Roadha Mihaaru
ރިޒާގެ އެކައުންޓު ފްރީޒްކުރޭ، މުސާރަ ދީ: ނަވާނަވައި

ރިޒާގެ އެކައުންޓު ފްރީޒް ކޮށްގެން ނަމަވެސް މުވައްޒަފުންނަށް މުސާރަދީ: ނަވާނަވައި

05 ޖުލައި 2020

ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އެކައުންޓުތައް ފްރިޒްކޮށް، އެ މީހުންނަށް މުސާރަ ދޭން އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ނަވާނައި އިން ގޮވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އެކައުންޓުތައް ފްރިޒްކޮށް، އެ މީހުންނަށް މުސާރަ ދޭން އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ނަވާނައި އިން ގޮވާލައިފި އެވެ.

ރިޒާގެ ކުންފުނި، "ރިޒް" އިން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދޭ ކަމަށް ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އިއްޔެ ބުނެފައި ވެ އެވެ.

މުސާރައިގެ މައްސަލައިގައި، ބިދޭސީ މުވައްޒަފުންތަކެއް ވަނީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ 13 ދިވެއްސަކު މިދިޔަ ބުރާސްފަތި ދުވަހު ރަހީނުކޮށް، ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް، ދިވެހިން ސަލާމަތްކުރީ މިދިޔަ ހުކުރު ދުވަހު ފަތިހު މާލެ އިން އެ ރަށަށް ދިޔަ ފުލުހުންގެ ޚާއްސަ ޓީމަކުންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކޮށް، އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ދީފަ އެވެ.

ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ނަވާނަވައި" އިން ނެރުނު ބަޔާނުގައި ވަނީ މެމްބަރު ރިޒާގެ އެކައުންޓުތައް ފްރީޒްކޮށްގެން ނުވަތަ އޭނާގެ މުދާތައް ނަގައިގެން ނަމަވެސް މުވައްޒަފުންނަށް މުސާރަ ދޭން ގޮވާލައިފަ އެވެ.

ނަމަވެސް ގާނޫނުގައިވާ ގޮތުން، އެއްވެސް މީހަކު ކުރާ ކުށަކާ ގުޅިގެން އެ މީހެއްގެ މުދަލެއް ނުނެގޭނެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށާއި، ވީ އެންމެ އަވަހަކަށް މުވައްޒަފުންނަށް އިންސާފު ހޯދައިދޭން ވެސް ނަވާނަވައި އިން ސަރުކާރަށް ގޮވައިލި އެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފުނީގެ 203 މުވައްޒަފަކު މަސައްކަތް ކުރެ އެވެ. އެ މީހުންނަށް މުސާރަ ނުދީ، މަސައްކަތް ކުރުވުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ނަވާނަވައި އިން ބުންޏެވެ. އަދި އެއީ އެ މީހުންގެ އާއިލާއަށް ދިން ނުރައްކަލެއް ކަމަށް ވެސް ބުންޏެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުނީ، ރަށުގެ ވެރި ފަރާތް ކަމަށްވާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒާ ވަނީ މި މައްސަލައާ ގުޅިގެން މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ސީލް ކުންފުނިން ބުނީ، އެ ކުންފުނިން ރިޒް ކުންފުންޏަށް ދޭން ޖެހޭ ފައިސާ ދީފައިވާ ކަމަށެވެ.

ނަވާނައި އިން ބުނީ، އެ މީހުންނަށް ގެއްލުން ނުވާނެ ފަދައިން މަޝްވަރާ ކޮށްގެން، ސުލްހަވެރިކޮށް މި މައްސަލަ ހައްލުކުރަން ގޮވައިލާ ކަމަށެވެ.