Roadha Mihaaru
އަލީ ވަހީދު އަދި އިސްތިއުފާއެއް ނުދެއްވާ!

ސީރިއަސް ތުހުމަތުތަކެއް ކުރެވުނަސް އަލީ ވަހީދު އަދި އިސްތިއުފާއެއް ނުދެއްވާ!

09 ޖުލައި 2020

އަންހެން ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެންގެވި ނަމަވެސް އޭނާ އަދި އިސްތިއުފާއެއް ނުދެއްވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންހެން ގިނަ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެންގެވި ނަމަވެސް އޭނާ އަދި އިސްތިއުފާއެއް ނުދެއްވަ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު"އަށް ވިދާޅުވީ އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީއެއް އަދި ނުލިބޭ ކަމަށެވެ. އެހެންވެ، ބެލެވޭ ގޮތުގައި ރައީސް، އަލީ ވަހީދު މިއަދު މަގާމުން ވަކިކުރައްވާނެ އވެެ.

ކެބިނެޓުގައި އެކުގައި މަސައްކަތް ކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ގޮތުން ބޭއަދަބީ ވާހަކަތަކެއް ދެއްކެވި އޯޑިއޯއެއް އާއްމުވި މައްސަލާގައި އަލީ ވަހީދާ މެދު ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް ފަހުން ފެންމަތިވި ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކުގައި އިސްތިއުފާ ދެއްވަން އޭނާ އަށް އެންގެވީ ރައީސެވެ.

"އެ ތުހުމަތުތައް އެނގިވަޑައިގަތުމާ އެކު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައީސް ނެންގެވީ،" ހޫދު ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް، މިހާ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި އޭނާ ވަގުތުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ބައެއް މީހުން ދެކެ އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކަމަށް ޝަކުވާ ހުށަހެޅި މީހުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި އެ ވާހަކަތައް އަޑު އެއްސެވި އެވެ. ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. މި މައްސަލަ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އަށް ވެސް އެ މުވައްޒަފުން ވަނީ ހުށަހަޅައިފަ އެވެ. ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން އޭނާ މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ ހަގީގަތް ފަހުން ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.