Roadha Mihaaru
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ

ކުއްލިއަކަށް "ގެއްލުނު" އަޑުބަރޭ ހޯދަން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަނީ

07 ފެބުރުއަރީ 2022

ޝަރީއަތަށް ހާޒިރުވާން އަންގާފައި ވަނިކޮށް ކުއްލިއަކަށް "ވީނުވީއެއް ނޭނގި ގެއްލުނު" ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)ގެ ޖަލު ހުކުމް ތަންފީޒުކުރަން ހާޒިރުކޮށްދޭން އެދުމާ ގުޅިގެން "ބަލަން ޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝަރީއަތަށް ހާޒިރުވާން އަންގާފައި ވަނިކޮށް ކުއްލިއަކަށް "ވީނުވީއެއް ނޭނގި ގެއްލުނު" ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)ގެ ޖަލު ހުކުމް ތަންފީޒުކުރަން ހާޒިރުކޮށްދޭން އެދުމާ ގުޅިގެން "ބަލަން ޖެހޭ ކަންކަން ބަލަމުން" އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުނުކޮށްދީގެންނެވެ. ޣައިރު ހާޒިރުގައި އަޑުބަރޭއަށް ހުކުމްކުރިއިރު އޭނާ ވަނީ އޭގެ ކުރިން ރާއްޖެ އިން ފުރައިފަ އެވެ.

ކޯޓަށް ހާޒިރުވާން އަންގާފައި ވަނިކޮށް، އަޑުބަރޭ ފުރައިގެން ދިޔައީ ބައެއް މީހުން ބުނާ ގޮތުގައި އަލީ ވަހީދު ވެސް ޝަރީއަތަށް ފިއްލަވައިގެން އުޅުއްވާ އިނގިރޭސި ވިލާތަށެވެ.

އަޑުބަރޭ ޖަލަށް ލާން ބެލިއިރު ވީތަނެއް ނޭނގިގެން ކަރެކްޝަނަލް ސާވިސް އިން މިދިޔަ ހަފުތާގައި ވަނީ އޭނާ ހާޒިރުކޮށްދޭން ފުލުސް އޮފީހުގައި އެދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިިއަދު ވިދާޅުވީ އަޑުބަރޭ ހާޒިރުކޮށްދޭން އެދުމާ ގުޅިގެން "ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ" ކަމަށެވެ. އެކަމުގެ އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

ކޯޓުން ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

އެ ހުކުމާ އެކު އަޑުބަރޭ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

ގާޒީ ހަސަން ވިދާޅުވީެފައި ވަނީ އަލީ ވަހީދާ ދެކޮޅަށް ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލަތައް ވެސް ކުރިއަށް ނުގެންދެވި އޮތީ އޭނާ ރާއްޖެ ވަޑައިނުގަތުމުން ކަމަށް ވާއިރު، އެކަމުގައި ވެސް އަޑުބަރޭގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި އަލީ ވަހީދު ރާއްޖެ ވަޑައިނުގެން، ބޭރުގައި ހުންނަވަނީ އަޑުބަރޭގެ އެހީތެރިކަމާ އެކު ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާ ހަވާލާދީ ކޯޓުގެެ ހުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އަޑުބަރޭ 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަޑުބަރޭ 15 ދުވަހަށް ޖަލަށްލިއިރު، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ޖާމިނުވުމުގެ އިގްރާރާ ޚިލާފްވުމުގެ އަދަބެއްގެ ގޮތުން އެއް އަހަރަށް ޖަލަށްލުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެކަމަކު ގާޒީ ނިންމެވީ އަޑުބަރޭގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއް ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނަނީ ގިނަވެގެން 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަހަށް ގޭގައި ބަންދު ކުރުމެވެ.

އަލީ ވަހީދު މިހާތަނަށް ވެސް ރާއްޖެ ގެނެސްފައި ނުވާއިރު، އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގެ އަޑުއެހުމަށް ހާޒިރު ނުވުމުން އޭނާގެ މައްޗަށް ވެސް ދެ މަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ.