Roadha Mihaaru
މާގިރި ހޮޓެލްގެ އިންޒާރު މީޑިއާތަކަށް!

މާގިރި ހޮޓެލްގެ އިންޒާރު މީޑިއާތަކަށް!

11 ޖުލައި 2020

އެ ހޮޓާލާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި މީޑިއާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުން އަންނަ ކަމަށް، މާގިރި ހޮޓަލުން ރޭ ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެ ހޮޓާލާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި މީޑިއާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނަމުން އަންނަ ކަމަށް، މާގިރި ހޮޓަލުން ރޭ ބުނެފި އެވެ.

މާލޭގައި ހިންގާ އެންމެ ފެންވަރު މަތީ އެއް ހޮޓަލުގެ އެ އިންޒާރު އައީ، ލޮކްޑައުން ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ ހޮޓަލުގައި އުޅޭ ގޮތް ފެންނަ ސީސީޓީވީގެ މަންޒަރުތަކެއް ލިބިފައިވާ ކަމަށް، ބައެއް މީޑިއާތަކުން ބުނުމުންނެވެ.

ލޮކްޑައުންގައި، މާގިރި ހޮޓެލްގެ ދެ ބުރިއެއް ސަރުކާރުން ކުއްޔަށް ނެގި އެވެ. އޭގެ ތެރެއިން އެއް ބުރީގައި ތިބީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނެވެ.

އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ބައެއް މީޑިއާތަކުން ބުނަނީ ސީސީޓީވީ ފުޓޭޖުން ފެންނަނީ އެ މިނިސްޓްރީގެ އެހެން ބައެއް މުވައްޒަފުންގެ ވެސް އަހުލާގީ މައްސަލަތައް ހުރި ކަމެވެ.

އެކަމަކު އެ ވާހަކަ ދޮގުކޮށް މާގިރިން ބުނި ގޮތުގައި ކަސްޓަމަރުންގެ ޕްރައިވަސީ އެ ހޮޓަލުން އަބަދުވެސް ހިފަހައްޓާނެ އެވެ.

"މި ތަނުގެ ސީސީޓީވީ އެއްވެސް ރެކޯޑިންއެއް އާންމު އެއްވެސް މީހަކާ ނުވަތަ މީޑިއާއަކާ ނަމަވެސް ހިއްސާކޮށްފައެއް ނުވާނެ އެވެ،" މާގިރި ހޮޓެލް އިން ކުރި ޓްވީޓެއްގައި ބުންޏެވެ.

"މި މައުލޫމާތާ ފުށުއަރާ ވާހަކަތަކެއް މީޑިއާގައި އުޅޭ ނަމަ އެއީ ދޮގެކެވެ."

މާގިރި ހޮޓަލުން ކުރި ޓްވީޓެއް--

ސީސީޓީވީ ފުޓޭޖް ފެނުނު ކަމަށް ބުނާ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ނޫން އެހެން ބައެއް އަންހެނުން ވެސް ހޮޓަލަށް ވައްދައިގެން ގެންގުޅުނެވެ. އެކަމަކު މި މައްސަލާގައި ސަރުކާރުން ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.