Roadha Mihaaru
ޖޫންގެ ކަރަންޓްބިލުން 40 ޕަސެންޓް ޑިސްކައުންޓް

މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓް ދޭން ނިންމައިފި

02 ޖުލައި 2020

ޖޫންމަހުގެ ކަރަންޓް ބިލް ބޮޑުވީ މައިގަނޑު ތިން ސަބަބަކާ ހެދި ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖޫންމަހުގެ ބިލްތަކަށް ވެސް 40 ޕަސެންޓް ސަބްސިޑީ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ

ޖޫންމަހުގެ ކަރަންޓް ބިލް ބޮޑުވީ މައިގަނޑު ތިން ސަބަބަކާ ހެދި ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖޫންމަހުގެ ބިލްތަކަށް ވެސް 40 ޕަސެންޓް ސަބްސިޑީ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ

ސްޓެލްކޯގެ އޮފީހުގައި މިއަދު ބޭއްވި އިންފޮމޭޝަން ސެޝަނެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓް ސަބްސިޑީ ދިނުމުގެ އިތުރުން، ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މުޣުނީ ވިދާޅުވި ގޮތުގައި ބިލްތައް ބަހައިލުމުގެ އިންތިޒާމް ހަމަޖައްސާނީ ކަސްޓަމަރުންގެ ހާލަތު ބަލައި، އެ ކަސްޓަމަރެއްގެ ހާލަތާ ގުޅޭ ގޮތަށް ކަމަށެވެ. ބިލްތައް ބަހައިލަން އެދޭ ފަރާތްތަކުން ފޯމް ފުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ހަފުތާ އަށް ހުޅުވައިލާނެ އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން އަޅުގަނޑުމެންނާ ހަމައަށް ގެންނަ ކޮންމެ ކަންބޮޑުވުމަކީ އަޅުގަނޑުމެން ހަމަ ވަރަށް ސީރިއަސްކޮށް ބަލާ ކަމެއް. އަޅުގަނޑުމެންގެ ފަރާތުން ކޮށްްދެވެން އޮންނަ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮށްދެން." މުޣުނީ ވިދާޅުވި އެވެ.

"އެހެންވީމާ ޖޫންމަހުގެ ބިލު ބޮޑުވާ ގުޅިގެން އަޅުގަނޑުމެންނާ ހިސާބަށް މިއައި ކަންބޮޑުވުންްތައް އަޅުގަނޑުމެން ހަމަ ސަރުކާރުގެ ގުޅުހުން ހުރި ހުރިހާ ހިސާބަކަށް ހިއްސާ ކުރިން. އެހެންވީމާ މީގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅުއްވާފައި މިއޮތީ ޖޫންމަހު ވެސް އޭގެ ކުރީ ދެމަހު ދިން ގޮތަށް 40 ޕަސެންޓްގެ ސަބްސިޑީއެއް ކަރަންޓުން ހަމަ ދޭގޮތަށް."

އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް ބިލްތައް އަލުން ރިވައިސްކޮށްފައި ގޭގެއަށް ފޮނުވާނެ އެވެ.

ސްޓެލްކޯގެ ޖެނެެރަލް މެނޭޖަރު އަލީ މުޖުތަބާ ވިދާޅުވީ ޖޫން މަހުގެ ކަަރަންޓް ބިލް ބޮޑުވީ މައިގަނޑު ތިން ސަބަބަކާ ހެދި ކަމަށެވެ. ފުރަތަމަ ސަބަބަކީ ކޮވިޑް-19 އާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮޮތުން ކުރީގެ ދެ މަސް ދުވަހު ސަރުކާރުން ދިން 40 ޕަސެންޓް ސަބްސިޑީ ނުދީ އޮތުމެވެ. ދެވަނަ ސަބަބަކީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނުނެގޭތީ ކުރީގެ ބިލްތަކަށް ބަލައިގެން އެވްރެޖް ބިލްތަކެއް ހެދުމެވެ. ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމާއި އެކު މި ފަހަރުގެ ބިލްގެ މުއްދަަތުން ބައެއް ރޯދަ މަހާ ދިމާވެ، ކަރަންޓް ބޭނުން ކުރުމަކީ ވެސް ބިލް ބޮޑުވި ސަބަބެކެވެ.

"އޭޕްރިލް މަހުގެ ވަކި ހިސާބަކުން އަޅުގަނޑުމެން އިއުލާން ކުރީ ފޮޓޯ ފޮނުވަން އިނގޭތޯ. އަޅުގަނޑުމެން ވެސް ގަބޫލުކުރަން އެންމެ އެކިއުރޭޓްކޮށް ބިލް ހެދޭނީ މީޓަރުގައި އިންނަަ އަސްލު ރީޑިން ބަލައިގެންކަން. އެހެންވެގެން އަޅުގަނޑުމެން ރިކްއެސްޓް ކުރީ ފޮޓޯ ނަގާފައި ފޮނުވަން. އެހެން ނަމަވެސް އެންމެ އެކަަށީގެންވާ ވަރަކަށް ފޮޓޯއެއް ނުލިބުނު،" މުޖުތަބާ ވިދާޅުވި އެވެ.

އެގޮތުން ފޮޓޯ ފޮނުވި ތަންތަނުގެ ބިލް ރީޑިން އަށް ބަލައިގެން ހެދި ނަމަވެސް ފޮޓޯ ނުލިބުނު ތަންތަނުގެ ބިލް ހެދީ ކުރީގެ ބިލްތަކަށް ބަލައިގެން އެވްރެޖް ބިލްގެ ގޮތުގަ އެވެ. މުޖުތަބާ ވިދާޅުވި ގޮތުގައި އެވްރެޖް ބިލް ހަދަނީ އޭގެ ކުރީގެ ތިން މަހުގެ އެވްރެޖަށް ބަލައިގެންނެވެ.

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން އާއްމުކޮށް އެހެން އަހަރުތަކުގައި ވެސް ކަރަންޓް ބިލްތައް ބޮޑުވާ ކަމަށާއި އެއީ ވެސް މިފަހަރުގެ ބިލް ބޮޑުވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްކޮޅަކީ ކުރިން ވެސްް އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ ހޫނުގަދަ ދުވަސްކޮޅެއް. ދެން އޭގެ އިތުރަށް، ރަމަޟާން މަސް ވެސް މީގެ ތެރެއަށް އެބަ ވަދޭ. އޭގެ އިތުރަށް އަދި ހަމަ ގޭތެރޭގައި ގިނަ ވަގުތު ތިބޭ ކަމަށް ވެއްޖެއްޔާ ކުރީގެ ކޮންޒަމްޕްޝަން ޕެޓާންްއަކާ އެއްގޮތަކަށް ނޫން ދާނީ، ސްކޫލަކަށް ކުދިންނެއް ނުދާނެ، އޮފީހަކަށް ބޭފުޅުންނެއް ނުދާނެ. ހަމަ 24 ގަޑިއިރު ގޭގައި މިތިބެނީ،" މުޖުތަބާ ވިދާޅުވި އެވެ.

ކަރަންޓް ބިލުބޮޑުވި ސަބަަބުތައްް ހާމަކޮށް، ލުއިތަކެއް ދޭނެކަން ސްޓެލްކޯއިން އިއުލާނު ކުރީ ޖޫންމަހުގެ ބިލް އަދާޔާ ހިލާފަށް ބޮޑުކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.