Roadha Mihaaru
ޑޮމެސްޓިކް ދަތުރުތަކަށް ވިލާ އާއި މަންޓާ ވެސް ތައްޔާރު

ޑޮމެސްޓިކް ދަތުރުތަކަށް ވިލާ އާއި މަންޓާ ވެސް ތައްޔާރު

12 ޖުލައި 2020

އެތެރޭގެ އުދުހުންތައް، ކޮވިޑް-19 އާ ހެދި ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް ވިލާ އާއި މަންޓާ އެއާލައިން އިން ބުނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެތެރޭގެ އުދުހުންތައް، ކޮވިޑް-19 އާ ހެދި ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް ވިލާ އާއި މަންޓާ އެއާލައިން އިން ބުނެ އެވެ.

ޑޮމެސްޓިކް ދަތުރުތައް ހުއްޓާލައިފައި އޮތުމަށް ފަހު އަންނަ އަންނަ ބުދަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއރު އެތެރޭގެ ދަތުރުތައް ވެސް ފަށައިގަންނާނެ އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި، ދަތުރުތައް ކުރުމަށްޓަކައި އެސްއޯޕީތައް ތައްޔާރުކޮށް ސިވިލް އޭވިއޭޝަނާ އެކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދަތުރުތައް ކުރުމަށްޓަކައި އެކަށީގެންވާ ބުކިން ލިބޭ ވަރަކުން ދަތުރުތައް ބާއްވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރިސޯޓުތައް ހުޅުވަނީ އޮގަސްޓަމަހަށް ފަހުގައި ކަމަށް ވުމުން ޖުލައި މަހުގައި މާގިނަ ދަތުރުތައް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮމެސްޓިކް ދަތުރުތައް ވެސް ރަނގަޅަށް އޮޕަރޭޓްކުރަން ފެށޭނެ ކަމަށް މި ބަލަނީ އޮގަސްޓްގައި. ސަބަބަކީ އަދިވެސް ގިނަ ރިސޯޓުތައް އޮޕަރޭޝަނަށް ނާންނާތީ. މިހާރު ލިބެނީ ވަރަށް މަދު ބުކިންތަކެއް،" އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވީ، ވިލާ އެއާގެ އޭޓީއާރް ފްލައިޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ފްލައިޓްތެރޭގެ ވައި ތަޣައްޔަރު ނުވާ ގޮތަށް އުފައްދާފައިވާ ބޮޑުތަކެއް ކަމުން، ދަތުރުކުރާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި ފަސިންޖަރުން ސެނިޓައިޒްކޮށް، ގަވައިދުން ހުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހުރިހާ ކަމަކަށް ފްލައިޓްގެ ކްރޫ އިން ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ އެއާ އިން ދަތުރުތައް ކުރަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫއަށެވެ. މި ދެ އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ ދެ އަތޮޅެވެ.

ޑޮމެސްޓިކް ދަތުރުތަކާ ގުޅޭ ގޮތުން މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން (މާނު) ވިދާޅުވީ، ރިޒަވޭޝަން ލިބޭ ވަރަކުން ދަތުރުތައް ކުރަމުން ދާނެ ކަމަށެވެ. މިވަގުތު މަންޓާ އެއާ އިން ދަތުރުތައް ކުރަނީ ސީޕްލޭންގަ އެވެ. އޭނާ ވިދާޅުވީ، ދިވެހިންނާއި ޓޫރިސްޓުންނަށް ވެސް ސީޕްލޭންގައި ދަތުރު ކުރެވޭނެ ކަމަށެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރުތައް ކުރަނީ ދ. ކުޑަހުވަދޫ އާއި ބ އަތޮޅަށެވެ. ދަތުރުތައް ކުރުމަށް ތައްޔާރުވެފައިވީ ނަމަވެސް ޝެޑިއުލްކޮށް ފިކްސްޑް ދަތުރުތައް ކުރެވޭ ވަރު ވާނީ ސެޕްޓެމްބަރު ހިސާބުގައި ކަމަށް މާނު ވިދާޅުވި އެވެ.

މަންޓާ އެއާގެ މަތިންދާ ބޯޓެއް-- ފޮޓޯ: މިހާރު

މަންޓާ އެއާގެ މަތިންދާ ބޯޓެއް-- ފޮޓޯ: މިހާރު

މަންޓާ އިން މިހާރު ވެސް އަންނަނީ ސީޕްލޭން ދަތުރުތައް ކުރަމުންނެވެ. އެގޮތުން މާދަމާ ވެސް ސީ ޕްލޭންގެ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދ. ކުޑަހުވަދޫ އާއި ބ އަތޮޅަށް ދާން ބޭނުންވާ މީހުން މަންޓާ އަށް ގުޅައިގެން ރިޒަވޭޝަން ހެއްދޭނެ އެވެ.

"މިހާރުގެ ހާލަތަށް ބަލައި އިރު ދަތުރުތައް ކިރިޔާ ވެސް އިތުރުވާނެ ކަމަށް ބެލެވެނީ އޮކްޓޫބަރު ނޫނީ ނޮވެމްބަރު ހިސާބުގައި،" އޭނާ ވިދާޅުވި އެވެ.ި