Roadha Mihaaru
ސްމިތު ފުރައްސާރައިގެ ޓްވީޓެއް ކުރި މައްސަލަ ބަލަނީ

ސްމިތު ޖިންސީ ފުރައްސައިގެ ޓްވީޓެއް ކުރި މައްސަލަ ބަލަނީ

12 ޖުލައި 2020

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) ކުރި ޖިންސީ ފުރައްސާރައިގެ ޓްވީޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) ކުރި ޖިންސީ ފުރައްސާރައިގެ ޓްވީޓެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ސްމިތު ޓްވީޓް ކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތަށް ވަޒީރުކަމުން ވަކިކުރި އަލީ ވަހީދު މަގާމުގައި ހުންނެވި އިރު މާގިރި ހޮޓަލުގައި ހިންގި ކަމަށް ތުހުމަތުކުރާ ކަންކަމާ ގުޅުވައިގެން މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. މާގިރި ހޮޓަލަށް ގިނަ އަދަދެއްގެ އަންހެން ކުދިން ގެންދިޔަ ބޭފުޅަކީ ސްމިތު ކަމަށް ކޮށްފައިވާ ތުހުމަތަށް ރައްދު ދެއްވައި ސްމިތު ވިދާޅުވީ، އެއީ "ކާމިޔާބު މީހެއް ދޯ" އެވެ.

އެކަމަކު އެ ޓްވީޓަށް ރައްދު ދީ، އެއީ ފިރިހެނެއްގެ ކާމިޔާބުކަން ނޫން ކަމަށާއި އެގޮތަށް ވާހަކަ ދައްކަން ލަދު ވެސް ނުގަނޭހޭ ބުނެ އަންހެނަކު ކުރި ޓްވީޓަކަށް ރައްދުގައި ސްމިތު ވިދާޅުވީ، "ރޭޕްކުރީމަ ކަޑަ ވަނީ ދޯ" ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ އަދި ލަދުވެތި ވާހަކައެއް ކަމަށާއި އެއްވެސް މީހަކާ މެދު އެގޮތަށް މުޚާތަބު ނުކުރެވޭނެ ކަމަށެވެ. އަދި އެ ޓްވީޓްގެ މައްސަލަ މިހާރު ބަލަމުންދާ ކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް ހޫދުގެ ޓްވީޓްގައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ މަގާމުން ވަކިކޮށްފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް މާގިރި ހޮޓެލްގައި އުޅޭ ގޮތް ފެންނަ ސީސީޓީވީ ފުޓޭޖްތަކެއް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި ސްމިތު ވެސް ހިމެނޭ ކަމަށް އެ މީޑިއާތަކުން ބުންޏަސް، އެތަނުގެ ވީޑިއޯއެއް މީޑިއާއަކަށް ދީފައި ނުވާނެ ކަމަށް މާގިރި ހޮޓަލުން ވަނީ ބުނެފަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު ވަކިކޮށް، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެ މައްސަލާގައި، އޭނާ ދިރިއުޅުއްވާ ގެ ފާސްކޮށް، ފޯނާއި ލެޕްޓޮޕް ހިފަހައްޓާފައި ވާއިރު އޭނާގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓައިފަ އެވެ.