Roadha Mihaaru
"ޕާލާ" އިން އެމެޒޯން އަށް ދައުވާކޮށްފި

ހޯސްޓްކުރުން ހުއްޓާލުމުން "ޕާލާ" އިން އެމެޒޯން އަށް ދައުވާކޮށްފި

13 ޖެނުއަރީ 2021

އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޕާލާ" ހޯސްޓްކުރުން އެމެޒޯން އިން ހުއްޓާލުމާ ގުޅިގެން ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޕާލާ" ހޯސްޓްކުރުން އެމެޒޯން އިން ހުއްޓާލުމާ ގުޅިގެން ދައުވާކޮށްފި އެވެ.

ވެރިކަން ގެއްލިވަޑައިގަތުމުން ސަޕޯޓަރުން ބޭނުންކޮށްގެން ބަޣާވާތް ކުރަން އުޅުއްވުމުގެ ތުހުމަތު އޮތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަކަރާތްގަނޑާ އެކު އެމެޒޯންގެ ކްލައުޑް ހޯސްޓިންގެ ތެރެއިން މިހާރު ބޭނުން ނުކުރެވޭ ގޮތް ހެދި ޕާލާ ަކީ ޓްރަމްޕްގެ ގިނަ ސަޕޯޓަރުން ބޭނުން ކުރަމުން ދިޔަ އެޕެކެވެ. އެމެޒޯން އިން ފިޔަވަޅު އެޅި މައްސަލާގައި "ޕާލާ" އިން ދައުވާކުރަން ހުށަހެޅީ ވީހާ ވެސް އަވަހަކަށް އަލުން ކުރިއެކޭ އެއްގޮތަށް ހޯސްޓިން ކުރިއަށް ގެންދިއުމަށް އަމުރުކޮށް ދިނުމަށް އެދި އެެވެ.

އެމެޒޯންއާ ދެކޮޅަށް "ޕާލާ" އިން ކޯޓަށް ހުށަހެޅި 18 ސޮފްހާގެ ދައުވާގައި ބުނެފައި ވަނީ އެމެޒޯންގެ ނިންމުމަކީ "ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް" ކަމަށާއި "އެއީ ކުންފުނީގެ ދެއުޅިއެއް ނުވާ ސިޔާސަތުގެ ތެރެއިިން އެގްރިމަންޓާ ވެސް ހިލާފް ނިންމުމެއް" ކަމަށެވެ.

"އަދި މި ނިންމުމުން ދައްކުވައި ދެނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގުމުގައި އޮތް ވާދަވެރި ކަމަށް ހުރަސް އަޅަން މަސައްކަތް ކުރާކަން،" ޕާލާ އިން ބުންޏެވެ. "އަހަރެމެންގެ އެޕް ހުއްޓުވާލީ އޭގެ މަގުބޫލުކަން ވެސް އިތުރުވެ، މާކެޓްގައި ބޮޑު ވާދަވެރި ކަމެއް ވެސް އުފެދެން ފެށި ހިސާބުން. އެހެންވީމަ އަލުން ވީހާ ވެސް އަވަހަކަށް އެ އެޕް އެމެޒޯނުން ހޯސްޓްކޮށް ދޭން ޖެހޭނެ."

"ޕާލާ" އިން ބުނިގޮތުގައި އެ ބޭނުން ކުރުން ހުއްޓުވައިލުމުގެ ނަތީޖާއަކަށް ވާނީ އޭގެ އަހުލުވެރިން ދެން އެހެން ޕްލެޓްފޯމްތައް އިހުތިޔާރުކުރަން ފެށުމެވެ. އަދި އޭގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

"އެކަން އެގޮތަށް ދިމާވާން ދޫކޮށްލައިފި ކުރިން ޕާލާ ބޭނުންކުރި މީހުން އަލުން އެނބުރި އައުމުގެ ފުރުސަތު ވެސް ގެއްލި، އަހަރެމެންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ." ޕާލާ އިން ބުންޏެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވުޖޫދަށް ގެނައި "ޕާލާ" އަކީ ގިނަ ބަޔަކު ޓްވިޓާގެ އޯލްޓަނޭޓިވެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އެއްޗެކެވެ. ސަބަބަކީ އެ ބޭނުން ކުރުމުގައި އަމަަލުކުރަން ޖެހޭ އުސޫލުތައް ޓްވިޓާ ފަދަ އެހެން ޕްލެޓްފޯމްތަކާ ހިލާފަށް "ޕާލާ" ގައި މާ ބޮޑެތި ލުއިތަކާއި މިނިވަންކަން ލިބިފައި އޮތުމެވެ.

"ޕާލާ" ހޯސްޓްކުރުން އެމެޒޯން ވެބް ސާވިސް އިން ހުއްޓައިލީ އެ އެޕް ގޫގުލް އާއި އެޕް ސްޓޯރުން ވެސް ބޭރުކޮށްލާފައި ވަނިކޮށެވެ. އުޒުރަކީ "ޕާލާ" މެދުވެރިކޮށް ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުންތާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭން ގޮވައިލަމުން ދިއުމެވެ.

ދެހާސް އަށާރައިގައި ވުޖޫދަށް އައި "ޕާލާ" ހުއްޓުވާލި އިރު އެ ބޭނުންކުރަމުން ދިޔަ މީހުންގެ އަދަދު 10 މިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 80 ޕަސަންޓަކީ އެމެރިކާ މީހުންނެވެ. ވަކިން ހާއްސަކޮށް އެ ބޭނުންކުރާ މީހުންގެ ތެރޭގައި ޓްރަމްޕްގެ ސަޕޯޓަރުން ނިސްބަތުން ގިނަ އެވެ.