Roadha Mihaaru
ޕްރިޔަންކާ އާއި އެމެޒޯން އަގު ބޮޑު އެއްބަސްވުމަކަށް

ޕްރިޔަންކާ އާއި އެމެޒޯން އަގު ބޮޑު އެއްބަސްވުމަކަށް

02 ޖުލައި 2020

އިންޑިއާގައި ބާއްވާ ކުލަގަދަ ކައިވެނީގެ ހަފުލާތަކަށް ހާއްސަކޮށްގެން "ސަންގީތު" ގެ ނަމުގައި ޝޯއެއް ހަދަން އެމެޒޯން ޕްރައިމް ވީޑިއޯއާ އެކު އެއްބަސްވެފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެ ކުންފުންޏާ އެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަލްޓި މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ބާއްވާ ކުލަގަދަ ކައިވެނީގެ ހަފުލާތަކަށް ހާއްސަކޮށްގެން "ސަންގީތު" ގެ ނަމުގައި ޝޯއެއް ހަދަން އެމެޒޯން ޕްރައިމް ވީޑިއޯއާ އެކު އެއްބަސްވެފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެ ކުންފުންޏާ އެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަލްޓި މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރިޔަންކާ އާއި އޭނާގެ އެމެރިކާގެ ފިރިމީހާ ނިކް ޖޯނަސް ހިއްސާވާ ގޮތަށް ގިނަ އުފެއްދުންތަކެއް ގެނެސްދޭނެ އެވެ.

މިފަދަ އެއްބަސްވުމެއް އެމެޒޯންއާ އެކު ހެދުމުގެ ކުރިން ޕްރިޔަންކާ ވަނީ "އެވެންޖާޒް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ އެ ޕްލެޓްފޯމަށް ހަދަން ނިންމާފައިވާ ސީރީޒް "ސިޓަލެޑް" އަށް ވެސް ސޮއިކޮށްފަ އެވެ.

ހޮލީވުޑްގައި ވެސް މިހާރު މަޝްހޫރުވެފައިވާ އިންޑިއާ އަށް އުފަން ބޮލީވުޑްގެ ބަތަލާ ބުނީ އެމެޒޯންއާ އެކު ހެދި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ވަކިން ހާއްސަކޮށް އަންހެނުންނާ ގުޅުން ހުރި ކޮންޓެންޓްތައް ގެނެސްދިނުން ކަމަށެވެ.

"އެއީ އަހަރެން ފެންބޮވައިގެންފައިވާ ކަމަކީ. މަސައްކަތްކުރާނަން އެމެޒޯންއާ އެކު މި ހެދި ޑީލްގެ ދަށުން އަންހެނުންނާ ގުޅުން ހުރި ވަރަށް ގިނަ ވާހަކަތައް ކިޔައިދޭ އުފެއްދުންތައް ގެނެސްދެވޭތޯ. އަދި މި މަސައްކަތުގައި ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ އަންހެނުންނަށް ފުރުސަތުތައް ވެސް ފަހިކޮށްދޭނަން،" ޕްރިޔަންކާ ބުންޏެވެ. "އެމެޒޯންއާ އެކު ހެދި މި ޑީލަކީ ގްލޯބަލް ޑީލެއް."

އެމެޒޯން އިން ބުނި ގޮތުގައި ޕްރިޔަންކާއާ އެކު ހެދި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިންޑިއާގައި އެމެޒޯން ޕްރައިމް ވީޑިއޯ އިތުރަށް ވަރުގަދަވެގެން ވެސް ދާނެ އެވެ. އެ ކުންފުންޏަކީ މިހާރު ވެސް އިންޑިއާގެ ކޮންޓެންޓްތައް ގެނެސްދޭ އެއްޗެކެވެ.

އެމެޒޯން އާއި ޕްރިޔަންކާގެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ގެނެސްދޭން ނިންމާފައި ވަނީ "ޝީލާ" ކިޔާ ފިލްމެކެވެ. މިއީ އިންޑިއާގައި ކުރިން އޮތް ރަޖްނީޝް (އޯޝޯ) މޫވްމަންޓްގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރި މާ އާނަންދު ޝީލާގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

"ޝީލާ" އަކީ ޕްރިޔަންކާ ޓައިޓްލް ރޯލް ވެސް ކުޅޭނެ ފިލްމެކެވެ.

މިދިޔަ އަހަރު ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިން އެންމެ ފަހުން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވީ ކޭމް ބީ ހީރޯސް" އާއި ""މެޓްރިކްސް 4" އަދި "ދަ ވައިޓް ޓައިގާ" ހިމެނެ އެވެ.