Roadha Mihaaru
މާދަމާ ހުޅުވާނީ އިންޓަނޭޝަނަލް ބައެއް ސްކޫލުތައް

މާދަމާ ހުޅުވާނީ އިންޓަނޭޝަނަލް ބައެއް ސްކޫލްތައް

30 ޖޫން 2020

ބޮޑު ބަންދަކަށް ފަހު ސަރުކާރުގެ ސްކޫލުތައް މާދަމާ ހުޅުވި ނަމަވެސް، މާދަމާ ހުޅުވާނީ ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ބައެއް ސްކޫލްތަކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑު ބަންދަކަށް ފަހު ސަރުކާރުގެ ސްކޫލުތައް މާދަމާ ހުޅުވި ނަމަވެސް، މާދަމާ ހުޅުވާނީ ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ބައެއް ސްކޫލްތަކެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު 12 އިން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު ސަރުކާރުގެ ހުރިހާ ސްކޫލެއް މާދަމާ ހުޅުވާނެ އެވެ.

މާލޭ ސަރަހައްދުގައި ހިންގާ އިންޓަނޭޝަނަލް ސްކޫލްތަކުގެ ތެރެއިން މާދަމާ ހުޅުވަނީ ހުޅުމާލޭގައި ހިންގާ ބްރައިޓްވޭ އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. ޣިޔާސުއްދީން އަދި ބިލަބޮން އިންޓަނޭޝަނަލް ސްކޫލުގައި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.

ބްރައިޓްވޭ ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވީ، ސްކޫލުތައް ބަންދުކުރި ނަމަވެސް މާޗު 18 އިން ފެށިގެން އޮންލައިންކޮށް ކިޔަވައިދީފައިވާ ކަމަށެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެ ސްކޫލުން ދިޔައީ ނިއު ނޯމަލް އަށް ތައްޔާރުވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން، ކޮވިޑް-19 ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް މާދާމާ އިން ފެށިގެން ކިޔަވައިދޭނެ އެވެ. އެކަމަކު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑު 9-12 އަށެވެ. އެހެންވެ މާލެ ސަރަހައްދުގައި ވެސް ކިޔަވައިދޭނީ 9-12 އަށެވެ.

ބްރައިޓްވޭގައި 9-12 އަށް 65 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

ސްކޫލު ހުޅުވުމާ ގުޅޭގޮތުން ބައެއް ބެލެނިވެރިން ހިޔާލު ތަފާތުވުމުން ކޮލިޓޭޓް އެޑިއުކޭޝަނުން ވަނީ ސްކޫލު ހުޅުވުމުގެ ލަފައަކަށް މިނިސްޓްރީގައި އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް ބްރައިޓްވޭ ސްކޫލް ފީން ވެސް 10 ޕަސެންޓް ކުޑަކޮށްފައިވެ އެވެ.

ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ބްރައިޓްވޭ ސްކޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވެ އެވެ. ދަރިވަރުން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަން ސްކޫލުގައި ތަށި ބަހައްޓާފައިވެ އެވެ.

"ބޭނުމަކީ ވީހާ ވެސް އަވަހަކަށް ކިޔަވައިދޭން ފެށުން. މިހާރު ވެސް ކުދިންނަށް ވަރަށް ބޮޑު އެއްޗެއް ގެއްލިފައިވޭ،" މޫސަ ވިދާޅުވި އެވެ.

ބިލަބޮން ސްކޫލުން ބުނީ، އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އެ ސްކޫލުން ވެސް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު އޮގަސްޓް 23 ގައި ސްކޫލު ހުޅުވައި ކިޔަވައިދޭން ފަށާނެ އެވެ.

އެ ސްކޫލުން މިހާރު ވެސް އަންނަނީ ގްރޭޑު 9-10 ގެ ދަރިވަރުންނަށް ހެނދުނު 10:25 އިން މެންދުރު ފަހު 3:35 އާ ކިޔަވައިދެމުންނެވެ. ގްރޭޑު 12 ގެ ދަރިވަރުންނަށް ހެނދުނު 8:15-3:30 އަށް ހަފުތާގެ ހަ ދުވަހު ކިޔަވައިދެ އެވެ.

އޮންލައިންކޮށް ކިޔަވައިދޭން ފެށުމުން ދަރިވަރުންނަށް އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

އެ ސްކޫލުން ބުނީ އެއްފަހަރު އޮންލައިންކޮށް ކިޔަވައިދީ އަނެއް ފަހަރު ސްކޫލަށް ހާޒިރުކޮށް ކިޔަވައިދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ސްކޫލުތައް އޮގަސްޓް 23 ގައި އަލުން ހުޅުވާއިރު އޮންލައިންކޮށް ކިޔަވައިދިނުމުގެ ބަދަލުގައި ފިޒިކަލް ކްލާސްތަކަށް ބަދަލުވެވޭނެ ކަމަށް އުއްމީދުކުރަން. އޭރުން އެޓެންޑެސް އަކީ މަޖުބޫރުކަމެއްގެ ގޮތުގައި އޮންނާނީ،" އެ ސްކޫލުން ބުންޏެވެ.