Roadha Mihaaru
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް

ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ޕްރިންސް ވިިލިއަމް

12 މާޗް 2021

ޝާހީ އާއިލާ އަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ އާއިލާއެއް ނޫން ކަމަށް ޕްރިންސް ވިލިއަމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހީ އާއިލާ އަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ އާއިލާއެއް ނޫން ކަމަށް ޕްރިންސް ވިލިއަމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

މިހާރު އެމެރިކާގައި ދިރިއުޅުއްވާ ވިލިއަމްގެ ކޮއްކޯފުޅު ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް، މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ އަށް މި ހަފުތާގެ ކުރީކޮޅު ދެއްވި އިންޓަވިއުއެއްގައި އެ ބޭފުޅުންގެ އަލަތު ދަރިކަލުންނަށް ނިސްބަތްކޮށް ނަސްލީ ގޮތުން ވާހަކަ ދެއްކި ކަމަށް ވިދާޅުވެފައިވެ އެވެ. އެ މައްސަލާގައި ވިލިއަމް ވިދާޅުވީ ޝާހީ އާއިލާ އަކީ އެ ޒާތުގެ ޒާތީ ތައައްސުބެއް ގެންގުޅޭ އާއިލާއެއް ނޫން ކަމަށެވެެ.

ވިލިއަމް މި މޭރުމުން ވާހަކަ ދެއްކެވީ އަނބިކަލުން ކޭޓް މިޑްލްޓަނާ އެކު އިރުމަތީ ލަންޑަންގެ ސްޓްރެޓްފޯޑްގެ ސްކޫލަކަށް ޒިޔާރަތްކުރައްވައި ނުކުންނެވިތަނާ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެންނެވެ. ޝާހީ އާއިލާ އަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ އާއިލާއެއްތޯ އެހުމުން ވިލިއަމް ވަރަށް ކުރުކޮށް ވިދާޅުވީ "އެއީ އެފަދަ އާއިލާއެއް ނޫން" ކަމަށެވެ.

އަދި ސީބީއެސް އިން ގެނެސްދިން އިންޓަވިއު އަށް ފަހު ހެރީއާ ވާހަކަ ދެކެވިފައިވޭތޯ އެހުމުން ވިލިއަމް ވިދާޅުވީ އެ ފުރުސަތު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.

"އެކަމަކު އަހަރެން ހެރީއާ ވާހަކަ ދައްކާނަން،" ވިލިއަމް ވިދާޅުވި އެވެ.

ވިލިއަމާއި ކޭޓް ބުރާސްފަތި ދުވަހު ސްޓްރެޓްފޯޑްގެ ސްކޫލެއްގެ ވެރިންތަކަކާ އެކު.

ވިލިއަމާއި ކޭޓް ބުރާސްފަތި ދުވަހު ސްޓްރެޓްފޯޑްގެ ސްކޫލެއްގެ ވެރިންތަކަކާ އެކު.

ހެރީ އާއި މޭގަންގެ އިންޓަވިއުގައި ދަރިކަލުން އާޗީ ހެރިސަން މައުންޓް ބެޓަން އަށް ބަލިވެއިން ދުވަސްވަރު އެ ކުއްޖާ ކަޅުވާނެ ކަމަށް ބުނެ ޝާހީ އާއިލާގެ ބައެއް މީހުން ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކައާ ގުޅިގެން އެއީ ކޮން ބަޔަކު ދެއްކި ވާހަކައެއްތޯ އޯޕްރާ ސުވާލުކުރުމުން މޭގަން އިންނެވީ ހިމޭނުންނެވެ. އަދި ހެރީ ވަނީ އެ ވާހަކަ ދެއްކެވީ މާމާފުޅު އެލިޒަބަތާއި ކާފާފުޅު ޕްރިންސް ފިލިޕް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ހެރީ އާއި މޭގަންގެ އިންޓަވިއުގައި ޝާހީ އާއިލާގެ "އެތެރެކޮއިލު ބޭޒާރުކޮށްލުމުން" އެ ބޭފުޅުންގެ އިންޓަވިއުގެ މައްސަލަ ބަލާނެ ކަމަށް ޝާހީ އާއިލާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްފައި ބުނެފައިވެ އެވެ. އޭގައި ބުނެފައި ވަނީ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގައި "ކަންބޮޑުވާ ވަރުގެ އެތައް ވާހަކައެއް ހުރުމާ އެކު އެކަން ވަރަށް ޕްރައިވެޓްކޮށް ބަލާނެ" ކަަމަށެވެ.

އަދި މޭގަން އާއި ދަރިކަލުން އާޗީ އަކީ އަބަދު ވެސް ޝާހީ އާއިލާގެ ލޮބުވެތި މެމްބަރުން ކަމަށް ޝާހީ އާއިލާ އިން ބުނެފައިވެ އެވެ.