Roadha Mihaaru
ފުލުހުންގެ ބިލަށް ސަރުކާރުން 40 އިސްލާހު ހުށަހަޅައިފި

ފުލުހުންގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅައިފި

28 ޖޫން 2020

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން 40 އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގަ އެވެ. އެ ބިލާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ލަފާ ހޯދަން އެ ކޮމިޓީން ވަނީ ސަބް ކޮމިޓީއެއް ނަގައިފަ އެވެ.

ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކައުންސެލް ޖެނެރަލް އައިޝާ ނައީމް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލަށް 40 އިސްލާހެއް ހުށަހެޅީ ރައީސް އޮފީހާއި ހޯމް މިނިސްޓަރާ އެކު ފުލުހުން ކުރި މަޝްވަރާތަކަަކަށް ފަހު ކަމަށެވެ.

"ބިލް ސަރުކާރުން ހުށަހެޅި ފަހުން ފުލުހުންނާއި ރައީސް އޮފީހާއި ހޯމް މިނިސްޓަރާ އެއްކޮށް އަޅުގަނޑުމެން މަޝްވަރާތަކެއް ކުރިއަށް ގެންގޮސް، ބައެއް ބަދަލުތައް ގެންނަން އެ ބޭފުޅުން އެދިވަޑައިގަތީމާ އަޅުގަނޑުމެން ދެން ޑިސްކަސްކޮށްފައި ގެނައި އިސްލާހުތައް މިއީ،" އޭނާ ވިދާޅުވި އެވެ.

މިހާރު ހުށަހަޅާފައިވާ މައިގަނޑު އެއް ބަދަލަކީ ބިލުގައި އެކިއެކި ގަވައިދުތައް ހެދުން ފުރަތަމަ ހުށަހެޅި އިރު ޕޮލިސް ކޮމިޝަނަރަށް އޮތް އޮތުން ބަދަލުކޮށް، ހުރިހާ ގަވައިދުތަކެއް ހެދުމުގެ ޒިންމާ މިނިސްޓަރަށް އޮތުމެވެ.

އޭޖީ އޮފީހުން ހުށަހެޅި އެހެން އިސްލާހުތަކުގެ ތެރޭގައި ޑިވިޝަން ނުވަތަ ސިޓީ ޕޮލިސްގެ އެންމެ އިސް ފަރާތަަކަށް ބިލުގައި ފުރަތަމަ އޮތް ރޭންކަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއް ހުންނަ ގޮތަށް ބަދަލުކުރަން ބިލުގެ އަށްް ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެ އެވެ. ބިލު ފުރަތަމަ ހުށަހެޅި އިރު އަށް ވަނަ މާއްދާގައި އޮތީ ޕޮލިސް ޑިވިޝަނެއް ނުވަތަ ސިޓީ ޕޮލިސްގައި އިސްކޮށް ހުންނާނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރެއް ކަމަށެވެ. އެކަމަކު މިހާރު ހުށަހަޅާފައި އިސްލާހުގައިވާ ގޮތުންް އެ މަގާމްތަކުގައި ތިބޭނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކްގެ އޮފިސަރެކެވެ.

ފުލުހުން އެދިގެން ހުށަހެޅި ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ރާއްޖޭން ބޭރުގައި ހަރަކާތްތެރިވުމުގައި ފުލުހުން އަމަލުކުރަންވީ ގޮތްް ކަނޑައަޅާ މާއްދާއެއް އިތުރުކުރުމެވެ. އެގޮތުން ހުށަހަޅާފައި ވަނީ ގާނޫނަކުން ބާރު ލިބޭ ހާލަތްތަކުގައި ހަރަކާތްތެރި ވެވޭނެ ކަމަށެވެ.

އައިޝާ ނައީމް ވިދާޅުވީ ފުލުހުން ރާއްޖޭން ބޭރުގައި ހަރަކާތްތެރިވުމުގެ ބާރު، މިއުޗުއަލް ލީގަލް އެސިސްޓެންސް ގާނޫނުގެ ދަށުން މިހާރު ވެސް އޮންނަ ކަމަށާއި އެހެން ނަމަވެސް އެގޮތުން ހަރަކާތްތެރިވާ އިރު އަމަލުކުރާނެ ގޮތްތައް ކަނޑަައަޅަން ޖެހޭ ކަމަށެވެ.

"މި ގާނޫނުތަކުގެ ދަށުން ފުލުހުންނަށް ލިބޭނެ ރާއްްޖޭން ބޭރުގައި ހެކި ހޯދުމާ ބެހޭ ބާރުތައް. އެހެންވީމާ އެކަން އެންފޯސްކުރާ އިރު އެގޮތަށް ހަރަކާތްތެރި ވެވޭނެ ކަމަށް [މި އިސްލާހުގައި ކަނޑައަޅަނީ]،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ކުރަން ޖެހޭ މަސައްކަތުގެ ގޮތުގައި ބޯޑަރު ހުރަސްކޮށް ކުރާ ކުށްތައް ހުއްޓުވުުން ހިމަނަންް ވެސް އޭޖީ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިިލީހުގެ 241 ކޮމިޓީގެ ސަބްކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން ވަނީ 40 އިސްލާހު ހުށަހަަޅާފައި.

މަޖިިލީހުގެ 241 ކޮމިޓީގެ ސަބްކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން ވަނީ 40 އިސްލާހު ހުށަހަަޅާފައި.

ފުލުހުންގެ ހިދުމަތުގެ ބިލަށް އޭޖީ އޮފީހުން ހުށަހެޅި ބައެއް އިސްލާހުތަކާ މެދު ސަބްކޮމިޓީގެ ބައެއް މެމްބަރުން ކަންބޮވުން ފާޅުކުރެއްވި އެވެ. އެގޮތުން ފުލުހުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން 241 ކޮމިޓީ އަށް ހާޒިރުކުރެވޭނީ ހަމައެކަނި ކަމިޝަނަރު އޮފް ޕޮލިސް އާއި ހޯމް މިނިސްޓަރު އެކަނި ކަމަށް އޮތް އޮތުމާ މެދު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ޕޮލިހުގެ ތެރޭގައި ހިނގާ ކަމެއްގައި މަޖިލީހުން ނޫނީ 241 ކޮމިޓީން ބޭނުން ވެދާނެ އެހެން ބޭފުޅަކާ ސުވާލުކުރަން. ގެނެސް އެކަން ހިނގައި ދިޔަ ގޮތް ސާފުކުރަން. ނޫނިއްޔާ ޕޮލިސްްގެ ސީނިއާ ލެވެލްގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނާ ވެސް ހަަމަަ ކަންކަން ހިނގާ ގޮތާ ބެހޭ ގޮތުން ސުވާލުކުރަން ބޭނުން ވެދާނެ. ކަނޑެޅިގެން ކޮމިޝަނަރާއި މިނިސްޓަރާއޭ އޮތީމާ އެކަންކަން ކުރަން އެ މާއްދާ ކޮންމެވެސް ވަރަކަށް ހުރަސް އަޅާ ކަމަށް އަޅުގަނޑަށް ފެންނަނީ،" ޣަފޫރު ވިދާޅުވި އެވެ.

އައިޝާ ނައީމް ވިދާޅުވީ އެގޮތަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދުން 241 ކޮމިޓީ އަށް އޮންނަ އެއްވެސް ބާރެއް ހަނިކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. މަޖިލީހުގެ ގަވައިދުގައި ކަނޑައަޅާފައިވާ ބާރުތައް އެ މާއްދާއިން އިސްތިސްނާ ކުރެވޭ ގޮތަށް ބަދަލުކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލަށް ސަރުކާރުން މިހާ ގިނަ އިސްލާހުތައް ހުށަހަޅާފައި މިވަނީ އެ ބިލާ މެދު އެކި ފަރާތްތަކުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި ވަނިކޮށެވެ. އެ ބިލާ ބެހޭ ގޮތުން ފުލުހުންނާއި އާއްމުންގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. އެހެންވެ، ބިލާ ބެހޭ މައުލޫމާތު ދިނުމަށް މިދިޔަ ހަފްތާގައި ހާއްސަ ލީފްލެޓެއް ވެސް ނެރުނެވެ.