Roadha Mihaaru
ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭ އާ ޕްރޮގްރާމެއް ފަށަނީ

ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭ އާ ޕްރޮގްރާމެއް ފަށަން ތައްޔާރުވަނީ

24 ޖޫން 2020

މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ އަމާޒާ އެކު، ދަރިވަރުންނަށް ހުނަރުވެރިކަން ދަސްކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ އަމާޒާ އެކު، ދަރިވަރުންނަށް ހުނަރުވެރިކަން ދަސްކޮށްދިނުމުގެ އާ ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ ގްރޭޑު 1-12ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ އާ ޕްރޮގްރާމްގެ ކޮންސެޕްޓް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. ކަމާ ގުޅުން ހުރި އެކި ފަރާތްތަކުގެ ހިޔާލު ހޯދުމަށް ފަހު ކަރިކިއުލަމް ތައްޔާރުކޮށް، އޭގެ ޕައިލެޓް ޕްރޮޖެކްޓް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަމުގައި މިނިސްޓްރީއަށް ލަފާ ދެމުން އަންނަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިންނެވެ. އެ އިދާރާގެ ފައުންޑަރު އާދަމް ހަލީމަކީ، ވޮކޭޝަނަލް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ތައުލީމީ ގޮތުން ނަތީޖާ ދަށް ކުދިންނަށް އަމާޒުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ދަސްވާރު" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށްގެންދިޔަ އެވެ. ނަމަވެސް އެ ޕްރޮގްރާމް ގެންދިޔަ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ގިނަ ދަރިވަރުންނަށް ކޮށްފައިވާ ކަމަށާއި ސްކޫލުތަކުގެ ނަތީޖާ މަތިކުރަން ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރުކުރި ކަމަށް ބުނެ، މި އަހަރުން ފެށިގެން އެކަން ވަނީ ހުއްޓާލައިފަ އެވެ.

އެއާ އެކު ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެ އާ ޕްރޮގްރާމެއް ހިންގާނެ ކަމަށް މިނިސްޓްރީން އޭރު ބުންޏެވެ.

ޑރ. ރަޝީދު ވިދާޅުވީ އެއްވެސް ދަރިވަރެއްގެ ތައުލީމީ ނަތީޖާއަކުން މަސައްކަތް ދަސްކޮށްދިނުމުގެ އާ ޕްރޮގްރާމުން އިސްތިސްނާ ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޒަމާނީ ތައުލީމުގެ ތެރެއިން ހުނަރު ދަސްކޮށްދޭން މަސައްކަތް ކޮށްފައެއް ނެތެވެ.

"ހުނަރަށް އިސްކަން ނުދެވުމުގެ ސަބަބުން [ކަންކަމަށް ބޭނުންވާ ހުނަރުވެރި] މީހުން ނުލިބޭ،" ރަޝީދު ވިދާޅުވި އެވެ.

"މުސްތަގުބަލަށް މުހިއްމު ޕްރޮގްރާމަކަށް ވާނެ. އެހެންވީމަ އިންސާނީ ވަސީލަތް ތަރައްގީކުރަން ޖެހޭ. ވަރަށް ގާބިލް މީހުންނަށް ވާންޖެހޭ."

ބައެއް ބައިތައް

އެމްއައިޓީން މިހާރު ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ޕޭޕަރުގައިވާ ގޮތުން، ޓެކްނިކަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) ޕްރޮގްރާމު ކުރިއަށްގެންދާނީ، ސްކޫލު މަރުހަލާ މިހާރު ބަހާލާފައިވާ ފަސް ކީ ސްޓޭޖަށް ވަކިންނެވެ.

އެގޮތުން ގްރޭޑު 1-3 ހިމެނޭ ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށް ބޮޑަށް އަމާޒުކޮށްފައިވަނީ އަމިއްލަ އަދި ސޯޝަލް ޑިވެލޮޕްމަންޓަށެވެ. އެ ދަރިވަރުންނަށް، އެހެން ކުދިން ދަސްކުރުމާއި އެ ކުދިންނަށް އަޅާލުމާއި އަމިއްލަ ނަފްސު ނަގައިގަތުމާއި ސްކޫލު މާހައުލަށް އަޅާލުން ފަދަ ކަންތައްތައް ދަސްކޮށްދޭނެ އެވެ.

ކީ ސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑު 4 އަދި 5 ގެ ދަރިވަރުންނަށް ބޮޑަށް ދަސްކޮށްދޭނީ އަމިއްލަ، ސޯޝަލް އަދި ކެރިއަރާ ގުޅޭ ހުނަރުތަކެވެ. އަމިއްލަ ސާފުތާހިރުކަމާއި ދޮވުމާއި ހެދުން އިސްތިރިކުރުމާއި އެނދު ތަންމަތި އަޅަން އެ ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ. އެކަންކަމުގެ އިތުރުން ސްކޫލާއި އަމިއްލަ ގޭގެ ސާފުތާހިރުކަމުގެ މުހިއްމުކަމާއި ފޮޅައި ސާފުކޮށް މޮޕްކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ބެލެނިވެރިންނާއި ކައިރީގައި އުޅޭ މީހުންގެ ކެރިއަރާ ގުޅޭ މައުލޫމާތު ހޯދައި ވަޒީފާގެ ފުރުސަތުތައް ހުރި ތަންތަނަށް ގޮސް ދަރިވަރުން ތަޖުރިބާ ހޯދުން ވެސް ހިމެނެ އެވެ.

ގްރޭޑު 6-8 ހިމެނޭ ކީ ސްޓޭޖް ތިނެއްގެ ދަރިވަރުން، ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ދަތުރުފަތުރައި އައިސީޓީ ސެކްޓާ އާއި ކޮންސްޓްރަކްޝަން ދާއިރާ އަދި އިޖުތިމާއީ ދާއިރާއާ ގުޅޭ މަސައްކަތްތަކުގައި ބައިވެރިވާން ޖެހެ އެވެ.

ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑު 9-10 ގެ ދަރިވަރުންނަށް، ސްކޫލު ބޭސްޑް ވޮކޭޝަނަލް ދެ ޕްރޮގްރާމާއި އަމަލީ މައިދާނުގައި ތަޖުރިބާ ހޯދަން ޖެހެ އެވެ. އެއަށް ފަހު ގްރޭޑު 11 އަދި 12 ބަހާލާފައިވާ ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންގެ ފޯކަސް ބޮޑަށް ހުންނާނީ އޭ ލެވެލް އަށެވެ. ނަމަވެސް ވޮކޭޝަނަލް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް ވެސް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

ޑރ. ރަޝީދު ވިދާޅުވީ ގައުމީ މަންހަޖުގެ މައިގަނޑު ބޭނުމަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމެވެ. އެކަމަކު ހުނަރު ދަސްނުކޮށްދީ ދިރިއުޅެން ތައްޔާރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.