Roadha Mihaaru
ފޯނު ނެތަސް ކޮންޓެކްޓް ޓްރޭސިން ހެދޭ ޑިވައިސްއެއް

ފޯނު ނެތަސް ކޮންޓެކްޓް ޓްރޭސިން ހެދޭ ޑިވައިސްއެއް

30 ޖޫން 2020

ކޮވިޑް-19 ގެ ކޮންޓެކްޓް ޓްރޭސިން އަށް ސިންގަޕޫރުގައި "ޓްރޭސް ޓުގެދާ" ކިޔާ މޮބައިލް އެޕެއް ބޭނުންކުރަމުން އަންނަ އިރު، ސްމާޓްފޯނު ބޭނުންނުކުރާ މީހުންނަށް ހާއްސަ ޑިވައިސެއް ތައާރަފުކޮށް، އެ ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ކޮންޓެކްޓް ޓްރޭސިން އަށް ސިންގަޕޫރުގައި "ޓްރޭސް ޓުގެދާ" ކިޔާ މޮބައިލް އެޕެއް ބޭނުންކުރަމުން އަންނަ އިރު، ސްމާޓްފޯނު ބޭނުންނުކުރާ މީހުންނަށް ހާއްސަ ޑިވައިސެއް ތައާރަފުކޮށް، އެ ބޭނުންކުރަން ފަށައިފި އެވެ.

"ޓްރޭސް ޓުގެދާ" ޓޯކެން ނަމުގައި ތައާރަފުކުރި މި ޑިވައިސް އޮންނަނީ ތަޅުދަނޑި ފުލަކާ ވައްތަރުކޮށެވެ. އުމުރުން ދުވަސްވީ މީހުންނާއި އެއްތަނުން އަނެއް ތަނަށް ދިއުމުގައި ދަތިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ މި ޑިވައިސް މަސައްކަތްކުރަނީ ބުލޫޓޫތުގެ އެހީގަ އެވެ. އެގޮތުން ކޮރޯނާވައިރަހުގެ އަސަރެއް ހުރި މީހަކު އެ މީހަކާ ގާތުގައިވާ ނަމަ، ކައިރީގައި ޓްރޭސް އެޕް ގެންގުޅޭ މީހެއް ނުވަޓަ ޓޯކެން ޑިވައިސް ގެނގުޅޭ މީހެއް ހުރި ނަމަ ޑިވައިސް މެދުވެރިކޮށް އެ މީހަކާ ބެހޭ އެލާޓް ކަމާބެހޭ އޮފިޝަލުންނަށް ފޮނުވައިދޭނެ އެވެ. އަދި އެ މީހަކީ ކޮވިޑަށް ޝައްކުވާ މީހެއް ނަމަ ވަގުތުން ޑިވައިސް އިން އެއްކުރާ މައުލޫމާތު ޑައުންލޯޑްކޮށް، ދެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އޮފިޝަލުން ކުރާނެ އެވެ. ޑިވައިސް އަށް ނަގާ މައުލޫމާތުތައް އެންރިޕްޓްކޮށް، 25 ދުވަހު އޭގައި ރައްކާ ވެސް ކުރެ އެވެ.

ސިންގަޕޫރްގެ އިލެކްޓްރޯނިކްސް ކުންފުނި ސީޕީއައި އިން ތައްޔާރުކޮށްފައިވާ މި ޓޯކެން ޑިވައިސްގައި ހާއްސަ ކިއުއާރް ކޯޑެއް ވެސް އިންނާނެވެ. އަދި އެއްފަހަރު ޗާޖްކޮށްލައިގެން ނުވަ މަސް ދުވަހަށް ހިފަހައްޓާނެ އެވެ.

ޑިވައިސް ބޭނުންކުރަން ފެށުމާ އެކު ބައެއް މީހުން ވަނީ މިއީ ޕްރައިވެސީ އަށް ނުރައްކަލަކަށް ވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ސިންގަޕޫރްގެ ސަރުކާރުން ބުނީ ޓްރޭސްކުރަން ބޭނުންކުރާ ޓޯކެން ޑިވައިސް އަކީ މީހުންގެ ހަރަކާތްތަކަށް ފާރަފަވެރިވާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. ސަރުކާރުން ބުނިގޮތުގައި ޓޯކެން ޑިވައިސް އަކީ އިންޓަނެޓާ ވެސް ގުޅިފައި ހުންނާނެ އެއްޗަކަށްނުވާތީ އޭގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ސިންގަޕޫރްގައި ޓްރޭސް އެޕް މާޗް މަހުގައި ތައާރަފުކުރި ފަހުން އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 2.1 މިލިއަނަށް އަރަ އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރުން މިހާތަނަށް 43،600 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އެ ބަލީގައި އެ ގައުމުން 30 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވެ އެވެ.