Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވްވިކަން އެންގީ ޖަނާޒާ ކުރިއަށް ދަނިކޮށް

މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެންގީ ޖަނާޒާ ކުރިއަށް ދަނިކޮށް!

09 ޖުލައި 2020

ކޮވިޑް-19ގައި އިއްޔެ މަރުވި އަންހެންމީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އައިޖީއެމްއެޗުން އެންގީ، އާންމު މަރެއް ކަމަށް ބަލައި، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށް ބުނެ، އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19ގައި އިއްޔެ މަރުވި އަންހެންމީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އައިޖީއެމްއެޗުން އެންގީ، އާންމު މަރެއް ކަމަށް ބަލައި، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށް ބުނެ، އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 13 ވަނަ މީހާ ކަމަށްވާ ސަކީނާ އިސްމާއިލް، 70،ގެ ހަށިގަނޑު އައިޖީއެމްއެޗުން އާއިލާއަށް ދޫކުރީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ، ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާ ގޮތަށް، ފޯމުގައި ފާހަގަ ޖަހައިފަ އެވެ.

ކޮވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން އިންތިޒާމްކޮށްފައި ހުންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިގެންނެވެ.

އާއިލާގެ މެމްބަރަކު ފޭސްބުކްގައި ލިއުނު ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އައިޖީއެމްއެޗުން އެންގީ "އާއިލާގެ އެންމެން ސަހަރާގައި ތިއްބަ" އެވެ.

"ހޮސްޕިޓަލްގައި އެއްވެސް ކަހަލަ ޕްރޮޓޮކޯލެއް ނެތީ ހެއްޔެވެ؟" އެ ޕޯސްޓްގައި ސުވާލުކޮށްފައިވެ އެވެ.

އޭނާގެ އަނެއް ޝަކުވާއަކީ ކޮވިޑް-19ގެ ޓެސްޓް ނަތީޖާ ލިބުމުގެ ކުރިން ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު ދޫކުރުމެވެ. އެހެންކަމުން އެ ފަރުވާކުޑަކަމުގެ ނުރައްކާ މުޅި އާއިލާއަށް ވެސް ކުރިމަތިވެއްޖެ ކަމަށް، އޭނާ ލިއުނެވެ.

"މިކަހަލަ ކަމެއް ކުރިމަގުގައި ދިމާނުވާނެކަން ކަށަވަރުކުރަން، މި މައްސަލައިގެ ތަހުގީގެއް ހިންގަން އަހަރެމެން ބޭނުމެވެ،" އޭނާ ބުންޏެވެ.

ހަށިގަނޑު ހަވާލުކުރީ ހަރުވާން ފެށުމުން

އާއިލާގެ ކަންބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ ސަކީނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ، މަރުވެފައި އޮންނަތާ ގިނަ އިރުވެ، ހަށިގަނޑު ހަރުވާން ފެށުމުން ކަމަށެވެ.

ފޭސްބުކްގައި ޝަކުވާކުރި އެ އާއިލާގެ މެމްބަރު، އައިޖީއެމްއެޗުން ދިން މައުލޫމާތުތަކަށް ބިނާކޮށް، ލިއެފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދެވުނު އިރު ސަކީނާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވެއްޖެ އެވެ.

އިއްޔެ މަރުވި ސަކީނާގެ އާއިލާ އިން ކުރި ފޭސްބުކް ޕޯސްޓެއް

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "މިހާރު" އަށް ވިދާޅުވީ ސަކީނާގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނުނުކަން އެނގިފައި ނެތުމުން، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ހަށިގަނޑު އިތުރަށް ހަރުވުމުގެ ކުރިން ހޮސްޕިޓަލުން ގެންދާށެވެ.

"ހޮސްޕިޓަލްގައި ހުންނަ ޕްރޮޓޮކޯލްތަކުގެ ސަބަބުން ގިނަ އިރަކު ހަށިގަނޑެއް އަޅުގަނޑުމެންނަކަށް ނުބެހެއްޓޭ ހޮސްޕިޓަލްގައެއް. އެހެންވެ، ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަޅުގަނޑުމެން އެ ހަށިގަނޑު ދޫކޮށްލީ،" އަފީފާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ނަތީޖާ ލިބުމާ އެކު އެކަން ވަގުތުން އާއިލާއަށް އެންގި ކަމަށެވެ. އޭރު ކަށުކަމާކެމީގެ ކަންކަން ނުފަށާ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލަ މިހެން ދިމާވުމުން ކުރިއަށް އޮތް ތަނުގައި އެކަން ތަކުރާރުވިޔަ ނުދޭން މިހާރުގެ ޕްރޮޓޮކޯލްތަކަށް ބަދަލު ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އަފީފާ ވިދާޅުވި އެވެ.