Roadha Mihaaru
އަލީގެ ޓުވީޓެއް، ވިދާޅުވީ ވާހަކަތައް އަދި އޮތީ ކަމަށް

އަލީ ވަހީދުގެ ކުއްލި ޓުވީޓެއް: ވިދާޅުވީ، ދައްކަވަން އުޅުއްވި ވާހަކަ ކުރިއަށް އޮތީ ކަމަށް

11 ސެޕްޓެމްބަރ 2021

އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ، ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުއްލި ގޮތަކަށް ރޭ ޓުވީޓެއް ކުރައްވައި ދިވެހި ދައުލަތަށް މެސެޖެއް ދެއްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ، ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުއްލި ގޮތަކަށް ރޭ ޓުވީޓެއް ކުރައްވައި ދިވެހި ދައުލަތަށް މެސެޖެއް ދެއްވައިފި އެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ހައްޔަރުކުރި ފަހުން ކުރެއްވި ފުރަތަމަ ޓުވީޓެވެ. ނަމަވެސް މި ޓުވީޓް އޭނާ ކުރެއްވިއިރު އިނގިރޭސި ވިލާތުގެ ކަމާ ގުޅޭ އިދާރާގެ ބަންދުން އަލީ މިނިވަންވި ކަމެއް އަދި ނޭނގެ އެވެ. ވިސާގެ މުއްދަތު އިތުރު ކުރަން ނުވަތަ ނުކުރުމާ މެދު އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ގޮތެއް ނިންމި ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.

އަލީގެ ޓުވީޓުގައި ވިދާޅުވީ، ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށެވެ. އަދި ވިދާޅުވީ، އިންސާފުވެރި، އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު "ކޮންމެ ގުރުބާނީއެއް ވާނަން" ކަމަށެވެ.

"އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ދިވެހި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާއެކު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އަލީ ވިދާޅުވި އެވެ.

އަލީގެ ޓުވީޓް

އަލީގެ ގާތް މީހުން ބުނެފައިވާ ގޮތުގައި މީޑިއާ ބްރީފިންގައި އޭނާ އުޅުއްވީ މިހާތަނަށް ނުދައްކަވާ، މުހިންމު މައުލޫމާތުތަކެއް އާންމު ކުރެއްވުމަށެވެ. އޭނާ ކުއްލި ގޮތަކަށް ހައްޔަރުކުރީ އެހެންވެ ކަމަށް ބުނެ އަލީގެ ގާތް މީހުން ވަނީ ދިވެހި ސަރުކާރުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ބުނަމުން އަންނަނީ ހައްޔަރުކުރިކަން ވެސް އެނގުނީ އިނގިރޭސި ފުލުހުން އެންގުމުން ކަމަށެވެ.

އިނގިރޭސި ވިލާތުގެ ފުލުހުން އަލީ ހައްޔަރުކުރީ މިދިޔަ މަހުގެ 25 ގައި ދިވެހި ނޫސްވެރިންނާއެކު އޮންލައިން މީޑިއާ ބްރީފިންއަކަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް އެ ދުވަހުގެ ހެނދުނެވެ. އޭނާ ހައްޔަރުކުރީ އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ގޭގައި އުޅުއްވަނިކޮށް ކަމަށް ވާއިރު، ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އަލީގެ ގާތް ބައެއްގެ ފަރާތުން މީޑިއާ އަށް ލިބުނެވެ.

އިނގިރޭސި ވިލާތުގައި އޭނާ ހައްޔަރުކޮށްފައި ހުރިކަން އެ ގައުމުގެ ފުލުހުންގެ ފަރާތުން ދިވެހި ފުލުހުންނަށް ލިބުނީ މި މަހުގެ ހައެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފަ އެވެ. އެއީ އޭނާ ހައްޔަރުކުރިތާ 13 ދުވަސް ފަހުންނެވެ.

އަލީ ރާއްޖެ ގެނައުމަށް ދިވެހި ފުލުހުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ އޭނާ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ކޮށްފައިވާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ގެނައުމަށް ކަރެކްޝަންސް އިން އެދިފައިވާތީ އެވެ.

އަލީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ދައުލަތުން އޭނާ ފްރޭމް ކޮށްފައިވާ ކަމަށެވެ. މެކްސީމް ޗެމްބާސް ލޯ ފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި އަލީއާ ދެކޮޅަށް ބޭއިންސާފާއި އަނިޔާވެރިކަން ދައުލަތުން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމް ކޮށްފައިވާ ކަމަށެވެ.