Roadha Mihaaru
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި

މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި

08 މާޗް 2021

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް، އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުގެ ވާހަކަ ނޫނީ މީޑިއާއަކު ނެތެވެ. ޝާހީ އާއިލާ އިން އެ ދެމަފިރިންނާ މެދު އަމަލުކުރި "ނިކަމެތި" ގޮތާއި ނަސްލީ ތަފާތުކުރުމުގެ ވާހަކަ އިން އެންމެންނަށް ވެސް ލިބުނީ ސިހުމެވެ. އިނގިރޭސި ޝާހީ އާއިލާ އަށް އެރީ ލޮޅުމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް، އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުގެ ވާހަކަ ނޫނީ މީޑިއާއަކު ނެތެވެ. ޝާހީ އާއިލާ އިން އެ ދެމަފިރިންނާ މެދު އަމަލުކުރި "ނިކަމެތި" ގޮތާއި ނަސްލީ ތަފާތުކުރުމުގެ ވާހަކަ އިން އެންމެންނަށް ވެސް ލިބުނީ ސިހުމެވެ. އިނގިރޭސި ޝާހީ އާއިލާ އަށް އެރީ ލޮޅުމެކެވެ.

މި އިންޓަވިއު މިދިޔަ އާދީއްތަ ދުވަހު ސީބީއެސް އިން އާންމުކުރުމުގެ ކުރިން ނެރުނު ޕްރޮމޯއަކާ ވެސް އިނގިރޭސި ޝާހީ އާއިލާ ތެޅިގަތް ތަން ފެނުނެވެ. އެއާ އެކު ބަކިންހަމް ޕެލަސް އިން ބަޔާނެއް ނެރެ، މޭގަން ޝާހީ އާއިލާގެ މުވައްޒަފުންތަކަކަށް ބުލީކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައިވެ އެވެ. އެކަމާ ވިއްދައިގެން މޭގަން ވިދާޅުވެފައި ވަނީ އޭނާ އަކީ ޝާހީ އާއިލާގެ ތެރެއިން ބުލީގެ ޝިކާރަކަށްވެފައިވާ މީހެއް ކަމަށާއި އެ އާއިލާ އިން އަދިވެސް އުޅެނީ ޝަހުސު ކަތިލަން ކަމަށެވެ.

އޯޕްރާ އަށް ހެރީގެ ދެކަނބަލުން ދެއްވި މި އިންޓަވިއު އަކީ 2018 ގައި ކައިވެނި ބައްލަވައިގަތް ފަހުން މިހާ ފާޅުކަން ބޮޑުކޮށް ޝާހީ އާއިލާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލައްވައި ދެކަނބަލުން އެމެރިކާގެ ލޮސް އެންޖެލިސް އަށް ބަދަލުވެ ވަޑައިގަތީ އަމިއްލަ ސާދާ ދިރިއުޅުއްވުމެއްގެ އުންމީދުގަ އެވެ.

އިންޓަވިއުގެ ކުރިން ހެރީ "ލޭޓް ލޭޓް ޝޯ" އަށް ދެއްވި އިންޓަވިއުއެއްގައި، އަނބިކަނަލުންނާއި ދަރިކަލުންނާ އެކު އެމެރިކާ އަށް ބަދަލުވެވަޑައިގަތީ އާއިލާގެ ހިމާޔަތާއި ރައްކަލަކަށް ކަމަށް ވިދާޅުވެފައިވެ އެވެ. އެ ވާހަކަތަކުގެ ފަހުން އޯޕްރާގެ އިންޓަވިއުގައި ވަނީ އެތައް ވާހަކައެއް ތިލަވެ ބޭޒާރުވެފަ އެވެ.

ހެރީ ވިދާޅުވެފައިވާ ގޮތުގައި އާއިލާގެ ތެރޭގައި މޭގަންއާ ދެކޮޅަށް ފެށުނީއްސުރެ "ނުބައި އެޖެންޑާއެއް" ގެންގުޅެފައިވެ އެވެ. އަދި ހެރީގެ މަންމާފުޅު، އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ ހޯއްދެވި ފަދަ މަގުބޫލުކަމާއި ލޯބި މޭގަން އަށް ލިބިދާނެތިީ އެކަމާ ހަސަދަލައިގެން އުޅުނު ބަޔަކު ވެސް އާއިލާގެ ތެރޭގައި ތިބިކަން ފާހަގަކުރައްވާފައިވެ އެވެ. ހަމަ އެއާ އެކު އެ ބޭފުޅުންނާ ދެކޮޅަށް އިނގިރޭސި މީޑިއާ ވެސް ފައި ވިއްދާފައި އޮތް ކަމަށް ހެރީ ވިދާޅުވެފައިވެ އެވެ.

ދެ ގަޑިއިރުގެ މި އިންޓަވިއުގެ އުސްއައްޔަކީ ހަގީގަތުގައި މޭގަން ދެއްކެވި ވާހަކަތަކެވެ. އޭނާ 2018 ގައި ޝާހީ އާއިލާއާ ގުޅުމާ އެކު، ޕްރޮޓޮކޯލްތަކާ ހިލާފުވެ ވަޑައިގަންނަވާ ވާހަކަތަކާއި އަމިއްލަ ބާރުގެ ދަށަށް ހެރީ ގެންދަވަން މަސައްކަތްކުރައްވާ ކަމުގެ ތުހުމަތު އަޅުވާފައިވެ އެވެ. ވަކިން ހާއްސަކޮށް އެ އަޑު ފަހުން ގަދަވީ ޝާހީ ޒިންމާތައް ދޫކޮށްލައްވައި އިނގިރޭސވިލާތަށް ވެސް އަލްވަދާއު ވިދާޅުވާން ނިންމެވި ހިސާބުންނެވެ.

"ފަހަރުގައި ވެދާނެ ޝާހީ އާއިލާގެ ކަންކަން އެހާ ރަނގަޅަށް ނޭނގޭ މީހަކު އާއިލާ ތެރެއަށް ވަނީމާ މި ހުރިހާ ކަމެއް ދިމާވީ ކަމަށް ވެސް. އަހަރެން ހެރީ އާ ކައިވެނިކުރި އިރަކު އެހާ ބޮޑަށް ވިސްނި ކަމެއް ވެސް ނޫން މި މި ވަދެވެނީ ޝާހީ އާއިލާއެއްގެ ތެރެއަކަށް ކަމަކަށް،" ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން ވެސް ކައިވެންޏެއް ކުރެއްވި މޭގަން ވިދާޅުވި އެވެ.

ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި، އެމެރިކާ އަށް އުފަން މޭގަން ވިދާޅުވި ގޮތުގައި އޭނާ ޝާހީ އާއިލާއާ އެކު އުޅުއްވި ދޮޅު އަހަރެއްހާ ދުވަހަކީ ވަރަށް ހިތި ދުވަސްތަކެކެވެ. އާއިލާގެ ތެރެއިން ރުހުން ނުލިބުމާއި ތަފާތުކުރުންތައް ގެންގުޅުމާއި ދަރިކަލުންގެ ހަމުގެ ކުލައާ ގުޅުވައިގެން ތުހުމަތުތައް ކުރުން ފަދަ އެތައް ކަމެކެވެ. އޭގެ ސަބަބުން ތަހައްމަލުކުރައްވަން އުނދަގޫ ނަފުސާނީ އެތައް ކަމަކާ ކުރިމަތިވެ، އަމިއްލަ އަށް ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ވެސް އައި ކަމަށް މޭގަން ވިދާޅުވި އެވެ. އެކަމަކު އެކަމަށް ހިތްވަރު ހޯއްދެވީ ގާތް މީހުންގެ ފަރާތުން ކަމަށް ވިދާޅުވި އެވެ.

"ދިރިހުންނަން ބޭނުންނުވުމުގެ އިހުސާސްތައް އޮތީ އޭރު އަހަރެން ވަށާލާފައި. ޝާހީ އާއިލާގެ ތެރޭގައި ނެތް އަހަންނަށް ހެޔޮއެދޭ އެކަކު ވެސް،" މޭގަން ވިދާޅުވި އެވެ.

"އެކަމަކު ބައެއް ހާލަތްތަކުގައި ރާނީ [އެލިޒަބަތު] އަހަންނަށް ވަރަށް ހެޔޮފުޅު."

އޭނާ ވިދާޅުވި ގޮތުގައި ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަކީ ވެސް އެތައް ފަހަރަކު އެކަމަނާ "ހިތްދަތިކޮށް ރޮއްވާލި" ބޭފުޅެކެވެ. އެގޮތުން، ކައިވެންޏަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅު ކޭޓް ފަރާތުން ފެނުނު ކަންކަމާ ހެދި ވަރަށް ހިތްދަތިވި ކަމަށް ވިދާޅުވި އެެވެ.

"އެއީ ހަގީގަތުގައި އަހަންނާއި މީޑިއާއާ އޮތް ގުޅުން ވެސް ހީނަރުވެގެން ދިޔަ ދަނޑިވަޅަކީ،" މޭގަން ވިދާޅުވި އެވެ.

މޭގަން ވިދާޅުވި ގޮތުގައި ޝާހީ އަށް އާއިލާ އަށް ވަދެވަޑައިގަތް ފަހުން އަމިއްލަ މީހާ ބަދަލުވީ މުޅިން އެހެން މީހަކަށެވެ.

"އަހަރެން ބަދަލުވީ އަހަރެން ނޫން މުޅިން އެހެން މީހަކަށް. ހުރިހާ ދިމާއަކުން ވެސް އޮތީ އެކަހެރިކުރުމާއި ބާކީކޮށްލުމުގެ ސަގާފަތެއް،" މޭގަން ވިދާޅުވި އެވެ.

"ތެދަށް ބުނަންޏާ އަމިއްލަ މިނިވަންކަމާ އެކު ވާހަކައެއް ވެސް ދެއްކުމުގެ ބާރެއް ނެތް. އެހާ ނިކަމެތި ހާލެއްގައި އުޅެން ޖެހުނީ."

ޝާހީ އާއިލާގެ ތެރޭގައި ކަންކަން ހިނގަނީ އާންމުން ދެކޭ ގޮތާ މުޅިން ހިލާފަށް ކަމަށާއި އެތެެރެކޮއިލު އޮތީ "ވަރަށް ނުބައިކޮށް" ކަމަށް ވިދާޅުވެ، އެ އާއިލާ މޭގަން ސިފަކުރެއްވީ "ފާޑެއްގެ ކުންފުންޏެއް"ގެ ގޮތުގަ އެވެ.

މިހާރު ދެވަނަ ދަރިފުޅަކަށް އާލާސްވެއިންނެވި މޭގަން ވިދާޅުވި ގޮތުގައި ފުރަތަމަ ދަރިކަލުން އުފަންވުމުގެ ކުރިން ވެސް ޝާހީ އާއިލާ އިން އޮތީ އެ ކުއްޖާއާ ދޭތެރޭ ކަންތައް ކުރާނެ ގޮތް ނިންމައިފަ އެވެ. އާޗީ ހެރިސަން މައުޓްބެޓަން އަށް އަންނަ މެއި މަހުގެ 6 ގައި ދެ އަހަރު ފުރޭނެ އެވެ.

"ދަރިފުޅުގެ އުފަންވުމުގެ ކުރި އާއި އަދި ޖިންސު ވެސް އެނގުމުގެ މާ ކުރިން ވެސް އާއިލާ އިން އޮތީ ނިންމާފައި އަހަރެމެންގެ ދަރިފުޅަށް ޕްރިންސް ނޫނީ ޕްރިންސެސްގެ ދަރަޖަ ވެސް ނުދޭން. އަދި ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ދަރިފުޅު ކަޅުވާނޭ، އޮންނާނީ ކިހިނެއްހޭ ކަހަލަ ވާހަކަތައް އާއިލާގެ ތެރޭގައި ދެކެވެމުން ގޮސްފައިވޭ." މި ފަހަރު އަންހެން ކުއްޖެއް ލިބިވަޑައިގަންނަވާ މޭގަން ވިދާޅުވި އެވެ.

"ހަގީގަތުގައި ޝާހީ އާއިލާގެ މެމްބަރުންނަށް ލިބޭ ރައްކާތެރި ކަމެއް އަހަންނަކަށް އެއް އިރެއްގައި ވެސް ލިބިފައެއް ނެތް."

މޭގަން ވިދާޅުވި ގޮތުގައި އޭނާއާ ދޭތެރޭ އާއިލާ އިން ކަންތައް ކުރަމުން ދިޔަ ގޮތުން ހެރީ އަށް ވެސް ނަފުސާނީ ގޮތުން އެތައް އުނދަގޫތަކެއް ކުރިމަތިވި އެވެ.

"ހަމަ އަހަރެން ހުރި ފަދަ ހާލެއްގައި ހެރީ ވެސް ހުރީ. އެހެންވީމަ ދެ މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތައް ވެސް ވަރަށް އެއްގޮތް." އޭނާ ވިދާޅުވި އެވެ. "އަހަރެން ވެސް އަބަދު ވެސް ހެރީ ދެކެ ލޯބިވާނަން. އެއީ ޝާހީ ރަސްކަމަކާ ގުޅިފައި އޮތް ކަމެއް ނޫން."

މޭގަން ވިދާޅުވީ ހެރީއާ ކައިވެނި ބައްލަވައިގަތީ ހަގީގީ ލޯބިން ކަމަށެވެ.

"ކެރިއަރާއި އަމިއްލަ ދިރިއުޅުން ގުރުބާންކޮށްފައި ނިންމި ނިންމުމެއް މިއީ. ސަބަބަކީ ތެދުވެރި ލޯބި،" މޭގަން ވިދާޅުވި އެވެ.

އިންޓަވިއުގައި ހެރީ ވިދާޅުވީ އަނބިކަނބަލުން ބޮޑު ހިތްދަތިކަމެއްގެ ތެރޭގައި އުޅުއްވި އިރު ހުންނަވަން ޖެހިވަޑައިގަތީ ޝާހީ އާއިލާގެ ތެރޭގައި "ބަނދެވިފައި" ކަމަށެވެ.

"ބަނދެވިފައި ހުރީ އަހަންނަށް އެކަން އިހުސާސް ވެސް ނުކުރެވޭ ވަރަށް. އަންހެނުން އެހީ އަށް އެދި އާދޭސްކުރި އިރު އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައި،" ހެރީ ވިދާޅުވި އެވެ. "ހަގީގަތުގައި އަހަރެން އެކަންޏެއް ނޫން، ބައްޕަ އާއި ބޭބެ އާއި މުޅި އާއިލާ ވެސް އޮތީ ތާށިކަމެއްގެ ތެރޭގައި."

މޭގަންއާ ދިމާވެ، ކައިވެންޏާ ހަމަައަށް ވަޑައިނުގެންނެވުނު ނަމަ ޝާހީ އާއިލާއާ ފެއަށް ވަޑައިގެންފާނެތޯ އޯޕްރާ އެހުމުން ހެރީ ވިދާޅުވީ އެކަން ވަރަށް ނާދިރު ކަމަށެވެ.

"ހިއެއް ނުވޭ އެއީ ވާނެ ކަމެއް ހެނެއް. އެކަމަކު މޭގަންއާ ދިމާވުމާ ހަމައަށް ވެސް އަހަރެން ހުރީ ވަރަށް ބޮޑު ބަނދެވުމުއްގެ ތެރޭގައި،" ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ވިދާޅުވި އެވެ.

ދެވަނަ ބޭފުޅަކު ލިބިވަޑައިގަންނަވާތީ އެކަމާ ބެހޭ ގޮތުން ދެ ބޭފުޅުން ވެސް ވިދާޅުވީ އާއިލާ މިހާރު އުޅެނީ ހަމަޖެހިލައިގެން ކަމަށެވެ.

"އަންހެނުންނާއި ދެ ކުދިންނާއި އަދި އަހަރެމެންގެ ދެ ކުއްތާއާ އެކު ވަރަށް އުފާވެރި އާއިލާއެއް މިއީ،" ހެރީ ވިދާޅުވި އެވެ.

ހެރީ އާއި މޭގަންގެ އިންޓަވިއުއާ ގުޅިގެން ބައެއް ސެލެބްރިޓީން ވެސް އެ މީހުން ދެކަނބަލުންނާ އެކު ތިބި ކަމަށް ބުނެ ޓްވީޓްކޮށް ހިތްވަރު ދީފައިވެ އެވެ.