Roadha Mihaaru
އެންއައިސީގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވައިފި

އެންއައިސީގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވުމުން މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

12 ޖުލައި 2020

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނައިބު ރައީސާއި އިތުރު ދެ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނައިބު ރައީސާއި އިތުރު ދެ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގައި ތިއްބެވީ، ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އާއި މެމްބަރު އަހުމަދު އަމީންގެ އިތުރުން މެމްބަރު އަހުމަދު ޖިހާދެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ނައިބު ރައީސް ހައްސާންގެ އިތުރުން މެމްބަރު ހަދީޖާ އާއި މެމްބަރު އަމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، އެ ކޮމިޝަންގައި މިހާރު ބާކީ ތިއްބެވީ ދެ މެމްބަރުންނެވެ.

އެ ތިން ބޭފުޅުން އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ރައީސް އޮފީހުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެންއައިސީގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެ މެމްބަރުންނާއި އެ ކޮޮމިޝަންގެ ރައީސް ސުލައިމާން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ. ދެން ހުންނެވި މެމްބަރު ޖިހާދަކީ މި ސަރުކާރުގައި މެމްބަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

އެންއައިސީގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ހިއުމަން ރައިޓްސް ކޮޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެމްބަރު އައިޝަތު އަފްރީން ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.