Roadha Mihaaru
ޖިންސީ ގޯނާ: ފުލުހުން އިހުމާލުވިތޯ ކޮމިޓީން ބަލަނީ

ޖިންސީ ގޯނާގެ ތުހުމަތަށް ފުލުހުން އިހުމާލުވިތޯ މިނިވަން މުއައްސަސާ ކޮމިޓީން ބަލަނީ

28 ޖޫން 2020

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވެސް މާދަމާ ބާއްވަން އެޖެންޑާ ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވެސް މާދަމާ ބާއްވަން އެޖެންޑާ ކޮށްފި އެވެ.

ޖިންސީ ގޯނާގެ މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރު ކުރުމަށް ފަހު، އެ މީހުން އިއްޔެ ދޫކޮށްލި މައްސަލަ ހޫނުވެ، ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެކަމުގައި ސިޔާސީ ފަރާތްތަކަކާ ގުޅުން ހުރި ބަޔަކު ހިމެނޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ތުހުމަތު ކުރަމުންނެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެއްވެސް ކަމެއް ކުރަމުން ދޭތޯ ބެލުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

ރޮޒައިނާގެ ޓްވީޓް

ރޮޒައިނާ އެގޮތަށް ވިދާޅުވިއިރު، އޭނާ ރޭ ކުރެއްވި ޓްވީޓެއްގައިވަނީ ކޮންމެ މީހެއްގެ ފިރިއަކު ނުވަތަ ބައްޕައަކަށް ވިޔަސް، ރޭޕް ފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނިންމިއިރު، މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ ވެސް މާދަމާ ބައްދަލުކުރާނެ އެވެ. އެކަމަކު އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އެ މައްސަލަ ބެއްލެވުމުގައި ބައިވެރި ވަޑައެއް ނުގަންނަވާނެ އެވެ. ޖީހާންގެ ބައްދަލުގައި ކޮމިޓީގެ ރިޔާސަތުގައި އިންނަވާނީ ނައިބު މުގައްރިރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އެކަމަކު ޖިހާން ކޮމިޓީގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.