Roadha Mihaaru
ސްޓެލްކޯ، އަންހެނުންނަށް ހިތްވަރުދޭ ނަމޫނާ ކުންފުންޏެއް

ސްޓެލްކޯ އަކީ ކަރަންޓުގެ މަސައްކަތަށް އަންހެނުން ނުކުތުމަށް ހިތްވަރުދޭ ތަނެއް: މުގުނީ

16 އޯގަސްޓް 2021

ސްޓެލްކޯ އަކީ ކަރަންޓުގެ މަސައްކަތްތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސްޓެލްކޯ އަކީ ކަރަންޓުގެ މަސައްކަތްތަކަށް އަންހެނުން ނުކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ކަރަންޓުގެ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ހިންގި "ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯހުގެ ނިންމުން ފާހަގަ ކޮށް، ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިޔާތުގައެވެ.

އެ ކޯހުގައި 20 މީހަކު ބައިވިރިވި ނަމަވެސް، ކޮވިޑާ ގުޅިގެން ދިމާވި ހުރަސްތަކާއެކު ކޯސް ފުރިހަމަކުރީ އޭގެ ތެރެއިން 10 ބައިވެރިއަކު ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ސެޓްފިކެޓް ހާސިލުކުރީ އޭގެ ތެރެއިން އަށް ބައިވެރިއެކެވެ.

ކޯހުގެ ބައިވެރިންނާއެކު، ސްޓެލްކޯގެ އެމްޑީ މުޣުނީ އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން އަދި އެ ކުންފުނީގެ ބައެއް ވެރިން ގުރޫޕް ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ސްޓެލްކޯ

ކޯހުގެ ބައިވެރިންނާއެކު، ސްޓެލްކޯގެ އެމްޑީ މުޣުނީ އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން އަދި އެ ކުންފުނީގެ ބައެއް ވެރިން ގުރޫޕް ފޮޓޯއަކަށް ހުއްޓި ވަޑައިގެން.---ފޮޓޯ: ސްޓެލްކޯ

މިއަދުގެ ހަފުލާގައި ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ، އެ ކޯހުގެ ބައިވެރިންގެ ނަން ތާރީހުގައި ލިޔެވޭނެ ކަމަށެވެ.

"ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިންމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާ ނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް. އެހެން ނަމަވެސް މިއަދުގެ މެނޭޖްމަންޓާއެކު، މި ކުންފުނި ވެފައި މި ވަނީ މި ސިނާއަތައް އަންހެނުން ނުކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް،" މުޣުނީ ވިދާޅުވި އެވެ.

ކަރަންޓުގެ މަސައްކަތްތަކަށް ޝައުގުވެރިވާ އެންމެންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވި މި ކޯހުގައި ހައުސް ވަޔަރިން ސެޓިފިކެޓް ހޯދުމުގެ ޝަރުތު ހަމަވާ އަދި އެ ދާއިރާ އިން އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މީހުން ބިނާކޮށް، އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަތީ ތައުލީމު ފޯރުކޮށްދިނުމާއި ހާއްސަކޮށް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށްލަން،" މުޣުނީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މި ކޯހުގެ އިތުރު ބުރެއް މި ކުންފުނީގައި ފެށިގެން ދިއުން."

ކަރަންޓު ކޯސް ނިންމި ދަރިވަރަކަށް، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން (ކ) މިއަދު ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ސްޓެލްކޯ

ކަރަންޓު ކޯސް ނިންމި ދަރިވަރަކަށް، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން (ކ) މިއަދު ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ސްޓެލްކޯ

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން ކުޑަކަމަށް ކުރިން ފާހަގަކުރެވުނަސް މި ކޯސް ނިންމި އަންހެނުން ކުރިމަގުގައި ވާނީ އެ ދާއިރާ އަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށެވެ.

"މިއީ ދެވަނަ ފަހަރު އަޅުގަނޑަށް ސްޓެލްކޯގެ މިފަދަ ހަފްލާއަކަށް ދައުވަތު ލިބުނު. މި ބިލްޑިންގަށް އަޅުގަނޑަށް ވަދެފައި ނުކުމެވެނީ ފަހުރުވެރިކަމާއެކު. އެއީ ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް ބައިވެރިވެވެނީ ސްޓެލްކޯ އިން އަންހެނުން ބާރުވެރިކުރުމަށް ކުރާ ކޮންމެވެސް މަސައްކަތެއްގައި،" ސްޓެލްކޯ އިން އަންހެނުންނަށް ދޭ އިސްކަން ފާހަގަކުރައްވަމުން ޖީހާން ވިދާޅުވި އެވެ.