިނގަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ސުޕަވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ ތަހުގީގު، އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ހަމީދުގެ ޓްވީޓްގައިވެ އެވެ.

ހަމީދުގެ ޓްވީޓް

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފެށިއިރު، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުން ހާޒިރު ކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭސީސީން ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.