ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އާއި އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
23 ޖޫން 2020
ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އާއި އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުލުހުންގެ ޚިދުމަތުގެ ބިލަށް ހުށައެޅި އިސްލާހުތަކުގައި ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހޯދުމާއި ފުލުހުންނަށް ބައެއް ކަންކަމާ ގުޅޭ އެންގުންތައް އެންގުމާއި މައުލޫމާތު ހޯދުމުގެ ބާރު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ލިބެ އެވެ. ބިލުގައި މިހާރު ހުރި އެފަދަ ބައެއް ކަންކަމަށް އެހެން މީހުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ބިލް ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ފުލުހުންނަކީ ވެސް ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާއެއް ކަމަށާއި ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ވަނުމުގެ ބާރު އެހެން މުއައްސަސާއަކަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ 241 ކޮމެޓީ އާއި އެހެން މުއައްސަސާތަކުން ބާރު ހިންގަން ޖެހޭނީ ފުލުހުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް އަޅުގަނޑުމެންނަކީ ވެސް ގާނޫނު އަސާސީގެ ދަށުން ޚިދުމަތް ކުރަން އޮންނަ މުއައްސަސާއަކަށް ވާތީ އެ މުއައްސަސާގެ އޮޕަރޭޝަނަލް އިންޑިޕެންޑެންސަށް ނުވަނުން. މިއަދު އަޅުގަނޑުމެން ޔަގީންކަން ދޭ ކަމަކީ އެއްވެސް ފަރާތަކަށް ފުލުހުން ކައިރީގައި ނުބުނެވޭނެ މިއަދަކު މިވެނި މީހާގެ މައްސަލައޭ ފުރަތަމަ ބަލަން ޖެހޭނީ. މިވެނި މައްސަލައެއް ބާއްވާށޭ. މިވެނި މީހަކު މިވެނި ދުވަހަކު ފުލުހުންގެ އިދާރާއަށް ގެންނާށޭ. އެހެނެއް ނުބުނެވޭނެ. އެ އަމުރެއް ނުކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ތެރެއިން ބަޔަކު ކުރިން ވަކި ގޮތަކަށް އަމަލު ކޮށްފައި އޮތް އޮތުމަކީ މުޅި މުއައްސަސާގެ އަގު ވައްޓާލައި، ހުރިހާ ފުލުހުންނަށް ފާޑުކިޔަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ފާޑުކިޔުމުން އޭގެ އަސަރު ކުރަނީ މުޅި މުއައްސަސާއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަންކަމުގެ ނޭދެވޭ އަސަރު އެބަ ހުރޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިދަނީ އެ ޗެލެންޖެސްތަކާ ފޭސް ކުރަމުން. ޕޮލިސް ސާވިސްއެއް ވީމަ ވަރަށް ޗެލެންޖިން އެންވަޔަރްމެންޓެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ. އަޅުގަނޑުމެން ޖެހޭ ވަރަށް ގިނަ ކަންކަން ބެލެންސް ކުރަން،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމާ މެދު އާންމުންގެ ކަންބޮޑުވުން ހުއްޓަސް، ފުލުހުންގެ ބިލުގެ ދަށުން އުފެދޭ ޕޮލިސިން ބޯޑާ އެކު އެ ބާރުތައް ބޭނުންކުރާ ގޮތް ބެލޭނެ ނިޒާމުތަކެއް ގާއިމްކުރެވޭނެ އެވެ. އަދި ޓެރަރިޒަމްގެ ނުރައްކާތެރިކަން ބޮޑުވަމުން ދާއިރު، ފުލުހުންނަށް އިތުރު ބާރު ނުދިނުމަކީ ހައްލެއް ނޫން ކަމަށާއި އެފަދަ ކޮންމެ ހާލަތެއްގައި ސިފައިންގެ އެހީތެރިކަން ހޯދޭނެ ގޮތެއް ނޯންނާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ނުރައްކާތެރި ކުށަކަށް އަރައިގަންނަ މީހަކީ އެއަށް ވުރެ ނުރައްކާތެރި ހަތިޔާރެއް ހިިފައިގެން ހުންނަ މީހަކަށް ވުން އެއީ ފުރުސަތު ވަރަށް ބޮޑު ކަމެއް. އެހެންވީމަ އެ ހާލަތުގައި އަޅުގަނޑުމެންނަކަށް ނޯންނާނެ އެ ފުލުސް މީހާ މަޑުކޮށްފައި ކޮމިޝަނާ އޮފް ޕޮލިސްއަށް އަންގާފައި، ހޯމް މިނިސްޓަރު ލައްވައި ޑިފެންސް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން މީހުން ނިކުމެ ލެސް ލީތަލް ހަތިޔާރެއް ހިފައިގެން އެ ހާލަތަކާ ކުރިމަތިލާކަށް ވަގުތެއް ނޯންނާނެ،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ކުރާ ކުށްތައް ބެލުމަށް ފުލުހުންގެ ތެރޭގައި އޮތް ނިޒާމުގެ ތެރެއިން އެފަދަ ގިނަ މައްސަލަތަކުގައި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އަދި އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން މުއައްސަސާތަކުން ފިޔަވަޅު ނާޅަނީސް ފުލުހުން އަމިއްލައަށް ވެސް އެފަދަ ފުލުހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މ. އުޖާލާގެ ގޭތެރޭގައި ހިނގައިދިޔަ ހާދިސާގައި ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި މިހާތަނަށް ނެތް ފުލުހުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް. އެންއައިސީ ވެސް އޮތް ތަނުގައި އޮތީ. އެޗްއާރުސީއެމް ވެސް އޮތް ތަނުގައި އޮތީ. އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭގައި އިދާރީ ފިޔަވަޅު އެޅީ ވެސް. އަޅުގަނޑުމެެން ލީޑާޝިޕުން ނުކުމެ ފާޅުގައި ބުނީ ވެސް އެ މީހުން ކުރީ ކުށެކޭ،" މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގެ މައްސަލާގައި ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ މިސާލެއްގެ ގޮތުން ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ބިލު މިހާރު އޮތް ގޮތުން ފުލުހުންގެ ތެރެއަށް 241 ކޮމެޓީގެ ނުފޫޒު ފޯރުވިދާނެ ކަމަށް ވިދާޅުވެ، ކުރީގެ ފުލުހުންގެ ބައެއް އިސް ވެރިންނާއި މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
31 ކުއްޖަކު ގެއްލިގެން 63 ފަހަރު ހޯދަން ޖެހުނު
އިންޑިއާއާ ދެކޮޅު ކެމްޕޭންގައި ޑްރަގު ބޮޑުން އުޅޭ:ސީޕީ
ޓޫރިސްޓް މީހާއާ މެދު އަމަލުކުރީ ގޯސްކޮށް: ސީޕީ ހަމީދު
ހަމަނުޖެހުމުގައި އަންހެނަކަށް އަނިޔާކުރި މައްސަލަ ބަލަނީ
މައްސަލަތައް ބަލާތީ ދާއޫދު ވަނީ އެކަހެރިކޮށްފައި
ކޮއްތު ފައިސާގެ މައްސަލާގައި ހަތަރު ފުލުހަކު ސަސްޕެންޑް
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
އިހުސާން އާއި ފުލުހުން ހާޒިރުކުރި 241 ކޮމިޓީ ސިއްރު