Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، އާންމުން ރުޅިގަދަވެއްޖެ

ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ހޫނުވެ، އާންމުން ރުޅިގަދަވެއްޖެ!

28 ޖޫން 2020

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާ އެކު އާންމުން ރުޅިގަދަވެ، ޝަކުވާ ގިނަވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާ އެކު އާންމުން ރުޅިގަދަވެ، ޝަކުވާ ގިނަވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ބުނީ، ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތުމުން ކަމަށެވެ. އެކަމަކު، ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

Jinsee goanaa ge thuhumathu gai hayyaru kuri 2 meehun dhookollaifi

Jinsee goanaa ge thuhumathu gai hayyaru kuri 2 meehun dhookollaifi

The most trusted news source in the Maldives

Mihaaru

ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރު ކުރި 2 މީހުން ދޫކޮށްލުން

މި މައްސަލައިގައި ފުލުހުން ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހި ކެންޔާގެ އެ އަންހެން މީހާ ވަނީ ރާއްޖޭގެ މީޑިއާތަކަށް އެ އަމަލުގެ ތަފުސީލުތައް ވެސް ކިޔައިދޭން ފަށައިފަ އެވެ. އޭނާ ދިން ކަމަށް ބުނާ އިންޓަވިއުއަކާ ހަވާލާ ދީ، މީޑިއާއަކުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކު އޭނާ ރޭޕް ކޮށް އަނެކަކު ވަނީ ރޭޕް ކުރަން ތަކުރާރުކޮށް މަސައްކަތްތްކޮށްފަ އެވެ. އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ސިޔާސީ ގޮތުން ބާރުގަދަ ބަޔަކާ ގުޅުން އޮތް ދެ މީހުންނެވެ. އަދި އެ ވާހަކަ ބުނެފައި ވަނީ ވެސް އެ ދެ މީހުން އަމިއްލަ އަށް ކަމަށް އޭނާ ބުނެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުޅުމާލޭ ޕޮލިހަށް ހުށަހެޅުމާ އެކު އެ މައްސަލަަ ފުރަތަމަ ބަލަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެކަމަކު ފަހުން އެކަން ބަދަލުވީ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

ކުރީގެ ރައީސް ވަހީދު ކުރެއްވި ޓްވީޓް

އެކަމާ ގުޅިގެން ފުލުހުންނަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި އެ އަންހެން މީހާ އަށް އިންސާފު ހޯދައިދޭން ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ވެސް އާންމުން ދަނީ ގޮވާލަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިޔާސީ އެކި ފަންތީގެ މީހުންނާއި މަޖިލީހުގެ މެމްބަރުންް ވެސް ހިމެނެ އެވެ. ސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި މީހުންނާއި އެމްޑީޕީގެ ވެސް އިސް މީހުން އަންނަނީ ފުލުހުން އެކަން ކުރި ގޮތް ކުށްވެރިކުރަމުންނެވެ.

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި މިއީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ. މިހާރު އިންސާފާއި ގާނޫނީ ހަމަހަމަކަން ކޮބައިތޯ ވެސް ވަހީދު ސުވާލު އުފެއްދެވި އެވެ.

"އަހަރެމެންގެ އިގްތިސާދުގެ ކުރިމަގު ބިނާވާނީ ޓޫރިސްޓުންނަށް ރަނގަޅަށް ކަންކަން ކޮށްގެން. ކިހާ ބިރުވެރި ކަމެއް [މިއީ]. ގަބޫލު ކުރެވޭނެ ކަމެއް ނޫން މިއީ. ފުލުހުން މިކަމުގައި ސީރިއަސް ވުމަށް އެދެން،" ފުލުހުން ޓެގްކޮށް ވަހީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

ކުރީގެ މިނިސްޓަރު އަނީސާ ކުރެއްވި ޓްވީޓް

ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދުގެ ޓްވީޓެއްގައި ވަނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާގޮތާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރާ ނަމަ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް، ވެފައި ހުރި ގެއްލުންތަކުގެ ރިޕޯޓް ހަދައި ހެކިތައް ނުހޯދީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.

"މިއީ ހެކި ފޮރުުވަން ފުލުހުން ގަސްދުގައި ކުރާ މަސައްކަތެއް ތަ؟" އަންހެނުންގެ ހައްގުގައި މަސައްކަތް ކުރައްވާ އަނީސާގެ ޓްވީޓްގައިވެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓް

މި މައްސަލާގައި މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ވެސް ވަނީ ޝުއޫރު ފާޅުކުރައްވައިފަ އެވެ.

"ރޭޕަކީ ރޭޕް، ކޮންމެ މީހަކު ކުރި ނަމަވެސް، އެއީ މީހެއްގެ ފިރިއެއް، ބޭބެއެއް ނުވަތަ ބައްޕައެއް ނަމަވެސް. މީހަކު ރޭޕް ކޮށްފި ނަމަ އެ މީހާއަށް އަދަބު ދެވެން ޖެހޭނެ. މިކަމާ ގުޅިގެން އަހަރުމެންގެ ފޮޓޯ ފެތުރުމަކީ ރަނގަޅު ކަމެއް ނޫން. އަހަރުމެންނެއް އެއްވެސް މީހަކު ރޭޕެއް ނުކުރަން." އެމްޑީޕީގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ޓްވީޓް ކުރައްވައިފައިވެ އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ މައްޗަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެކަން ހިނގި ގޮތް ފުލުހުން ހާމަ ކުރަން ޖެހޭ ކަމަށެވެ.

"ކިތަންމެ ބާރުގަދަ ފަރާތެއް ނަމަވެސް، މައްސަލަބަލައި ހައްގު އަދަބު ލިބެންވާނެ،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ގިނަ އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ދެރަ މީހަކަށް ރާއްޖޭން އިންސާފު ނުލިބޭނެ ކަމަށް އެ މީހުން ބުނެ އެވެ.

"ލޯޝަން ފުޅި، ރިހާކުރު ފުޅި، ކެޔޮގަނޑު، ކޮފީ ނެގެޓް [ވަގަށް ނެގި މީހުން]. މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރު ކުރި ނިކަމެތި މީހާ އޮތީ ހުކުމް ކޮށްފައި ގޮޅީގައި. މިއީ ތާރީހުން ފެންނަން ހުރި ކަންކަން،" މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި އަސަދުﷲ އަހުމަދު ޓްވީޓް ކޮށްފައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް އާންމުންގެ މީހަކު ޓްވީޓް ކޮށްފައިވެ

ސިޔާސީ ގޮތުން ބާރުވެރިޔަސް ކުށްކުރުމުން އެއް ހަމައަކުން އެ މީހަކަށް އަދަބު ލިބެން ޖެހޭނެ ކަމަށް އާންމުން ދެކެ އެވެ. ރޭޕްގެ މި މައްސަލާގައި ފުލުހުން ސުވާލު އުފައްދާ މައިގަނޑު ސަބަބަކީ، އެ މައްސަލާގައި އާންމުން މިހުރިހާ ސުވާލުތަކެއް ފެންމަތިކޮށްފައިވާ އިރު ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެވެ. އެހެންވެ މި މައްސަލާގެ ވިކްޓިމް ކޮށްފައިވާ ތުހުމަތަކީ ހަގީގަތެއް ކަމަށް އާންމުން ގަބޫލު ކުރެ އެވެ.

ރޭޕް ކުރުން ކުށްވެރިކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް

އެމްޑީޕީގެ ސަރުކާރު އައީ އިންސާފު ހޯދައިދޭން ވައުދުވުމަށް ފަހު އެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމާ އެކު "އިންސާފަކީ މިއީތޯ" ވަރަށް ގިނަ މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ފުލުހުންގެ އިންޓަގްރިޓީ ރަނގަޅު ކުރަން ސަރުކާރާއި ފުލުހުންގެ އިސް ފަރާތްތަކުން ދައުރު އަދާކުރަން ޖެހެނީ މިހެންތޯ ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. މި ރޭޕް ކޭސް ފުލުހުންނަށް ހުށަހެޅުމާއި ނޭޅުމުގައި އެއްވެސް ތަފާތެއް އޮތްތޯ ވެސް އާންމުންގެ ތެރެއިން މީހަކު ސުވާލު ކުރި އެވެ. ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް އިތުބާރެއް ނެތް ކަމަށާއި މިފަދަ މައްސަލަތައް އިތުރު ވަނީ އެކަންކަން ބަލައި ފިޔަވަޅު ނޭޅޭތީ ކަމަށް ވެސް ބައެއް އާންމުން ބުނެ އެވެ.

އެފަދަ މައްސަލަތައް ނުބަލާތީ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް

ޖިންސީ ގޯނާގެ މައްސަލަ ނުފޫޒެއްގެ ސަބަބުން ރަނގަޅަށް ތަހުގީގު ނުކުރާ ކަމަށް ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ. މުޅިން ވެސް ބުނަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.