Roadha Mihaaru
ކޮންފަރެންސުން ސްކޫލުތަކަށް ބަދަލު އަންނާނެ: މިނިސްޓްރީ

ކޮންފަރެންސްގެ ސަބަބުން ސްކޫލުތަކަށް އުއްމީދީ ބަދަލުތަކެއް އަންނާނެ: މިނިސްޓްރީ

18 ފެބުރުއަރީ 2019

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބޭއްވި ކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށާއި އެކަމުގެ ސަބަބުން ސްކޫލުތަކަށް އުއްމީދީ ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބޭއްވި ކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށާއި އެކަމުގެ ސަބަބުން ސްކޫލުތަކަށް އުއްމީދީ ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި ކޮންފަރެންސްގައި، ސަރުކާރާއި އަމިއްލަ ސްކޫލުތަކުން 250 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ސްކޫލުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކުގެ އިތުރުން ސްކޫލުތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ޕްރިންސިޕަލުން ހުށަހަޅާފައި ވެ އެވެ. އެކަންކަމުގެ އިތުރުން ތައުލީމީ ދާއިރާއަށާއި ސްކޫލުތަކުން އުއްމީދުކުރާ ކަންތައްތައް މިނިސްޓްރީން ހުށަހަޅާފައި ވެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު "މިހާރު" އަށް ވިދާޅުވީ ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި ކޮންފަރެންސް އިން ވަރަށް މުހިއްމު ކަންތައްތައް ފާހަގަކުރެވުނު ކަމަށެވެ. އެ ހުށަހެޅި ކަންތައްތައް ރިވިއުކޮށް ޕްލޭނެއް ތައްޔާރުކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސްކޫލުތަކުން ހުށަހެޅި ކަންތައްތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރަޝީދު ވިދާޅުވީ ޕްރިންސިޕަލުން ވަނީ، އެޑިއުކޭޝަންގެ ހުރިހާ ސެކްޝަނެއްގެ އިސްވެރިންނާ ބައްދަލުކުރައްވައި ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ސްކޫލުތަކުގެ އިސްވެރިންނަށް އެފަދަ ފުރުސަތެއް ފަހިކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތައުލީމީ ދާއިރާގެ އިސްވެރިން ބައިވެރިވެ ވަރަށް ޕޮޒިޓިވްކޮށް، ވަރަށް ހިތްހަމަޖެހޭގޮތަށް ކޮންފަރެންސް ނިންމާލެވުނީ. އެކަންތަކުން ތައުލީމީ ދާއިރާއަށާއި ސްކޫލުތަކަށް ބަދަލުތަކެއް އަންނާނެ،" ރަޝީދު ވިދާޅުވި އެވެ.

ސްކޫލުތަކުގެ ލީޑަޝިޕާއި މެނޭޖްމަންޓުގައި މިހާރު ހުރި ކަމަށް ޕްރިންސިޕަލުންނަށް ފާހަގަވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ތައުލީމީ ދާއިރާގެ ޕްލޭނަށް ހިޔާލު ހުށަހަޅާފައި ވެ އެވެ.