Roadha Mihaaru
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި

ޑަޔާނާގެ މެމޯރިއަލް ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި

08 ޖުލައި 2020

އަވަހާރަވެފައިވާ ޕްރިސެސް ޑަޔާނާގެ ހަނދާނުގައި އުފައްދާފައިވާ "ޑަޔާނާ، ޕްރިންސެސް އޮފް ވޭލްސް މެމޯރިއަލް ފަންޑް" އެ ކަމަނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމާއި ހެރީގެ މެދުގައި ހަމަހަމަ ބަހަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަވަހާރަވެފައިވާ ޕްރިސެސް ޑަޔާނާގެ ހަނދާނުގައި އުފައްދާފައިވާ "ޑަޔާނާ، ޕްރިންސެސް އޮފް ވޭލްސް މެމޯރިއަލް ފަންޑް" އެ ކަމަނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމާއި ހެރީގެ މެދުގައި ހަމަހަމަ ބަހަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދެ ބޭފުޅުންގެ މެދުގައި ފަންޑް ބައްސަވަން ނިންމަވައި، އެކަމާ ގުޅޭ ލިޔެކިޔުންތަކުގައި ދެ ބޭފުޅުން ސޮއިކުރައްވާފައި ވަނީ މިދިޔަ އަހަރު އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވަޑައިގެންފައި ވަނީ ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ވެސް ދޫކޮށްލައްވަން ނިންމެވުމުގެ ދުވަސްކޮޅެއް ކުރިން ކަމަށް މީޑިއާތަކުން ބުންޏެވެ.

ހެރީ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަނބިކަނބަކުންނާއި ދަރިކަލުންނާ އެކު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

"ޑަޔާނާ، ޕްރިންސެސް އޮފް ވޭލްސް މެމޯރިއަލް ފަންޑް" އަކީ މިހާރު ވެސް އެކި ފަރާތްތަކުން މާލީ ގޮތުން އެހީތައް ލިބޭ ފަންޑެކެވެ. އެކަމަކު އެ ފަންޑަށް ފައިސާ ހޯދަން ފަހުން އެއްވެސް މަސައްކަތެއް ކުރަމުން ގޮސްފައެއް ނުވެ އެވެ.

އެއަށް ލިބޭ އެހީތައް ބޭނުން ކުރަނީ ޑަޔާނާ ދުނިޔޭގައި ހުންނެވި ދުވަސްވަރު އެކަމަނާ އިންސާނިއްތަކަށްޓަކައި ކުރެއްވި މަސައްކަތްތަކަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރޭގައި އެއިޑްސް ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އެހީވުން ފަދަ ކަންކަން ހިމެނެ އެވެ.

މަންމާފުޅުގެ ހަނދާނުގައި އުފެއްދެވި ފަންޑެއް ބައިކޮށްލައްވަން ވިލިއަމާއި ހެރީ ނިންމެވި އިރު، ދެ ބޭފުޅުން ކުރިން އެކީގައި ރޯޔަލް ފައުންޑޭޝަންގެ ދަށުން ހިންގެވި ޗެރިޓީތަކެއް ވެސް ވަނީ ވަކިކޮށްލައިފަ އެވެ. އެގޮތުން ފަހުން ހެރީ އާއި މޭގަން ގުޅިވަޑައިގެން އުފެއްދެވީ ސަސިކްސް ރޯޔަލް ފައުންޑޭޝަނެވެ.

ނަމަވެސް ޝާހީ ޒިންމާތައް ދޫކޮށްލައްވާފައިވާތީ އެ ޗެރިޓީ އުވާލައްވައި ދެ ބޭފުޅުން އުފެއްދެވި ޗެރިޓީ އަކީ "އާޗިވެލް" އެވެ. އެ ޗެރިޓީ ރަސްމީކޮށް ލޯންޗްކުރުން މަޑުޖައްސާލާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައި އޮތް ހާލަތްތަކާ ހެދި އެވެ.

ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން އާއި ހެރީ 2018 ގައި ކައިވެނި ބައްލަވައިގަތް ފަހުން، ހެރީ އާއި ޝާހީ އާއިލާއާ ދެމެދު ގުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. ގިނަ ބަޔަކު އޭގެ ޒިންމާ އަޅުވަނީ މޭގަންގެ އިސްތަށިފުޅުގަ އެވެ.